ads
ބަޝަންދުރާ ކިންގްސްގެ ބިދޭސީ ކުޅުންތެރިން ބަންގްލަދޭޝްއަށް އައި ދުވަހު--
އޭއެފްސީ ކަޕް ކެންސަލް ކުރުމަކީ ބޮޑު ގެއްލުމެއް: އޮސްކާ
މި އަހަރުގެ އޭއެފްސީ ކަޕް ކެންސަލްކުރުމަކީ ވަރަށް ބޮޑު ދެރައެއް ކަމަށް، މި ސަރަހައްދުން މުބާރާތަށް އެންމެ ރަނގަޅަށް ތައްޔާރުވި ބަޝަންދުރާ ކިންގްސްގެ ކޯޗު އޮސްކާ ބްރޫޒޯން ބުނެފިއެވެ. އޮސްކާ ބުރޫޒޯންއަކީ، ކުރިން ރާއްޖޭގެ ނިއުރޭޑިއަންޓުގެ ކޯޗެވެ.

އޭއެފްސީ ކަޕް ކެންސަލް ކުރަން އޭއެފްސީން ހުސްވި ހަފުތާ ތެރޭ ނިންމީ، ކޮވިޑުގެ ނުރައްކަލާ ހުރެ މުބާރާތް ކުރިއަށް ގެންދެވޭނެ ގޮތެއް ނެތުމުންނެވެ. އެހެންނަމަވެސް އޭއެފްސީ ޗެމްޕިއަންސް ލީގު ކެންސަލެއް ނުކުރެއެވެ. އޮސްކާގެ އެންމެ ބޮޑު ކަންބޮޑުވުމަކީވެސް އެއީއެވެ. ސްޕެއިންގެ އޮސްކާގެ ބެލުމުގެ ދަށުން، ބަޝުންދުރާ އިންވަނީ އޭއެފްސީ ކަޕަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ބްރެޒިލްގެ ދެ ކުޅުންތެރިން ހޯދާފައެވެ. މި ދެ ކުޅުންތެރިންނާއި، އާޖެންޓީނާގެ ފޯވާޑު އޭއެފްސީ ކަޕުގެ ތައްޔާރީތަކަށް ބަންގްލަދޭޝްއަށް އައީ، މުބާރާތް ކެންސަލް ކުރަން އޭއެފްސީން ނިންމި ދުވަހުއެވެ. އާޖެންޓީނާގެ ފޯވާޑުވަނީ، މުބާރާތް މެދު ކަނޑާލުމުގެ ކުރިން ކުޅުނު މެޗުގައި ރާއްޖޭގެ ޓީސީ ކޮޅަށް ހަތަރު ލަނޑު ޖަހާފައެވެ. އެ މެޗު ބަޝަންދުރާއިން ކާމިޔާބުކުރީ ފަސް ލަނޑު އެއް ލަނޑުންނެވެ.

އޭއެފްސީ ކަޕު ކެންސަލް ކުރުމަކީ ބޮޑު ދެރައެއް. އަހަރުމެން މިއައީ މި މުބާރާތަށް ވަރަށް ރަނގަޅަށް ތައްޔާރުވަމުން. މާލޭގައި މި މުބާރާތް ބާއްވަން އޭއެފްސީން ނިންމި ހިސާބުން އަހަރުމެން މިއައީ މުބާރާތަށް ތައްޔާރުވަމުން. އޭއެފްސީ ޗެމްޕިއަންސް ލީގުގެ މެޗުތައް ކުރިއަށް ގެންދާ ގޮތަށް ނިންމައި، ހަމަ އެކަނި އޭއެފްސީ ކަޕު ކެންސަލް ކުރަން ނިންމުމަކީ ބަލައިގަންނަން ފަސޭހަ ކަމެއް ނޫން.

އޭއެފްސީ ކަޕް ކެންސަލް ކުރީ ކޮވިޑާ ގުޅިގެން ގިނަ ގައުމުތަކުން މުބާރާތުގެ މެޗުތައް ހޯސްޓް ކުރަން ދެކޮޅު ހެދުމުންނެވެ. އޭއެފްސީގެ ކޮމްޕެޓިޝަން ކޮމިޓީގެ ރިކޮމެންޑޭޝަނާއި އެކު މުބާރާތް ކެންސަލް ކުރަން އޭއެފްސީން ނިންމީ ހުސްވި ހަފުތާ ތެރޭ އޮތް ވަރޗުއަލް ބައްދަލުވުމެއްގަ އެވެ. އޭއެފްސީ ކަޕުގައި މިއަހަރު ރާއްޖޭން ވާދަކުރަނީ މާޒިޔާ އާއި ޓީސީންނެވެ.

ޓީސީން މުބާރާތުގެ ތައްޔާރީގެ މާބޮޑު ކަމެއް ނުކުރި ނަމަވެސް މާޒިޔާއިން އައީ މުބާރާތަށް ސީރިއަސްކޮށް ތައްޔާރުވަމުންނެވެ. މުބާރާތް ކެންސަލް ކުރަން އޭއެފްސީން މިއަދު ނިންމިއިރު، ޓީސީއާއި މާޒިޔާ ހިމެނޭ ގްރޫޕުގެ މެޗުތައް މާލޭގައި ކުޅުމަށް އެފްއޭއެމުން އައީ މަސައްކަތް ކުރަމުންނެވެ. މިއަހަރުގެ މުބާރާތް ކެންސަލް ކުރަން އޭއެފްސީން ނިންމިއިރު، ކޮވިޑާއި ގުޅިގެން މިއަހަރުގެ މާރިޗު މަހު، އޭއެފްސީ ކަޕުގެ މެޗުތައް ވަނީ މެދުކަނޑާލާފަ އެވެ. އޭގެ ފަހުން، ފޯމެޓަށް ބަދަލު ގެނެސް، ސިންގަލް ވެނިއުއެއްގައި ކުރިއަށް ގެންދަން އޭއެފްސީން ނިންމި އެވެ. އެހެންނަމަވެސް ގްރޫޕް ސްޓޭޖުގެ މެޗުތައް ހޯސްޓް ކުރުމަށް ގިނަ ގައުމުތަކުން ދެކޮޅު ހެދިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް