ads
ހދ. ވައިކަރަދޫ ކަނޑޫފަލުގެ ބޮޑު ބަޔެއް މަރުވެފައި-- ފޮޓޯ: އަލީ ރިފްހާން
ދެ ހަފްތާ ތެރޭ ވައިކަރަދޫ ކަނޑޫފަލުގެ ބޮޑު ބައެއް މަރުވެއްޖެ
ރާއްޖޭގެ ކަނޑޫފާތައް މަރުވާން ފަށާފައި ވަނިކޮށް، ހިމާޔަތްކޮށްފައިވާ ހދ. ވައިކަރަދޫގެ ކަނޑޫފާ ވެސް ހަލާކުވެ މަރުވާން ފަށައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ކަނޑުފާތަކުގެ ތެރޭގައި ހިމެނޭ ވައިކަރަދޫ ކަނޑޫފަލުގެ ބޮޑު ބައެއް މަރުވެފައިވާ ފޮޓޯތައް ސޯޝަލް މީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ. 

ވައިކަރަދޫއަށް ނިސްބަތްވާ އަލީ ރިފްހާން ސީއެންއެމަށް ބުނީ ކަނޑޫފާ މަރުވާން ފަށާފައި ވަނީ މީގެ ދެ ހަފްތާ ވަރު ކުރިން ކަމަށެވެ. އެގޮތުން ކަނޑޫފަލުގެ ބޮޑު ބައެއް މަރުވެފައިވާ ކަމަށް އޭނާ ބުންޏެވެ. 

"މިހާރު ސަލާމަތުން ހުރީ ކަނޑޫފަލުގެ ވަށައިގެންވާ ބޮޑެތި ގަސްތައް އެކަނި،" އޭނާ ސީއެންއެމަށް މައުލޫމާތު ދެމުން ބުންޏެވެ. 

your imageހދ. ވައިކަރަދޫ ކަނޑޫފަލުގެ ބޮޑު ބަޔެއް މަރުވެފައި-- ފޮޓޯ: އަލީ ރިފްހާން

ރިފްހާން ވަނީ ކަނޑޫފަލަށް ވެފައި ހުރި ގެއްލުން ބަލަން ޑްރޯން ބޭނުންކޮށްގެން ފޮޓޯ ނަގާފަ އެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުގައި ކަނޑޫފަލުގެ މެދުގައި ހުރި ގަސްތައް ވަނީ އެކީ މަރުވެފަ އެވެ. އަދި ގަސްތަކުން ފަތް ފައިބާ، ބިމުން ފެން ހިކިފައިވާ މަންޒަރު ފެނެ އެވެ. 

ވައިކަރަދޫގެ ރައްޔިތުން ބުނާ ގޮތުގައި ކަނޑޫފާ އެހާ ބޮޑަށް މަރުވެފައި ވަނީ ވަރަށް ކުޑަ މުއްދަތެއްގެ ތެރޭގަ އެވެ. އެގޮތުން މިދިޔަ ޖޫން މަހު ރިފްހާން ރަށަށް ދިޔައިރު ވެސް އެތަން އޮތީ ރަނގަޅަށް ކަމަށް އޭނާ ބުނެ އެވެ. 

your imageހދ. ވައިކަރަދޫ ކަނޑޫފަލުގައި ހުރި ގަސްތައް މަރުވެފައ-- ފޮޓޯ: އަލީ ރިފްހާން

ވައިކަރަދޫ ކައުންސިލުން ވަނީ އިއްޔެ މި މައްސަލާގައި ބައްދަލުވުމެއް ބާއްވާ، އެންވާރަމަންޓް މިނިސްޓްރީ އާއި، އެންވާރަމަންޓް ޕްރޮޓެކްޝަން އޮތޯރިޓީ (އީޕީއޭ) އަދި ކަމާ ބެހޭ އެހެން ފަރާތްތަކުގެ ސަމާލުކަމަށް އެކަން ގެނައުމަށް ނިންމާފަ އެވެ. 

ވައިކަރަދޫ ކަނޑޫފަލަށް ދިމާވެފައި މިވާ މައްސަލަ ހއ، ހދ، ށ، އަދި ނ. އަތޮޅުގެ ރަށްތަކުގެ ކަނޑޫފާތަކަށް ވެސް ދަނީ ދިމާވަމުންނެވެ. 

your imageހދ. ވައިކަރަދޫ ކަނޑޫފަލުން ފެން ހިކިފައި-- ފޮޓޯ: އަލީ ރިފްހާން

އޭގެ ސަބަބުން ދެނެގަތުމަށް ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީ އާއި އީޕީއޭ އިން ވަނީ ހދ. ނޭކުރެންދޫ އަދި ހއ. ކެލާ ގައި ސާވޭ ވެސް ކޮށްފަ އެވެ. ނަމަވެސް ސީދާ ސަބަބު ދެނެގަނެވިފައެއް ނުވެ އެވެ. 

އެ ސާވޭއިން ލަފާކުރި ގޮތުގައި ކަނޑޫފަލުގައި ފަނިފަކްސަ އާލާވެ، ރޫޓްރޮޓް ފެނިފައި ވުމުން އެއީ ފަންގަސްގެ ސަބަބުން ދިމާވާ މައްސަލައަކަށް ވުން އެކަށީގެންވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް