ads
މަނަދޫ-- ފޮޓޯ: ރާއްޖެ.އެމްވީ
ނ. މަނަދޫގެ ފުރަބަންދު އުވާލާއި މޮނިޓަރިންއިން ނަގައިފި
ނ. މަނަދޫގެ ފުރަބަންދު އުވާލާއި މޮނިޓަރިންއިން ނަގައިފި އެވެ.

މޮނިޓަރިން އުވާލިކަން އަންގާ މިއަދު ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު މަނަދޫ ކައުންސިލް އިދާރާއަށް ފޮނުވި ލިޔުމުގައިވާ ގޮތުން އެ ރަށް މޮނިޓަރިންއިން ނަގާފައި ވަަނީ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ބަލަން ކަނޑައެޅުނު ކަންކަން ބެލުމުން، މޮނިޓަރިންގެ ހާލަތު އިތުރަށް ދަމަހައްޓަން ޖެހޭ ސަބަބެއް މިވަގުތު ނެތުމުންނެވެ.

އެހެންވުމުން މިއަދުން ފެށިގެން މަނަދޫގެ މޮނިޓަރިން އުވާލައި މޮނިޓަރިންގެ ހާލަތާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ނިމުމަކަށް ގެނެސްފައިވާ ކަަން ވެސް ލިޔުމުގައި ފާހަގަކޮށްފައި ވެއެވެ. 

އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު އިސްމާއިލް ޝަފީގް މީގެ ކުރިން ސީއެންއެމްއަށް ވިދާޅުވީ ކޮންޓެކްޓް ޓްރޭސިންގެ ދަށުން 26 މީހަކު ކަރަންޓީނު ކުރެވިފައިވީ ނަމަވެސް އެއްވެސް މީހެއްގެ ފަރާތުން ބަލީގެ އަލާމާތް ފެނިފައި ނުވާ ކަމަށެވެ.

މޮނިޓަރިންއަށް ލާފައި އޮތް މުއްދަތުގައި ރަށުގެ ރައްޔިތުންނަށާއި ނ. އަތޮޅު ރައްޔިތުންނަށް ވަރަށް ބޮޑު ދަތިތަކެއް ކުރިމަތިވި ކަމަށާއި ހާއްސަކޮށް ހޮސްޕިޓަލް ލެވެލްގައި ކުރަން ޖެހޭ މެޑިކަލް ކަންތަކުގައި ވެސް މޮނިޓަރިންގެ ހާލަތުގައި ދަތުރުފަތުރު ހުއްޓިފައި އޮތުމުގެ ސަބަބުން ދަތިވި ކަމަށް ޝަފީގް ވިދާޅުވި އެވެ.

އެރަށުގައި އިއުލާން ކޮށްފައިވާ ފުރަބަންދު އުވާލާއި މޮނިޓަރިންއިން މިއަދު ނެގުމާއިއެކު ދަތުރުފަތުރުގެ ކަންކަން ކުރިއެކޭވެސް އެއްގޮތަށް ކުރުމުގެ ހުއްދަ ރަށަށް ލިބިގެންދާނެ އެވެ.

މަނަދޫ މޮނިޓަރިންގެ ހާލަތަށް ލާފައި ވަނީ އެރަށުގައި ފުރަބަންދު ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން މިމަހުގެ 11 ވަނަ ދުވަހު، އެޗްޕީއޭއިން ވަކި އެއްޗެއް އަންގަންދެންނެވެ. މަނަދޫއިން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ ދިވެހި ފިރިހެނެކެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް