ads
ގއ. ވިލިނގިލި-- ހަލީމް ޓްވިޓާ
ގއ. ވިލިނގިލިން ދަނޑުވެރިކަން ކުރުމަށް ވަގުތީ ބިން ދޫކުރުމުގެ އުސޫލް އާއްމުކޮށްފި
ގއ. ވިލިނގިލިން ދަނޑުވެރިކަން ކުރުމަށް ވަގުތީ ބިން ދޫކުރުމާއި ގުޅޭ އުސޫލް ވިލިނގިލީ ކައުންސިލުން އާއްމުކޮށްފިއެވެ.

ވިލިނގިލީ ކައުންސިލްގެ އިދާރާއިން މިއަދު އާއްމުކޮށްފައިވާ "ދަނޑުވެރިކަން ކުރުމަށް ވަގުތީ ބިން ދޫކުރުމުގެ އުސޫލް" ގައި ވާގޮތުން ދަނޑުވެރިކަން ކުރުމަށް ބިންކަނޑައަޅައި ބިން ދޫކުރާނީ ވިލިނގިލި ކައުންސިލްގެ އިދާރާއިން ނެވެ. 

އަދި ދަނޑުވެރިކަން ކުރުމަށް ވަގުތީ ދަނޑުބިން ދޫކުރާނީ ވިލިނގިލީގައި އިމާރާތާއި ގޯތީގެ ރެޖިސްޓްރީ އޮތް ދިރިއުޅޭ ފެންވަރަށް އިމާރާތް ކުރެވިފައިވާ ގެއެއްގެ ނަމުގައި، އެގޭގެ ވެރިފަރާތަށް ނުވަތަ އެގޭގެ ރަށްވެހިންގެ ރެޖިސްޓްރީގައި ހިމެނިފައިވާ ކޮންމެވެސް އެއްފަރާތަކަށް ކަމަށާއި އަދި އެފަރާތަކީ ވިލިނގިލީގައި ދިރިއުޅޭ ފަރާތަކަށް ވާންޖެހޭނެކަމަށްވެސް އުސޫލްގައި ވެއެވެ.

ވަގުތީ ދަނޑުބިމުގެ ގޮތުގައި 2000 އަކަފުޓާއި 5000 އަކަފޫޓާއި ދެމެދުގެ ބިމެއް ދޫކުރާއިރު ދަނޑުބިން  ދޫކުރާނީ އެއް އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަކާއި ނުލަކަމަށް ބަޔާންކޮށްފައިވެއެވެ. 

އަދި ދަނޑުވެރިކަން ކުރުމަށް ދޫކުރެވޭ ބިމެއް، ބިން ހަވާލު ކުރާ ފަރާތުން އެހެން ފަރާތަކަށް ކުއްޔަށް ނުވަތަ އެނޫންގޮތަކަށް ނަމަވެސް ނުދެވޭނެކަމަށާއި ދަނޑުވެރިކަން ކުރުމަށް ހަވާލު ކުރާ ބިމުގައި އިމާރާތްއަޅައި ދާއިމީ ބިނާ ހަދައިގެން ނުވާނެކަމަށްވެސް ބުނެފައިވެއެވެ. ނަމަވެސް ދަނޑުވެރިކަމުގެ މަސައްތަށް ބޭނުންވާ ތަކެތި ރައްކާކުރުންފަދަ ކަންކަމަށް ކޮންމެހެއް ތަނެއް އަޅަން ޖެހިއްޖެ ނަމަ އެފަދަ ވަގުތީ ތަނެއް އެޅިދާނެ ކަމަށާއި އަދި އެފަދަ ތަނެއް އެޅިނަމަވެސް އެއްވެސް ސަބަބަކާއި ހުރެ ބިން ދޫކޮށްލަން ޖެހިއްޖެ ހާލަތެއްގައި އެފަދަ ތަންތަނަށް ބަދަލު ނުދެވޭނެ ކަމަށް ބުނެފައިވެއެވެ.

ދަނޑުބިން ދޫކުރާ ފަރާތްތަށް ދަނޑުވެރިކަން ކުރާކަމަށް ބެލެވޭނީ ފަލަމަޑީގެ ބާވަތްތަކާއި، ތަރުކާރީ އަށް ނިސްބަތްވާ ބާވަތްތައް އަދި މޭވާ އަށް ނިސްބަތްވާ ބާވަތްތަކުގެ އިތުރުން ފަތްޕިލާވެލީގެ ބާވަތްތައް ހައްދާކަމުގައި ވާނަމައެވެ. އަދި ދޫކުރާ ދަނޑުބިންތަކުގައި ލަކުޑިއަށް ނިސްބަތްވާ ބާވަތް ތަކުގެ ގަސްތައް ހެއްދުން މަނާވާނެކަމަށް ބުނެފައިވެއެވެ. އަދި ދިވެހި ރުކާއި ގިނަ ދުވަހުން މޭވާ އާއި ތަރުކާރީ ލިބޭ ބާވަތްތަކުގެ ގަސްތައް ހިމެނެއެވެ.

ހައްދާ ބާވަތްތަކުގެ ތަފްސީލާއި، ލިބޭ އާމުދަނީގެ ތަފްސީލް މީލާދީން ކޮންމެ ތިން މަހަކުން އެއް ފަހަރު ކައުންސިލަށް ލިޔުމުން ހުށަހަޅަމުން ގެންދަން ވާނެކަމަށް ބުނެފައިވާއިރު، ދަނޑުވެރިކަން ކުރުމަށް ދޫކޮށްފައިވާ ބިމުން ބޭރުގައި އެއްވެސް އެއްޗެއް އިންދާ ހެއްދުން އަދި އިމުން ބޭރުގައި ތަކެތި ބެހެއްޓުމާއި، އިމުން ބޭރުގައި ވަޅުކޮނުމުގެ އިތުރުން ހުސްބިންތަކުންނާއި އެނޫން ވެސް ތަންތަނުން ވެލިނަގައި ( ކަޅުފަސް ) އެ ވެލި ބޭނުން ކުރުމަކީ މަނާކަމެއް ގޮތުގައި ކަނޑައަޅާފައިވެއެވެ. 

އަދި މީގެ އިތުރުން ދަނޑުވަށައިގެންވާ މަގުތައް ސާފުނުކޮށް ބޭއްވުމާއި، ތިން މަސް ދުވަހަށް ވުރެ ގިނަ ދުވަސް ވަންދެއް ދަނޑުގޮވާން ނުކޮށް  ބޭއްވުވެސް މަނާކަމެއްގެ ގޮތުގައި ކަނޑައަޅާފައިވެއެވެ.

އެ އުސޫލާއި ހިލާފަށް އަމަލުކޮށްފިނަމަ ދަނޑުވެރިކަން ކުރުމަށް ބިން ހަވާލު ކުރި ފަރާތަށް ފުރަތަމަ ފަހަރަށް ނަސޭހަތް ތެރިވުމަށް ފަހު، ތަކުރާރުކޮށްފިނަމަ އެ ކުރި ކަމެއްގެ ކުޑަބޮޑު މިނަށް ބެލުމަށްފަހު ފުރަތަމަ ފަހަރަށް 500 ރުފިޔާ އާއި 1500 ރުފިޔާ އާއި ދެމެދުގެ ޖުރުމަނާ އެއް ކުރާގޮތަށާއި އިތުރަށް ތަކުރާރުކޮށްފިނަމަ އިތުރު އެންގުމަކާއި ނުލައި ދަނޑުބިން ވަކި ކުރުމަށްފަހު ދަނޑުވެރިންގެ ދަފުތަރުން އެއް އަހަރު ދުވަހަށް ސަސްޕެންޑް ކުރެވޭނެކަމަށް ވެސް އުސޫލްގައި ބަޔާންކޮށްފައިވެއެވެ.

އެ އުސޫލު މިއަދު ގެޒެޓްކޮށްފައިވާއިރު އެ އުސޫލު ކައުންސިލުން ފާސްކޮށް އާއްމު ކުރާ ދުވަހުން ފެށިގެން އެޔަށް އަމަލުކުރަން ވާނެކަމަށް ބަޔާކޮށްފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް