ads
ވެމްކޯގެ މުވައްޒަފުން ކުނި ނެގުމުގައި--
ފްރޮންޓްލައިން އެލަވަންސް ނުލިބި ވެމްކޯގެ މުވައްޒަފުން މާޔޫސްކަމެއްގައި
ކޮވިޑް-19ގެ ބަލިމަޑުކަން ބޮޑުވެ، ރައްކާތެރިކަމުގެ ގޮތުން އޮފީސްތަކާއި މަދަރުސާތައް ބަންދުކޮށް މުޅި މާލެ ބޮޑު ލޮކްޑައުން އަކަށް ދިޔައިރު ވެސް އެ މީހުން ދިޔައީ ބުރަކޮށް މަސައްކަތް ކުރަމުންނެވެ. މިއީ، ތޮއްޖެހިފައިވާ މާލޭގެ ގެތަކުން ކުނި ނެގުމުގައި އުޅުނު ވެމްކޯގެ ހީވާގި މުވައްޒަފުންގެ ވާހަކަ އެވެ.

ބަލިމަޑުކަމާއި އެއްކޮށް ގިނަ ބަޔަކު ގޭގައި ތިބެގެން މަސައްކަތް ކުރުމަށް ފުރުސަތު ފަހިވި ނަމަވެސް، ކުނި ނެގުމުގައި އުޅުނު ވެމްކޯގެ މުވައްޒަފުން ކޮންމެ ދުވަހަކު ވެސް އުޅުނީ ހީވާގި ކަމާއި އެކު އެ މީހުންގެ މަސައްކަތަށް ނިކުމެ އެވެ. ފުރަތަމަ ކޮޅު ކުނި ނެގުމުގައި ކުޑަ ލަސްވުމެއް އުޅުނު ނަމަވެސް، ވެމްކޯ އިން ފަހުން އެ މައްސަލަތައް ހައްލުކޮށް، ލޮކްޑައުން ތެރޭގައި ވެސް މާލެ "ގޮނޑު" ވިޔަކަ ނުދެ އެވެ. މިއީ އެންމެންނަށް ފެނިގެން ދިޔަ ހަގީގަތެކެވެ.

ވެމްކޯގެ ކުނި ނެގުމުގައި އުޅޭ ކުދިން ވަނީ، ކޮވިޑް-19 އާ ގުޅިގެން މޮނީޓަރިން އަށް ލާފައި ހުރި ގެތަކުން ނެރޭ ކުނި ވެސް ރައްކާތެރިކަމާއި އެކު ނަގާފަ އެވެ. މިއީ ހާއްސަ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެކު ވެމްކޯ އިން ކުރި މުހިންމު މަސައްކަތެއް ކަން ކަށަވަރެވެ.

އެކަމަކު ދެރަ ކަމަކީ ރިސްކުތަކާއި އެކު އެ ހުރިހާ ކަމެއްގައި އުޅުނު ވެމްކޯ މުވައްޒަފުންގެ ތެރެއިން އެއްވެސް މީހަކަށް ސަރުކާރުން ދިން "ފްރަންޓްލައިން" އެލަވަންސް ނުލިބޭ ކަމެވެ. ރިސްކް ލެވަލްތަކެއް ކަނޑައަޅައިގެން ދޭ ފްރަންޓްލައިން އެލަވަންސްގެ އެއްވެސް ކެޓަގަރީ އެއްގައި އެ މީހުން ލައްވާ ނުލަ އެވެ. 

އެކަމަކު ކުނި އުކަން ނިކުމެ އުޅުނު ވެމްކޯގެ މުވައްޒަފުން "ފްރަންޓްލައިނަށް" ނުނިކުތް ނަމަ، މާލޭގެ ކުނި މެނޭޖް ކުރާނީ ކިހިނެއް ހެއްޔެވެ؟ އެ މީހުންނަށް އެ އެލަވަންސްގެ އެއްވެސް މިންވަރެއް ހައްގު ނުވަނީ ކީއްވެގެން ހެއްޔެވެ؟

"ކުންފުނިން ވެސް އެ ކުދިންނަށް އެ އެލަވަންސް ހޯދައިދޭން މަސައްކަތް ކުރި ކަމަށް ވަނީ. އެކަމަކު އެކަމުގައި އަލި މަގެއް ނުފެނުނު. ކުނި ނެގުމުގައި މި އުޅޭ ކުދިންނަށް ލިބޭނީ ނުވަ ހާސް ވަރު. މި އެލަވްންސް ލިބިއްޖެ ނަމަ އެ ކުދިންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރަން ފުދޭވަރެއްގެ ބޮޑު އެހީއަކަށް އެކަން ވާނެ،" ކަންބޮޑުވުންތައް ހިއްސާކުރި ވެމްކޯގެ އޮފިޝަލަކު ވިދާޅުވި އެވެ.

އޭނާ ބުނީ މިއީ އެއްވެސް ގޮތަކަށް ސިޔާސީ ކަމެއް ނޫން ކަމަށެވެ. މި ކަންބޮޑުވުންތައް މީޑީއާ އަށް ހިއްސާ ކުރަން ނިންމީ އިތުރު އެއްވެސް ގޮތަކަށް މި ކަމަށް އަލި މަގެއް ނުފެނުމުން ކަމަށާއި، މިއީ ވެމްކޯގެ ކުނި ނެގުމުގައި އުޅޭ މުވައްޒަފުންނަށް ހައްގުވާ އެއްޗެއް ހޯދައި ދިނުމުގެ ގޮތުން ކުރާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކުންފުނިން މަސައްކަތް ކުރޭ އެ އެލަވަންސް ހޯދައިދޭން. އެކަމަކު ކުރިމަގެއް ނުފެނުމުން މީޑިއާ އަށް ހިއްސާކުރަން ނިންމީ. އަސްލު މިއީ ވަރަށް ބޮޑު އެއްޗެއް، ހައްގު އެއްޗެއް. އެ ކުދިން ފްރަންޓްލައިންގެ އެއްވެސް ކެޓަގަރީއެއްގައި ނުހިމެނޭ ސަބަބެއް ނުވިސްނޭ. އެކަން ސަރުކާރުން ސާފުކޮށްދޭން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ.

ސީއެންއެމް އިން ވާހަކަ ދެއްކި، ވެމްކޯގެ އިތުރު މުވައްޒަފުން ވެސް ތިބީ ހަމަ އެ ކަންބޮޑުވުންތަކާއި އެކުގައި، މާޔޫސް ވެފަ އެވެ. 

"އަޅުގަނޑުމެން ވީމާ ސިޔާސީ މީހުންނަކަށް ވެސް އަޑެއް ނީވޭނެ މި ކަންބޮޑުވުންތަކެއް. ސަރުކާރަކަށް ވެސް ނީވޭނެ. މީޑިއާ ތަކުން ވެސް އެހެން ކަންކަމާ އުޅޭ ވަރަކަށް ނޫޅޭނެ،" ފެން ކަޅިވެފައި ހުރެ، ވެމްކޯގެ ކުނި ނެގުމުގައި އުޅޭ މުވައްޒަފަކު ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް