ads
އެމެރިކާ އާއި ރާއްޖެއާ ދެމެދު އެކުލަވާލެވުނު ފްރޭމްވޯކް އެއްބަސްވުމުގައި ސޮއިކުރަނީ-- ފޮޓޯ: ޑިފެންސް މިނިސްޓްރީ/ ޓްވިޓާ
ރާއްޖެ އާއި އެމެރިކާގެ ދިފާއީ ގުޅުން ވަރުގަދަ ކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފި
ދިވެހިރާއްޖެ އާއި އެމެރިކާގެ ދިފާއީ އަދި ސަލާމަތީ ގުޅުން އިތުރަށް ވަރުގަދަކުރުމަށްޓަކައި ދެގައުމުގެ ސަރުކާރުން ގުޅިގެން ފްރޭމްވޯކްއެއް އެކުލަވާލާ އެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

އެއީ "ފްރޭމްވޯކް ފޯ ޔޫއެސް ޑިޕާޓްމަންޓް އޮފް ޑިފެންސް - މޯލްޑިވްސް މިނިސްޓްރީ އޮފް ޑިފެންސް - ޑިފެންސް އެންޑް ސެކިއުރިޓީ ރިލޭޝަންޝިޕް" ގެ ނަމުގައި އެކުލަވާލާފައިވާ ފްރޭމްވޯކް އެކެވެ.

އެކަމަށްޓަކައި އެމެރިކާގައި ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން، ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ވަނީ، އެ ފްރޭމްވޯކްގެ ސަބަބުން، ދިފާއީ އަދި ސަލާމަތީ ކަންކަމުގައި، ދެގައުމުގެ ދެމެދުގައި އޮންނަ ވަރުގަދަ ގުޅުމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ވިދާޅުވެފައެވެ. 

މާރިޔާ ވިދާޅުވީ، އިންޑޯ-ޕެސިފިކް ސަރަހައްދާއި އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަކީ ދެގައުމުގެ މަސްލަހަތާއި ގުޅިފައިވާ ކަމަކަށްވާއިރު، ކޮވިޑް-19 ގެ މި ހާލަތުގައި ވެސް، ކަނޑު ފޭރުމާއި ނިރުބަވެރިކަމާއި ހަރުކަށިފިކުރާއި މަސްތުވާތަކެތީގެ ނުރައްކަލާ، ރާއްޖެއިން ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. 

އެހެންކަމުން، ބައިނަލްއަގްވާމީ ގޮތުންނާއި ސަރަހައްދީ ގޮތުން، ދިވެހިރާއްޖެ ފަދަ ކަނޑުގެ ސަރަހައްދު ބޮޑު ގައުމަކަށް، ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ކުރިމަތިލުމުގައި، ދެގައުމުގެ ސަރުކާރުގެ ދެމެދު މަޝްވަރާކޮށްގެން ކުރިއަށްދިއުން މުހިންމު ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.

އެ ފްރޭމްވޯކްގެ ދަށުން، ދެގައުމުގެ ދިފާއީ މިނިސްޓްރީން ގުޅިގެން، އިތުރު ހަރަކާތްތަކެއް ހިންގުމަށް ވަނީ
ހަމަޖެހިފައެވެ. އޭގެ ތެރޭގައި، ދެގައުމުގެ ދިފާއީ އަދި ސަލާމަތީ ދާއިރާގައި ހިމެނޭ ވެރިންގެ މެދުގައި މަޝްވަރާ ބައްދަލުވުންތައް ބޭއްވުމާއި، ދިވެހިރާއްޖޭގެ ދިފާއީ މުއައްސަސާ އިތުރަށް ހަރުދަނާކުރުމާ ބެހޭ ހަރަކާތްތައް ހިންގުމަށް ފުރުސަތު ތަނަވަސްކުރުން ހިމެނެއެވެ.

އަދި މެރިޓައިމް ސެކިއުރިޓީ ނުވަތަ ކަނޑުމަގުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި އެއްބާރުލުން އިތުރުކުރުމާއި، ނިރުބަވެރިކަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ކުރާ މަސައްކަތްތައް ހަރުދަނާކުރުމުގެ އިތުރުން، ގުދުރަތީ ކާރިސާތަކާއި އިންސާނީ އެހީއަށް ބޭނުންޖެހޭ ހާލަތްތަކުގައި، ގުޅިގެން އޮޕަރޭޝަންތައް ހިންގުން ފަދަ ކަންކަން ހިމެނެއެވެ.

އެ ފްރޭމްވޯކާއި ބެހޭ އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރައްވާފައި ވަނީ، ޑިފެންސް މިނިސްޓަރު މާރިޔާ އެވެ. އަދި އެމެރިކާ ސަރުކާރުގެ ފަރާތުން، އެ އެއްބަސްވުމުގައި ސޮއިކުރައްވާފައި ވަނީ، ޑެޕިއުޓީ އެސިސްޓަންޓް ސެކްރެޓަރީ އޮފް ޑިފެންސް ފޯ ސައުތު އެންޑް ސައުތު އީސްޓް އޭޝިޔާ، ރީޑް ގަވަނާ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް