9770
CONFIRMED

DEATHS
8390
RECOVERED
🌏31,245,797
INFECTED
🌏21,394,593
RECOVERED
🌏963,693
DEATH
🌏68%
RECOVERY RATE
ކޮވިޑް-19 އާ ދެކޮޅަށް ކުރީ ސަފުގައި މަސައްކަތް ކުރާ މީހުންތަކެއް--
އެޗްޕީއޭގެ އެންގުންތަކަށް އަމަލު ކުރުމުގެ ނަތީޖާ ފެންނަން ފަށައިފި!
Share
މި ވަގުތު މުޅި ދުނިޔެއިން ވެސް މި ދަނީ ފާއިތުވި 100 އަހަރުގެ ތެރޭގައި ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމާ ކުރިމަތިލަމުންނެވެ. ލޮލަށް ނުފެންނަ ކުޑަ ވައިރަހަކުން ނުވަ ލައްކައަށް ވުރެ ގިނަ މީހުންގެ ފުރާނަ ގޮސްފައި ވާއިރު، ރާއްޖޭގައި ވެސް 31 މީހަކު މަރުވެއްޖެ އެވެ. އެންމެ ބޮޑަށް ބިރު އޮތީ ކުރިން ވެސް ސިއްހީ މައްސަލަތައް ދިމާވެފައި ތިބި މީހުންނާއި، އުމުރުން ދުވަސްވީ މީހުންނަށެވެ.
Advertisement

އެކަމަކު ހިތާމައަކީ އެމީހުންނަށް އޮތް ނުރައްކަލާ މެދު ބައެއް މީހުންގެ ފަރުވާލެއް ނެތުމުންނެވެ. މަގުމައްޗަށް ނަޒަރު ހިންގާލުމުން އެ މަންޒަރު ފެންނާނެ އެވެ. ކަންކަން މަތީގައި މާސްކު ނާޅާ ސައިކަލުތަކުގައި އެތައް ބަޔަކު ތިބެއެވެ. ކޮންމެހެން މުހިއްމު ނޫން ނަމަވެސް ކެފޭތަކާއި ރެސްޓޯރެންޓުތަކަށް އެބަ ދެއެވެ. އެ ތަންތަނަށް ދިޔުމުން މާސްކު ނަގައިގެން ދުންފަތުގެ އިސްތިއުމާލު ކުރުން ފަދަ ކަންކަން ވެސް ކޮންމެހެން އެބަ ކުރަން ޖެހެ އެވެ.

ކޮވިޑް-19 އާ ގުޅިގެން މާލޭގައި ހަރުކަށި ފިޔަވަޅުތަކެއް ހިންގުމަށް ފަހު، ނިއު ނޯމަލް އަށް ހުޅުވާލުމާއެކު ދެ ތިން ހަފްތާގެ ތެރޭގައި ކޮންޓްރޯލުން ނެއްޓޭ ހިސާބަށް މި ބަލީގެ ކަންތައް ދިޔަ އެވެ. އެއީ އާދައިގެ މަތިން މަގުތައް މަތީގައި ބޭކާރު ގޮތުގައި މީހުން އުޅުމުގެ ސަބަބުންނާއި، ކުރިއެކޭ އެއްގޮތަށް ދިރިއުޅުމުގެ އާދަތައް ބެހެއްޓުމުގެ ސަބަބުންނެވެ. ނިއު ނޯމަލްއަކީ ކޮބައިކަން ނޭނގުނީ ބާވައެވެ؟

ކޭސްތައް އިތުރުވެ، ކޮންޓްރޯލުން ނެއްޓޭ ހިސާބަށް ދިޔުމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަނެއްކާ ވެސް ފިޔަވަޅުތައް ހަރުކަށި ކުރަން ފެށީ އެވެ. ކާފިއު ހިންގާ، ރޭގަނޑު ސައިކަލުގައި ބޭރުގައި އުޅުން މަނާ ކުރީ އެވެ. ކެފޭ، ރެސްޓޯރަންޓުތަކާއި، ފިހާރަތަކަށް ވެސް އިތުރު ބުރައަކަށް ވީ އެވެ. އެކަމަކު ވިސްނާލަން ޖެހޭ ކަމަކީ، އެ އުނދަގޫތަކާ ކުރިމަތިލާން ޖެހުނީ ނިއު ނޯމަލްގައި އަމަލުތައް ހުރި ގޮތުގެ ސަބަބުން ކަމެވެ. 

އެ ފިޔަވަޅުތަކާއެކު މާލޭގެ ކޭސްތައް މިހާރު ވަރަށް ބޮޑަށް ދަނީ ކޮންޓްރޯލް ކުރެވެމުންނެވެ. ސަތޭކައިން މަތީގައި ކޮންމެ ދުވަހަކު ވެސް ބަލި ޖެހޭ މީހުންގެ އަދަދު އުޅުމަށް ފަހު، ރޭގައި ވަނީ 62 އަށް ވެއްޓިފަ އެވެ. މިއީ އެޗްޕީއޭއިން އެޅި ހަރުދަނާ ފިޔަވަޅުގެ ނަތީޖާ އެވެ. އަދި އެ ފިޔަވަޅުތަކަށް ބޯލެނބުމުގެ ނަތީޖާ އެވެ. މިގޮތަށް މިކަން ބާއްވަމާ ހިނގާށެވެ.

ކޭސްތައް މަދުވެ، އަނެއްކާ ވެސް ނިއު ނޯމަލްއަށް ހުޅުވާލާ އެވެ. އެއާއެކު ދެން ވިސްނަންވީ ތިމާގެ ފުރާނަ އަށް ވުރެ އެހެން މީހުންގެ ފުރާނައާ މެދު އެވެ. އަމިއްލަ ނަފްސަށް ބަލި ޖެހިގެން، ބޮޑުވަރު ވެދާނެ ކަމަށް ހީނުވިޔަސް، ދެން ހުރި މީހާއަށް ވާނެ ގޮތަކާ މެދު ވިސްނަންވީ އެވެ. ބޭރުގައި އުޅެފައި އެނބުރި ގެއަށް ދާއިރު ގޭގައި ތިބޭ އުމުރުން ދުވަސްވީ މީހުންނާއި ބަލި މީހުންނާ މެދު ވިސްނަންވީ އެވެ. 

މި ހާލަތުގައި އެންމެ ބޮޑު ގުރުބާނީވަމުންދާ ފްރަންޓްލައިނުގައި މަސައްކަތް ކުރާ ސިއްހީ ފަރާތްތަކާ މެދު ވިސްނަންވީ އެވެ. އެމީހުންގެ އަމިއްލަ ފުރާނަ އަތް މައްޗަށް ލައިގެން ރެއާ ދުވާލު، މެދުކެނޑުމެއް ނެތި ބިރުވެރިކަމުގެ ތެރެއިން މަސައްކަތް ކުރާތާ ހަ މަހަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އެކަމަކު ލޯޑު ބޮޑުވެ، ކޮންޓްރޯލުން ނެއްޓިއްޖެ ނަމަ، އެމީހުންނަށް ވެސް ކުރެވޭނެ ކަމެއް ނޯންނާނެ އެވެ. 

ފެންނަން އޮތް ކަމަކީ އެޗްޕީއޭގެ އާ ފިޔަވަޅުތަކަށް އަމަލު ކުރަން ފެށި ފަހުން ކޭސްތައް މާލޭގައި މަދުވެއްޖެ ކަމެވެ. މުޅި މުޖުތަމައުގެ ރައްކަލަށް މިކަން މިގޮތަށް ބާއްވަން އެބަ ޖެހެ އެވެ. އެހެންކަމުން މިފަދަ ބަލިމަޑުކަމެއްގެ ތެރޭގައި މުޅި ދުނިޔެ އޮތް އިރު، ކުރިއަށް އޮތް ތަނުގައި ވެސް އެޗްޕީއޭގެ އެންގުމަށް އަމަލު ކުރަންވީ އެވެ. އުނދަގޫ ވާނެ އެވެ. އެކަމަކު މިއީ ފުރާނަ ސަލާމަތް ކުރުމަށް އުފުލަން ޖެހޭ ބުރަ އެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް