ފަންނުވެރިންގެ ހައްގުތައް ރައްކާތެރި ކުރުމާއިބެހޭ ގާނޫނުގެ ޑްރާފްޓެއް ތައްޔާރުކުރާނެ ބަޔަކު ހޯދަނީ
Share
ފަންނުވެރިންގެ ހައްގުތައް ރައްކާތެރި ކުރުމާއިބެހޭ ގާނޫނުގެ ޑްރާފްޓެއް ނޭޝަނަލް ސެންޓާ ފޯ ދި އާޓްސްއިން ދޭ މައުލޫމާތާއި އެއްގޮތަށް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފި އެވެ.
Advertisement

ފަންނުވެރިންގެ ހައްގުތައް ރައްކާތެރި ކުރުމާއިބެހޭ ގާނޫނުގެ މަގުސަދަކީ ރާއްޖޭގައި އާޓްސް ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ހައްގުތަކާއި، މިނިވަންކަން ހިމާޔަތްކޮށް ރައްކައުތެރިކުރުމާއި، އާޓްސް ދާއިރާ ހަރުދަނާ ކުރުމާއި، ދާއިރާގެ ހުރިހާ ބައިވެރިންގެ މަސައްކަތްތައް ރެގިއުލޭޓް ކުރުމާއި، އަދި އެދާއިރާއަކީ ކޮބައިކަމާއި، ދާއިރާގައި ހިމެނޭނެ ކަމަށް ގަނޫނުން ކަނޑައަޅާ ފަރާތްތައް ދަފްތަރުކުރެވޭނެ އާންމު މިންގަނޑުތަކެއް ބަޔާންކުރުމެވެ. 

ހެރިޓޭޖް މިނިސްޓްރީން ބުނީ ފަންނުވެރިންގެ ހައްގުތައް ރައްކާތެރި ކުރުމާއިބެހޭ ގާނޫނުގެ ޑްރާފްޓެއް އެކުލަވާލާނެ ފަރާތެއް ހޯދަމުން އަންނައިރު އެ މަސައްކަތްކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް މައުލޫމާތު ދިނުން އޮންނާނީ މާދަމާގެ ހެނދުނު 11:00 ގައި މިނިސްޓްރީގެ ބިލްޑިންގައި ކަމަށެވެ.

އެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 21 ވަނަ ދުވަހުގެ 11:00 ގައި ޕްރޮޕޯސަލް ހުށަހަޅަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ. އަދި އެކަމުގެ ބީލަމުގައި ބައިވެރިވެވޭނީ ބާ ކައުންސިލުގައި ދަފްތަރު ކުރެވިފައިވާ "ލޯ ފާމު" އަދި "ލީގަލް ޕްރެކްޓިސް" ގޮތުގައި ދަފްތަރު ކުރެވިފައިވާ ފަރާތްތަކަށް އެކަންޏެވެ.

މިނިސްޓްރީން ބުނީ އެ ގާނޫނު އެކުލަވާލެވުމުން ރާއްޖާގައި އާޓްސް ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންނަކީ ކޮބައިކަން ފުރިހަމަގޮތެއްގައި މާނަކުރެވި، ފްރީލޭންސަރުންވެސް ހިމެނޭގޮތަށް އާޓްސް ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންނަށް ޕްރޮފެޝަންލް ސްޓޭޓަސް ލިބިގެންދާނެ ކަމަށެވެ. އަދި އޭގެ ސަބަބުން މަސައްކަތުގެ މާހައުލުގައި ފަންނުވެރިންނަށް ލިބެންޖެހޭ އަސާސީ މުހިއްމު ހައްގުތައް ކަށަވަރު ކުރުމަށް ގާނޫނީ ބާރު ލިބި، ފަންނާނުންނަށް މިހާރު ހުރި ހުރަސްތަކާއި ގޮންޖެހުންތައް ނައްތާލުމަށް މަގުފަހިވެގެން ދާނެ ކަމަށެވެ. 

އެގޮތުން ގާނޫނު އެކުލަވާލާނީ ފަންނުވެރިންގެ އެންޖީއޯތަކާއި އަދި ދާއިރާއިން ތަޖުރިބާ ހާސިލުކޮށްފައިވާ ވަކިވަކި ފަރުދުންގެ ހިޔާލާއި މަޝްވަރާ ހޯދުމުގެ މައްޗަށް ބިނާކޮށް ކަމަށާއި އަދި ގާނޫނު ޑްރާފްޓް ކުރުމުގެ މަރުހަލާގައި މިހާރު ފަންނުވެރިންނަށް ހުރި ގޮންޖެހުންތަކާއި، އެގޮންޖެހުންތައް ނައްތާލުމަށްޓަކައި، ކުރެވިދާނެ ކަންތައްތައް ފަންނުވެރިން ހުށަހަޅާ ކަންތައްތައް ދެނެގަނެ އެ ކަންކަމަށް ރިއާޔަތް ކުރެވޭނެ ކަމަށެވެ.

އޭގެ އިތުރުން އެ ގާނޫނު އެކުލަވާލުމުގައި ރާއްޖޭގެ އާޓްސް ދާއިރާގެ ހާލަތާ، ސަގާފަތާ، ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކަށާއި ބައިނަލްއަގުވާމީ މުއާހަދާތަކާއި އަދި ދުނިޔޭގެ އެހެނިހެން ގައުމުތަކުގައި މިހާރު އަމަލުކުރަމުންދާ އެފަދަ ގާނޫނުތަކުން ކަށަވަރުކޮށްދޭ ހައްގުތަކަށް ރިއާޔަތް ކުރެވޭނެ ކަމަށް ވެސް ބުނެފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް