ads
ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް
އެމްޑީޕީ ބައިބައިވެގެނެއް ނުދާނެ: ހަސަން ލަތީފް
އެމްޑީޕީ ބައިބައި ކުރަން ބަޔަކު ކުރާ މަސައްކަތަކީ ވަރަށް ބޭކާރު މަސައްކަތެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.

ހަސަން ލަތީފް މިހެން ވިދާޅުވިއިރު އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ރައީސް ނަޝީދު މަސައްކަތް ފެއްޓެވި ހިސާބުން އެމްޑީޕީގެ އެތެރޭގައި ވަނީ ވަރަށް ބޮޑަށް ހިޔާލުތަފާތުވުން އުފެދިފައެވެ.

ހަސަން ލަތީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީ ބައިބައި ވެގެން ނުދާނެ ކަމަށާ އެކަން ނުވެސް ކުރެވޭނެ ކަމަށެވެ. ޕާޓީގެ މެންބަރުން އެ ކަން ވިޔަކަ ނުދޭނެ ކަމަށް ހަސަލް ލަތީފް ވިދާޅުވިއެވެ.

ހަސަން ލަތީފް ވިދާޅުވީ އެމްޑީޕީ ބައިބައި ކުރެވިދާނެ ކަމަށް ހީކޮށް އެ މަސައްކަތް ކުރާ މީހުން ވެސް އެ ކުރަނީ ވަރަށް ބޭކާރު މަސައްކަތެއް ކަމަށެވެ.

ރައީސް ނަޝީދު އިސްވެ ހުންނަވާ ފައްޔާޒު އިސްމާއީލްގެ އިތުބާރު ނެތް ކަމުގެ މައްސަލ މަޖިލީހަށް ވެއްދުމަށް ނިންމެވި ހިސާބުން އެމްޑީޕީގެ އިސް ބައެއް މަޖިލިސް މެމްބަރުންވެސް ވަނީ ރައީސް ނަޝީދާ ދެކޮޅަށް ތެދުވެވަޑައިގެން ފައްޔާޒުގެ ދިފާއުގައި ވާހަކަ ދައްކަވާފައެވެ.

މީގެ އިތުރުން އެމްޑީޕީ ގެ ޗެއާޕާސަންކަމުން ހަސަން ލަތީފް ވަކިކޮށްދިނުމަށް އެދި އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ނައިބު މުގައްރިރު ޝުއައިބް އަލީ ވަނީ އެ ޕާޓީގެ އެންމެ އިސް ލީޑަރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީފުޅެއް ވެސް ފޮނުއްވާފައެވެ.

އެ ސިޓީފުޅުގައި ހަސަން ލަތީފަށް ތުހުމަތު ކުރައްވާފައި ވަނީ ރައީސް ސޯލިހްއާ ދެކޮޅަށް ބަގާވާތެއް ކުރާ ކަމަށެވެ.  

އެ ސިޓީގައި ވިދާޅުވެފައި ވަނީ ޕާޓީގެ އެންމެ އިސް ފަރާތަކީ އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ހަސަން ލަތީފް ވިދާޅުވެފައި ވަނީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ކަމަށެވެ. 

ޝުއައިބް އިޝާރާތް ކުރައްވާފައި ވަނީ ނަޝީދުއާ މެދު ފިޔަވަޅު އަޅައިދިނުމަށް އެދި ފޮނުއްވި ސިޓީއެއްގެ ޖަވާބުގައި ހަސަން ލަތީފް ވިދާޅުވި ވާހަކައަކަށެވެ. 

އެ ސިޓީގައި ހަސަން ލަތީފް ވިދާޅުވެފައި ވަނީ ޕާޓީގެ އެންމެ އިސް މަގާމަކީ ޕާޓީގެ ރައީސްގެ މަގާމު ކަމަށެވެ. އަސާސީ ގަވާއިދުގައި ވެސް ވަނީ އެގޮތަށް ކަމަށް ހަސަން ވިދާޅުވިއެވެ.

އެމްޑިޕީގެ އަސާސީ ގަވައިދުގެ 75 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ ޕާޓީ މެމްބަރަކު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނަ ނަމަ ޕާޓީގެ އެންމެ އިސް ފަރާތަކީ އެމީހަކު ކަމަށެވެ. އަދި އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮންނަ އިރު ޕާޓީގެ އެންމެ އިސް ފަރާތަކީ ޕާޓީގެ ރައީސް ކަމަށް ވެސް އެ މާއްދާގައި ވެއެވެ. 

ނަމަވެސް ޕާޓީގެ އެންމް އިސް މަގާމަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކަނޑައަޅާފައެއް ނުވެ އެވެ. އަސާސީ ގަވާއިދުގެ 78 ވަނަ މާއްދާގައިވާ ގޮތުން އެންމެ އިސް މަގާމަކީ ޕާޓީގެ ރައީސް އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް