ads
މިނިސްޓަރު ފައްޔާޒް އިސްމާއީލް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ކާގޯ ފެރީގައި ގެންނާނީ ހަމައެކަނި ދިވެހި ވިޔަފާރިވެރިންގެ މުދާ: ފައްޔާޒު
އިންޑިއާގެ ކޮޗިން އާއި ރާއްޖެއާ ދެމެދު ފަށާ ކާގޯ ފެރީގެ ސަބަބުން ދިވެހި ވިޔަފާރިވެރިންނަށް ގެއްލުންވާނެ ކަމަށް ބުނެ ދައްކާ ވާހަކަތަކަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ރައްދު ދެއްވައިފި އެވެ.

ކާގޯ ފެރީއާ ގުޅުވައިގެން ދައްކާ ވާހަކަތަކަށް ރައްދު ދެއްވަމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ، އިންޑިއާއިން އަންނަ ކާގޯ ފެރީގައި ގެންނާނީ ހަމައެކަނި ދިވެހި ވިޔަފާރިވެރިން ގަނެފައިވާ މުދާ ކަމަށާއި އެޔަށްވުރެ އިތުރަކަށް ވެސް އަދި މަދަކުން ވެސް ނުގެންނާނެ ކަމަށެވެ.

އަދި އެ ފެރީގެ ނިޒާމުގެ ސަބަބުން ރާއްޖެ އާއި އިންޑިއާއާ ދެމެދު މެދުކެނޑުމެއް ނެތި މުދާ ގެނައުމުގެ މަގު ފަހިވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ފައްޔާޒް ވިދާޅުވީ މީގެ ކުރިން އަންނަ ކާގޯ ފެރީތަކާއި އަލަށް ފަށާ ފެރީގައި ހުރި ހަމައެކަނި ތަފާތަކީ އެ ފެރީއަކީ ވަކި ޝެޑިއުލްއެއްގެ ދަށުން ދަތުރުކުރާ އަދި ވިޔަފާރީގެ ނިޒާމަށް ފަސޭހަކަން ގެނުވާނެ ފެރީގެ ނިޒާމަކަށްވުން ކަމަށެވެ.

ކޮޗިން ކާގޯ ފެރީއާ ގުޅުވައިގެން ބައެއް ވިޔަފާރިވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ ފަރާތްތަކުން ބުނާ ގޮތުގައި ޑޮލަރުގެ އަގު އުފުލިފައިވާ ދަނޑިވަޅެއްގައި އިންޑިޔާއިން މުދާ އުފުލާ ކާގޯ ބޯޓެއްގެ ދަތުރު ފެށުމަކީ ދިވެހި ރީޓެއިލް ވިޔަފާރިވެރިންނަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމެއް ކަމެއް ކަމަށާއި އަދި އެކަމުގެ ސަބަބުން ބައެއް ވިޔަފާރި ބަނގުރޫޓުވުމުގެ ފުރުސަތު އޮތް ކަމުގައި ވެސް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އިންޑިއާ އާއި ރާއްޖެއާ ދެމެދު ގާއިމް ކުރާ ކާގޯ ފެރީގެ ހިދުމަތް އިއްޔެ ވަނީ ރަަސްމީކޮށް ފަށާފަ އެވެ. އިއްޔެ ފެށި ކާގޯ ފެރީގެ ހިދުމަތާއެކު އިންޑިއާގެ ޓުޓިކޮރިން އަދި ކޮޗިން އާއި ރާއްޖޭގެ ކުޅުދުއްފުށި އަދި މާލެ ބަނދަރު ގުޅުވައިދޭނެ އެވެ. 

އެ ހިދުމަތް ފޯރުކޮށްދޭ އުޅަނދު އެމްސީޕީ ލިންޒް އޮޕަރޭޓް ކުރާނީ ޝިޕިން ކޯޕަރޭޝަން އޮފް އިންޑިއާ އިންނެވެ. އިންޑިއާއިން ފުރައިގެން އެ ބޯޓު ކުޅުދުއްފުއްޓަށް އަންނާނީ މި މަހު 26 ގައެވެ. އޭގެ ފަހުން އެ ބޯޓު މާލޭގައި ބަނދަރު ކުރާނީ މި މަހު 28 ގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޖުމްލަ 380 ޓީއީޔޫ އަދި 3000 މެޓްރިކް ޓަނުގެ ކާގޯ އުފުލޭ އެ ބޯޓުގެ ޓާން އަރައުންޑް ޓައިމަކީ 10-12 ދުވަހެވެ. 

އިންޑިއާ އާއި ރާއްޖެއާ ދެމެދު ފުރަތަމަ ފަހަރަށް ފެރީ ދަތުރު ފަށަން ނިންމާ އެކަން އިއުލާނު ކުރެއްވީ އެގައުމުގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ މިދިޔަ އަހަރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް