ads
މާޒިޔާ ޓީމު އޭއެފްސީ މެޗެއްގެ ކުރިން
މާޒިޔާގެ އުއްމީދުތައް އަނެއްކާވެސް ފެނަން
އޭއެފްސީ ކަޕު ކެންސަލު ކުރުމަކީ މާޒިޔާއަށް ދިމާވާނެ ބޮޑު ހިތްދަތި ކަމެކެވެ. ދިވެހި އެހެން ކްލަބުތަކާއި ޚިލާފަށް މާޒިޔާއިން މުބާރާތްތަކަށް ވަކިން ޚާއްސަކޮށް އޭއެފްސީ ކަޕަށް މާ ދުރާލައި، ސީރިއަސްކޮށް ތައްޔާރުވިއެވެ.

އޭއެފްސީ ކަޕުގައި ގްރޫޕް ސްޓޭޖަށް ވުރެ ކުރިއަށް ދެވުނު ހަމަ އެކަނި ދިވެހި ޓީމަކީ ނިއުރޭޑިއަންޓެވެ. ދެހާސް ފަސް ވަނަ އަހަރު އޭއެފްސީ ކަޕުގެ ސެމީއަށް އަދި ދެހާސް ތޭރަވަނަ އަހަރުގެ އޭއެފްސީ ކަޕުގެ ކުއާޓަރއަށް ނިއުއިން ދަތުރުކުރިއެވެ. ނިއުގެ މި ރިކޯޑްތަކާއި ވާދަކުރަން ސީރިއަސްކޮށް ތައްޔާރުވާ ހަމައެކަނި ޓީމަކީ މާޒިޔާއޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.

މާޒިޔާއިން މިއަހަރުގެ އޭއެފްސީ ކަޕަށް ތައްޔާރުވީ އެހެން އަހަރުތަކަށްވުރެވެސް ސީރިއަސްކޮށެވެ. މާކުރިން ބިދޭސީ ކޯޗާއި، ފެންވަރު ރަނގަޅު ބިދޭސީ ކުޅުންތެރިން ހޯދައި، އަދި އެންމެ ފެންވަރު ރަނގަޅު ދިވެހި ކުޅުންތެރިންވެސް ހިމަނައިގެން ވަރުގަދަ ޓީމެއް ހެދިއެވެ. ޕްރިމިލިނަރީ ބުރުގައި ބަންގާޅުގެ ޗެމްޕިއަންގެ މައްޗަށް ކުރި ހޯދައި، ޕްލޭ އޮފްގައި ވަރުގަދަ ބެންގަލޫރުވެސް ކަޓުވާލީ މާކުރިއްސުރެ އެކަމަށް ތައްޔާރުވެ ހިސާބު ޖަހައިގެންނެވެ. އެހިސާބުންވެސް ނިންމާލީކީ ނޫނެވެ. ގްރޫޕް ސްޓޭޖަށްވެސް މާޒިޔާއިން ތައްޔާރުވީ ހަމަ އެންމެ ސީރިއަސްކޮށެވެ. މާޒިޔާއަކީ އަބަދުވެސް މެނޭޖްމެންޓްގެ ފަރާތުން ކޮށްދޭން ޖެހޭ ކަންކަން ފުރިހަމަކޮށްދިނުމުގައި ނަމޫނާ ކްލަބެކެވެ.

ގްރޫޕް ސްޓޭޖުގެ އެއް މެޗަށް ފަހު، ކޮވިޑާ ގުޅިގެން މުބާރާތުގެ މެޗުތައް ފަސްކުރަން ނިންމުމުންވެސް މާޒިޔާގެ މެނޭޖްމެންޓުން އަތް އުރާލައިގެން ތިބީކީ ނޫނެވެ. ބިދޭސީ ކުޅުންތެރިންގެ ތެރެއިން ތިން ކުޅުންތެރިޔަކާއި ކޯޗު އެނބުރި ގައުމަށް ދިޔަ ނަމަވެސް މާޒިޔާއިން ހިއްވަރު ދޫކޮށް ނުލައެވެ. އައު ކޯޗަކާއި، ދިވެހި އެންމެ ރަނގަޅު ކުޅުންތެރިން ޓީމުގައި ހިމަނައި ޓީމު ވަރުގަދަ ކުރިއެވެ. ބިދޭސީ ރަނގަޅު ކުޅުންތެރިންވެސް ހޯދި ކަމަށްވެއެވެ.

ކޮވިޑުގެ ނުރައްކަލުގެ ތެރޭގައިވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެކު މާޒިޔާއިން ގެންދިޔައީ އޭއެފްސީ ކަޕަށް ތައްޔާރުވަމުންނެވެ. ބޮޑެތި ގޮން ޖެހުންތައް ހުރިނަމަވެސް އެންމެ ހިނދުކޮޅަކަށްވެސް ފަސް ބެލުމެއް ނެތިއެވެ.

އެހެންނަމަވެސް މުބާރާތް ކުރިއަށް ގެންދެވޭނެ ގޮތެއް ނެތިގެން އެންމެ ފަހުން އޭއެފްސީން މުބާރާތް ކެންސަލް ކުރީއެވެ. މިއީ މާޒިޔާ އުއްމީދު ކުރި ގޮތަކަށް ޔަގީނުންވެސް ނުވާނެއެވެ. މިއާއި އެކު އޭއެފްސީ ކަޕުގައި ރަނގަޅު ކާމިޔާބެއް ހޯދުމަށް މާޒިޔާއިން ކުރަމުން އައި އިންތިޒާރު އަނެއްކާވެސް ދިގުލައިގެން ދިޔައީއެވެ. އެކަމަކު މާޒިޔާގެ ނަސީބަކީ ނިމުނު ސީޒަންގެ ދިވެހި ލީގުގެ ޗެމްޕިއަންގެ ހައިސިއްޔަތުން އަންނަ އަހަރުގެ އޭއެފްސީ ކަޕުން ޖާގަ ހޯދާފައި އޮތުމެވެ. އިންތިޒާރު ދިގުވިޔަސް މާޒިޔާއިން ތިބީ ދޫދޭ ގޮތަކަށް ކަމަކަށް ނުބެލެވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް