ads
ފޮޓޯ: ބީއެމްއެލް--
ބަލި މީހުންނާއި ދަރިވަރުންގެ ކާޑު ލިމިޓް އިތުރު ކުރެވޭނެ
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑުތަކުން ރާއްޖެއިން ބޭރުގައި ކުރާ މުއާމަލާތުގެ އަދަދު ލިމިޓު ކުރި ނަމަވެސް ބޭސް ފަރުވާ އާއި ތައުލީމާ ގުޅުން ހުރި ކަންކަމުގައި ކަސްޓަމަރުންނަށް ވަގުތީ ލިމިޓެއް ދޭން ބޭންކުން ނިންމައިފި އެވެ.

ބޭސް ފަރުވާ އާއި ތައުލީމާ ގުޅޭ ކަންކަމުގައި ގިނައިން ހަރަދު ކުރަން ޖެހޭ ފަރާތްތަކުން އިންޓަނެޓް ބޭންކިން މެދުވެރިކޮށް ގުޅުން ހުރި ލިޔުންތައް ބޭންކަން ފޮނުވުމުން ވަގުތީ ގޮތުން ލިމިޓު އިތުރުކޮށްދޭނެ ކަމަށް ބީއެމްއެލުން ބުނެ އެވެ.

އެގޮތުން އިންޓަނެޓް ބޭންކިންގެ ސާވިސް ޓައިޕް މެނޫގައި ހިމެނޭ "ޓެމްޕޮރަރީ ކާޑް ލިމިޓް" ހިޔާރުކުރުމަށް ފަހު ވީސާގެ ކޮޕީއަކާ އެކު ބޭންކަށް ހުށަހަޅަން ޖެހޭނެ އެވެ. އެފަދަ ހުށަހެޅުންތައް 24 ގަޑިއިރުގެ ތެރޭގައި ހުށަހަޅާނެ ކަމަށާއި، ލިމިޓް ހަމަޖެހުމުން ބޭންކުން އެކަން އަންގާނެ ކަމަށް ވެސް ބުނެފައި ވެއެވެ. 

އޭގެ އިތުރުން ރާއްޖެއިން ބޭރަށް ދަތުރު ކުރާ މީހުންނަށް މިހާރު އޮންނަ ގޮތަށް ބީއެމްއެލްގެ ޑޮލަރު ބުކިން ޕޯޓަލް މެދުވެރިކޮށް ކޮންމެ މީހަކަށް 500 ޑޮލަރު ގަނެވޭނެ އެވެ. 

ބޭރުގެ ކޮލެޖުތަކާއި ޔުނިވާސިޓީ އަދި ހޮސްޕިޓަލްތަކަށް ދައްކަންޖެހޭ ފައިސާ ޓީޓީ މެދުވެރިކޮށް ފޮނުވާ ކަސްޓަމަރުންނަށް ރުފިޔާ އެކައުންޓުން ޓީީޓީ ފޮނުވޭނެ އެވެ. އަދި މިހާރު އޮތް އުސޫލާ އެއް ގޮތަށް ބީއެމްއެލް ޔޫއެސް ޑޮލަރު އޭޓީއެމް މެދުވެރިކޮށް ކަސްޓަމަރުންނަށް މަހަކު 2000 ޑޮލަރު ނެގޭނެ އެވެ. 

ކޭޝް ކާޑުން ރާއްޖޭން ބޭރުގައި 750 ޑޮލަރު އަދި ރާއްޖޭގައި 250 ޑޮލަރު ނެގޭ ގޮތަށް ބީއެމްއެލުން ބަދަލު ގެނައީ މިއަދު އެވެ. އެގޮތަށް ބަދަލުކޮށްފައި ވަނީ ކޮވިޑް-19 ގެ ސަބަބުން ޑޮލަރުގެ ތާށިކަން ދިމާވެފައި ވަނިކޮށް، ބޭންކު މެދުވެރިކޮށް ރާއްޖެއިން ބޭރުވާ ޑޮލަރުގެ އަދަދު މަދު ކުރުމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް