ads
ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް--
ހުރިހާ ކަމެއް ތަންފީޒު ކުރަމުން މިދަނީ އިންޑިއާއިން އޯޑަރު އަންނަ ގޮތަކަަށް: ޝިޔާމް
ދިވެހިރާއްޖެ ހިންގަމުން މިދަނީ އަވެއްޓެރި އިންޑިއާއިން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން މިއަދު ހަވީރު ބޭއްވި ސައިކަލު ބުރުގައި ޝިޔާމް ވިދާޅުވީ އެ ހަރަކާތަކީ ސުލްހަވެރި ގައުމީ ހަރަކާތެއް ކަމަށެވެ. އަދި އެ އެއްވުމުގައި ފާޅުކުރަމުން ގެންދިޔައީ ގައުމީ ޝުއޫރު ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ މި ސަރުކާރުން މިގައުމު ވިއްކާލަނީ ކަމަށާ މުޅި ގައުމާއި ރައްޔިތުން މިއޮތީ  އަޅުވެތި ކަމަކަށް ހުށަހެޅިފައި ކަމަށެވެ.

އިދިކޮޅުން މިއަދު ބޭއްވި ސައިކަލް ބުރު ފުލުހުން ވަނީ ހުއްޓުވާފައެވެ.

އެކަމާ ގުޅުގެން ޝިޔާމް ވިދާޅުވީ ސައިކަލް ބުރު ހުއްޓުވަން ދިން އޯޑަރަކީ ދިވެހި ރައްޔިތަކު ދޭނެ އޯޑަރެއް ނޫން ކަމަށެވެ. މިއީ ދިވެހިން ދެކެ އިންތިހާއަށް ރުޅި އަންނަ ބަޔަކު ދިން އޯޑަރެއްް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ދިވެހި ލޭ ހިނގާ މީހަކު މިފަދަ ގައުމީ ހަރަކާތެއް ހުއްޓުވަން އޯޑަރު ނުދޭނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

މީގެ ކުރިން މިހާރުގެ ރައީސުލްޖުމްހޫރިއްޔާއިބްރާހީމް މުހައްމަދު ސޯލިހުވެސް މިފަދަ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވި ކަމަށާ އެކަމަކު ފުލުހުން ނުހުއްޓުވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ. މިިއަދުވެސް ކުރިއަށް ގެންދިޔައީ އެފަދަ ގައުމީ ހަރަކާތެއް ކަމަށްޝިޔާމް ވިދާޅުވިއެވެ.

ސައިކަލް ބުރު ހުއްޓުވަން އޯޑަރު ދިނީ ސީދާ މަތިން ކަމަށް ޝިޔާމް ވިދާޅުވިއެވެ. ޝިޔާމް ވިދާޅުވީ މިހާރު މިގައުމު މިހިންގަނީ މިގައުމުގައި ތިބި ބަޔަކު ނޫން ކަމަށާ މިގައުމު ހިންގަނީ އަވައްޓެރި އިންޑިއާއިން ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ހުރިހާ ކަމެއް ތަންފީޒު ކުރަމުން މިދަނީ އިންޑިއާއިން އޯޑަރު އަންނަ ގޮތަކަަށް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ފުލުހުންގެ މުއައްސަސާ އަކީ އެބޭފުޅުން ވަރަށް އިހުތިރާމް ކުރާ ތަނެއް ކަމަށާ އެހެން ނަމަވެސް މިއަދު މިފެންނަނީ މުއައްސަސާތަކުން ގައިރުގާނޫނީ "ލާ ގައުމީ" އަމުރުތައް ތަންފީޒު ކުރަމުން ދާތަން ކަމަށް ޝިޔާމް ވިދާޅުވިއެވެ.

އިދިކޮޅުން ބާއްވާ ހަރަކާތްތަކަށް ހުރަސް ނޭޅުމަށް މިސަރުކާރަށް ގޮވާލާކަމަށް ޝިޔާމް ވިދާޅުވިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެންގުމާ ހިލާފަށް އިދިކޮޅުން ބޭއްވި ސައިކަލު ބުރު ފުލުހުން ވަނީ ހުއްޓުވާފައެވެ. އަދި އެސައިކަލު ބުރުގައި 41 މީހަކު ހައްޔަރު ކޮށްފައިވެއެވެ.

އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި އެޗްޕީއޭގެ އެންގުންތަކާ ހިލާފަށް އެއް ނުވުމަށާއި ރައްޔިތުންގެ ރައްކާތެރިކަން ކުރިއަށް ނެރެ، އެޗްޕީއޭގެ އިރުޝާދުތަކާ އެއް ގޮތަށް އަމަލުތައް ބެހެއްޓުމަށް ހުރިހާ ފަރާތްތަކަށް ފުލުހުން ވަނީ އަންގާފައެވެ.ި

 އެއްވުންތައް ބާއްވާ ފަރާތްތަކާއި އެފަދަ އެއްވުންތަކުގައި ބައިވެރިވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް ފުލުހުން ދީފައިވެއެވެ.

ސައިކަލު ބުރު ބާއްވަން އުޅޭކަމުގެ އަޑުތަކާއެކު މިމަހުގެ 10 ވަނަ ދުވަހު ފުލުހުން ވަނީ ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު އާއި ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވަނީ ފުލުހަށް ހާޒިރުކޮށްފަ އެވެ. އަދި އެގޮތަށް ސައިކަލު ބުރު ނުބޭއްވުމަށް ވެސް އެދުނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް