ads
ހއ. ކެލާ ކަނޑޫފަލުން މަސްތައް މަރުވެފައި--
ކެލާ ކަނޑޫފަލުން އާދަޔާ ހިލާފަށް ގިނައިން މަސްތައް މަރުވެއްޖެ!
ރާއްޖޭގެ ބައެއް ބޮޑެތި ކަނޑޫފާތައް މަރުވާން ފަށާފައި ވަނިކޮށް، ހއ. ކެލާގެ ކަނޑޫފަލުގައި އުޅޭ މަސްތައް މަރުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި ކަނޑޫފަލުން އެތައް ސަތޭކަ މަހެއް މަރުވެފައިވާ މަންޒަރު ފެނެ އެވެ. 

އެ ރަށުން ވާހަކަދެއްކި މީހަކު ބުނީ ދޭތެރެ ދޭތެރެއިން މަސް މަރުވާ މައްސަލަ ދިމާވާ ކަމަށާއި، އެގޮތަށް ދިމާވާ ސަބަބެއް ނޭނގޭ ކަމަށެވެ.

ކެލާ ކައުންސިލުން ވެސް ބުނެފައި ވަނީ މަސް މަރުވާ ސަބަބު ނޭނގޭ ކަމަށާއި، ފެންގަނޑު ހޫނުވުން ނުވަތަ ހިނދުމުގެ ސަބަބުން އެކަން މެދުވެރިވަނީ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ހިމާޔަތްކޮށްފައިވާ ކެލާގެ ކަނޑޫފަލުން އާދަޔާ ހިލާފަށް މަސްތައް މަރުވެފައި ވާއިރު، ހއ. ހދ. ށ. އަދި ނ. އަތޮޅުގެ ބައެއް ރަށްތަކުން ކަނޑޫފާތައް މަރުވާ މައްސަލަ ދަނީ ދިމާވަމުންނެވެ. 

އެގޮތުން ފާއިތުވި ދެ ހަފްތާ ތެރޭގައި ވަރަށް ކުއްލި ގޮތަކަށް ހދ. ވައިކަރަދޫގެ ކަނޑޫފާ ވަނީ މަރުވެފަ އެވެ. އެތަނުގައި ސަލާމަތުން ހުރީ ވަށައިގެން ހުރި ބޮޑެތި ގަސްތައް އެކަންޏެވެ. 

ހދ. ނޭކުރެންދޫގެ ކަނޑޫފަލަށް ވެސް މީގެ ދުވަސްކޮޅެއް ކުރިން ވަނީ ހަމަ މި މައްސަލަ ދިމާވެފަ އެވެ. އޭގެ އިތުރުން ކެލާގެ ކަނޑޫފަލަށް ވެސް މި މައްސަލަ ދިމާވި އެވެ. 

އޭގެ ސަބަބު ދެނެގަތުމަށް ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީ އާއި އީޕީއޭ އިން ވަނީ ނޭކުރެންދޫ އަދި ކެލާ ގައި ސާވޭ ވެސް ކޮށްފަ އެވެ. ނަމަވެސް ސީދާ ސަބަބު ދެނެގަނެވިފައެއް ނުވެ އެވެ. 

އެ ސާވޭއިން ލަފާކުރި ގޮތުގައި ކަނޑޫފަލުގައި ފަނިފަކްސަ އާލާވެ، ރޫޓްރޮޓް ފެނިފައި ވުމުން އެއީ ފަންގަސްގެ ސަބަބުން ދިމާވާ މައްސަލައަކަށް ވުން އެކަށީގެންވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް