ads
މާފުށި--
އަލުން ގެސްޓްހައުސް ވިޔަފާރި ފަށަން މާފުށީގައި ފްލޫ ކްލިނިކެއް އަޅަނީ
ކ. މާފުށީގައި ލޯކަލް ޓޫރިޒަމް ފެށުމުގެ ގޮތުން ތައްޔާރީތައް ވާން ފަށައިފި އެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ގެސްޓްހައުސްގެ ވިޔަފާރިކުރަމުން އަންނަ ރަށްތަކުގެ ތެރޭގައި މާފުށި ހިމެނޭނެ އެވެ. އެރަށު ކައުންސިލުގެ ރައީސް އުސްމާން ރަޝީދު ސީއެންއެމްއަށް ވިދާޅުވި ގޮތުގައި އަންނަ މަހުގެ 15 ވަނަ ދުވަހު، ލޯކަލް ޓޫރިޒަމް ފެށުމަށް ސަރުކާރުން ނިންމާފައިވާތީ އެކަމުގެ ތައްޔާރީތައް މިހާރު އެރަށުގައި ވަނީ ފަށާފަ އެވެ. 

އެގޮތުން، ލޯކަލް ޓޫރިޒަމް ފެށުމުގެ ކުރިން ޓޫރިޒަމް މިނިސްޓްރީން ކައުންސިލަށް ސާކިއުލާއެއް ފޮނުވާފައިވާކަން ފާހަގަކޮށް އުސްމާން ވިދާޅުވީ މިނިސްޓްރީގެ ސާކިއުލާގައި ވަނީ އެކަން ފަށައިގަތުމުގެ ކުރިން ހުންނަން ޖެހޭ ކަންކަން ބަޔާންކޮށްފައި ކަމަށެވެ. 

އޭގެ ތެރޭގައި ކައުންސިލުގެ ހުއްދައާއެކު ގެސްޓްހައުސްގެ ވިޔަފާރި ފަށަގަންނައިރު އެރަށެއްގައި ޓާސްކް ފޯހެއް އޮތުމާއި ކަރަންޓީން ފެސިލިޓީއެއްގެ އިތުރުން ފްލޫ ކްލިނިކެއް ވެސް ހުންނަން ޖެހެ އެވެ. 

އެގޮތުން އެރަށުގައި މިވަގުތު ނެތީ ފްލޫ ކްލިނިކެއް އެކަނިކަމުން މިއަދު މިވަނީ ފްލޫ ކްލިނިކެއް އެޅުމަށްޓަކައި ބިންގާ އެޅުމުގެ މަސައްކަތް ފަށާފަ އެވެ. 

މާފުށީ ހެލްތު ސެންޓަރުގެ ގޯތި ތެރޭގައި އަޅާ އެ ފްލޫ ކްލިނިކުގެ މަސައްކަތް ކައުންސިލާއި އެރަށުގެ ވިޔަފާރިވެރިން ގުޅިގެން ކުރަމުން އަންނައިރު އެ މަސައްކަަތަށް ގާތްގަނޑަކަށް ދެލައްކައެއްހާ ރުފިޔާ ހަރަދުވާނެ ކަމަށް އުސްމާން ލަފާ ކުރައްވަ އެެވެ. އެގޮތުން އެއް މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމުމަށް އަމާޒު ހިފާފައިވާއިރު އެކަމަށް ބޭނުންވާ ފައިސާ ހަމަޖައްސާނީ ވެސް ވިޔަފާރިވެރިންނާއި ކައުންސިލުން ކަމަށް އުސްމާން ވިދާޅުވި އެވެ.

އުސްމާން ވިދާޅުވި ގޮތުގައި ހެލްތު ސެންޓަރުގެ ގޯތި ތެރޭގައި ފްލޫ ކްލިނިކް އެޅި ނަމަވެސް އާންމު ބަލިތަކުގެ މީހުންނާއި ފްލޫ ކްލިނިކުން ހިދުމަތްދޭނީ މުޅިން ވަކިންނެވެ. 

އަދި އެރަށުގައި ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރާނީ "ކާނި ހޮޓެލް" ކަން ވެސް ފާހަގަކުރެއްވި އެވެ. އުސްމާން ވިދާޅުވި ގޮތުގައި 18 ކޮޓަރީގެ އެ ގެސްޓްހައުސް ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރުމަށް އެތަނުގެ ވެރިން ވަނީ ކައުންސިލަށް ހުއްދަދީފަ އެވެ.

މާފުއްޓަކީ ގެސްޓްހައުސްގެ ވިޔަފާރިއަށް ބަރޯސާވެފައިވާ ރަށެކެވެ. އެގޮތުން ރަށުގެ 95 އިންސައްތަ މީހުން އެ މަސައްކަތުގައި އުޅޭއިރު އުސްމާން ވިދާޅުވީ ލޯކަލް ޓޫރިޒަމްގެ ސަބަބުން ފައިދާ ނުވާ ހަމަ އެންމެ އާއިލާއެއް ވެސް އެރަށުގައި ނޯންނާނެ ކަމަށެވެ. 

ކޮވިޑް-19 އާ ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތް މުޅިން ހުއްޓުމަކަށް އަ އެވެ. ތިން މަސް ދުވަހަށް ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު މިދިޔަ ޖުލައި މަހުގެ 15 ގައި ބޯޑަރު އަލުން ހުޅުވާލާއި ރިސޯޓުތައް ހުޅިވި ނަމަވެސް ގެސްޓްހައުސްގެ ވިޔަފާރި ފަށައިގެންފައެއް ނުވެ އެވެ. ކޮވިޑްގެ ހާލަތަށް ބަލާއި ސެޕްޓެމްބަރު މަހުގެ ތެރޭގައި ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަދޭނެ ކަމަށް ބުނި ނަމަވެސް ރާއްޖޭގެ ހާލަތު ގޯސްވެ، ގެސްޓްހައުސްތައް ހުޅުވުން މިހާރު އޮތީ އަންނަ މަހުގެ 15 އަށް ފަސްކޮށްފަ އެވެ. މިހާރު ރާއްޖެއިން ދުވާލެއްގެ މައްޗަށް ފެންނަ ކޭސްތަކުގެ އަދަދު މަޑުމަޑުން ދަށްވަމުން އަންނައިރު މިމަހުގެ ފަހުކޮޅު އެ އަދަދުތައް ދަށްވާނެ ކަމަށް ޑޮކްޓަރުން ވެސް ލަފާކުރެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް