ads
ހެލްތު މިނިސްޓްރީ
ހަތަރު އަހަރު ފަހުން ކޮމިޝަނާ އޮފް ކޮލިޓީ އެޝުއަރެންސްގެ މަގާމަށް ކުރިމަތިލުމަށް ހުުޅުވާލައިފި
ސިއްހީ ހިދުމަތުގެ ފެންވަރު ބެލުމަށް އައްޔަން ކުރާ ކޮމިޝަނާ އޮފް ކޮލިޓީ އެޝުއަރެންސްގެ މަގާމު ހުސްވެފައި އޮންނަތާ ހަތަރު އަހަރު ފަހުން އެމަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

ކޮމިޝަނާ އޮފް ކޮލިޓީ އެޝުއަރެންސަކީ 2015 ވަނަ އަހަރު އަމަލު ކުރަން ފެށި ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ ދަށުން ސިއްހީ ހިދުމަތުގެ ފެންވަރާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އައްޔަން ކުރާ މަގާމެކެވެ.

ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގައި، ވަނީ ސިއްހީ ހިދުމަތްދޭ ތަންތަނުގައި ކަންކަން ހިންގަނީ ގާނޫނާއި އެގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގައި ބަޔާންކުރާ ކަންކަމުގެ މަތިންކަން ކަށަވަރުކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް، "ކޮމިޝަނަރ އޮފް ކޮލިޓީ އެޝުއަރެންސް"ގެ ނަމުގައި މަގާމެއް އުފައްދައި، އެމަގާމަށް މީހަކު ޢައްޔަންކުރަންވާނެކަމަށެވެ. އެހެންނަމަވެސް 4 އަހަރު ފަހުން މީހަކު އައްޔަން ކުރުމަށް މިވަނީ އިއުލާން ކޮށްފައެވެ.

އެމަގާމަށް މީހަކު އައްޔަންކުރަން ޖެހެނީ ސިވިލް ސާވިސް ކޮމިޝަނުންނެވެ. އެހެން ނަމަވެސް މިއަދާ ހަމައަށްވެސް މީހަކު އައްޔަންކޮށްފައި ނުވާތީ އެމައްސަލަ މީގެ ކުރިން ރައްޔިތުންގެ މަޖިލީހުންވެސް ބަލަން ފަށާފައިވެއެވެ.

ސިވިލް ސާވިސް ކޮމިޝަނުން މިއަދު ކުރި އިއުލާނުގައި ބުނެފައިވަނީ ވަނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.މަގާމުގެ ޝަރުތަކީ ކޮލިޓީ އެޝުއަރެންސްގެ ދާއިރާ އިން މާސްޓާސް ނުވަތަ އެއަށް ވުރެ މަތީ ސަނަދެއް އޮތުމާ އެކު ހަ އަހަރުގެ ތަޖްރިބާ ހުރުމެވެ.

ކޮމިޝަނަރ އޮފް ކޮލިޓީ އެޝުއަރެންސްގެ ޒިންމާތަކުގެ ތެރޭގައި ސިއްހީ ހިދުމަތުގެ ފެންވަރު ކަށަވަރުކުރުމަށާއި، މުވައްޒަފުންނާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ރައްކާތެރިކުރުމަށް އެކުލަވާލަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް އެކުލަވާލުން ހިމެނެއެވެ. އަދި ސިއްހީ ހިދުމަތުގެ ފެންވަރު ކަށަވަރުކުރުމަށާއި، ސިއްހީ ހިދުމަތްދޭ ތަންތަނުގެ މުވައްޒަފުންނާއި ހިދުމަތް ހޯދާ މީހުން ރައްކާތެރިކުރުމަށް އެކުލަވާލަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް ފުރިހަމަވެފައިވޭތޯ ކަށަވަރުކުރުމާއި، އަމަލުކުރެވެމުންދާ މިންގަނޑުތަކާއި އުސޫލުތައް މުރާޖާކޮށް އިސްލާޙުކުރުން ހިމެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް