ads
ހިޔާ މަޝްރޫއުގެ ފްލެޓުތަކެއް-- ފޮޓޯ: ސީއެންއެމް
ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީއަށް 3000 ވުރެ ގިނަ ޝަކުވާ
ހިޔާ މަޝްރޫއުގެ ހަތަރު ކެޓެގަރީގެ ވަގުތީ ލިސްޓުތަކަށް ޝަކުވާ ހުށަހެޅުމަށް ހުޅުވައިލި ފުރުސަތުގައި 3,068 ޝަކުވާ ފްލެޓް މައްސަލަ ބަލާ ކޮމިޓީއަށް ހުށަހަޅާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓްތައް ދިނުމުގެ ކަންކަން ކުރިއަށް ގެންދިޔަގޮތް މުރާޖައާ ކުރުމަށްފަހު ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން އެޗް ހަތަރެއް، އެޗް ފަހެއް އަދި އެޗް އަށެއްގެ އިތުރުން އެޗް 10 ކެޓެގަރީގެ ވަގުތީ ލިސްޓުތައް ނެރެފައިވަނީ މިއަހަރުގެ އޮގަސްޓު 24 ވީ ހޯމަ ދުވަހުއެވެ.

އަދި އެ ކެޓެގަރީތަކުގެ ވަގުތީ ލިސްޓުތަކުގައި ޕޮއިންޓް ދީފައިވާ ގޮތާމެދު ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލާފައި ވަނީ މިމަހުގެ 14 ވީ ހޯމަ ދުވަހުގެ 15:00 ގެ ނިޔަލަށެވެ. އެ މުއްދަތު މިހާރު ހަވެފައިވާއިރު، އެ މުއްދަތުގެ ތެރޭގައި ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީއަށް ޖުމްލަ 3,068 ޝަކުވާ ހުށަހަޅާފައިވެ އެވެ.

އޭގެތެރޭގައި ހިމެނެނީ ލިބިފައިވާ ޕޮއިންޓާއި މެދު ހުށަހަޅާފައިވާ 2,430 ޝަކުވާއަކާއި، އެހެން ފަރާތަކަށް ލިބިފައިވާ ޕޮއިންޓާއި މެދު ހުށަހަޅާފައިވާ 140 ޝަކުވާއަކާއި، ފޯމު ހުށަހެޅުމަށް ޝަރުތު ހަމަނުވާ ލިސްޓުގައި ހިމެނިގެން ހުށަހަޅާފައިވާ 57 ޝަކުވާއެކެވެ. 

އަދި "އިތުރު ކޮމެންޓްސް" ގެ ގޮތުގައި ދީފައިވާ މައުލޫމާތާއި ގުޅިގެން ހުށަހަޅާފައިވާ 85 ޝަކުވާއަކާއި، މައުލޫމާތުގައި ކުށެއް އޮވެގެން ހުށަހަޅާފައިވާ 78 ޝަކުވާއެއްގެ އިތުރުން އެހެނިހެން ކަންކަމާއި ގުޅޭ ގޮތުން ހުށަހަޅާފައިވާ 278 ޝަކުވާއެކެވެ.

ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީ އިއުލާން ކޮށްފައިވާ ހިޔާ މަޝްރޫއުގެ ހަތަރު ކެޓެގަރީގެ ވަގުތީ ލިސްޓުތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތުގެ މުއްދަތު ހަމަވުމާއި ގުޅިގެން، އެ މުއްދަތުގެ ތެރޭގައި ހުށަހަޅާފައިވާ ޝަކުވާތައް ބަލައި، އެ ޝަކުވާތަކަށް ޖަވާބު ދިނުމުގެ މަސައްކަތްތައް ކުރައްވަމުން ގެންދަވާކަމަށް އެ ކޮމިޓީން މިއަދު ވަނީ ބުނެފަ އެވެ. 

އެ ހަތަރު ކެޓެގަރީގެ ވަގުތީ ލިސްޓުތަކަށް ޝަކުވާ ހުށަހެޅުގެ މުއްދަތުގެ ތެރޭގައި ހުށަހަޅާފައިވާ ޝަކުވާތައް ބަލައި، އެ ޝަކުވާތަކަށް ޖަވާބު ދިނުމުގެ މަސައްކަތް ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން މިހާރު ފަށްޓަވާފައިވާއިރު، އެ ކެޓެގަރީތަކުން ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ މީހުންގެ ދާއިމީ ލިސްޓުތައް އެކުލަވައިލެއްވުމުގައި އެ ޝަކުވާތަކަށް ރިއާޔަތްކުރާނެކަމަށް ވެސް އެ ކޮމިޓީން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް