ads
ފޮޓޯ: ޓްވިޓާ/ރައީސް ސޯލިހް
ހުސައިންގެ އިރުޝާދު އަބަދުވެސް ލިބުނު: ރައީސް ސޯލިހް
ރައްޔިތުންގެ މަޖިލީހުގެ މަތިވެރީ ދާއިރާގެ ކުރީގެ މެމްބަރު ހުސައިން މުހައްމަދުގެ އިރުޝާދު އަބަދު ވެސް ރައީސް އަިބްރާހީމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަންނަވަމުންދިޔަ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

ހުސައިންގެ ހަނދާނުގައި ރޭ ބޭއްްވި ތައުބީންގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ 32 އަހަރު ކުރިން ޓީވީ މޯލްޑިވްސްގައި ހުސައިންގެ ބެއްލެވުމުގެ ދަށުން މަސައްކަތް ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންކަމަށެވެ. އަދި ހުސައިން އެމަނިކުފާނާއި ކަންކަން ހަވާލުކުރައްވާފައިވަނި ވަރަށް ބޮޑު އިތުބާރަކާއި އެކުކަން ފާހަގަކުރެއްވި އެވެ. އަދި އެއީ ސިޔާސީ މައިދާނަށް ނިކުމެވަޑައިގެންނެވި އެއް ސަބަބުކަމަށް ވެސް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، މަޖިލީހުގައި ދެޕާޓީއެއްގައި މަސައްކަތް ކުރަން ޖެހުނުކަމުގައި ވީނަމަވެސް ހުސައިންގެ އިރުޝާދު އަބަދުވެސް ލިބިވަޑައިގެންނެވި ކަމަށެވެ. އަދި ފަހުން އިސްލާހީ ހަރަކާތްތަކުގަަ އާއި ވެރިކަމަށް ވަޑައިގަތުމަށް ފަހު ވެސް ހުސައިންގެ އެހީތެރިކަން ލިބިވަޑައިގަތް ކަން ފާހަގަކޮށް ރައީސް ވަނީ އެ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. 

"ވަރަށް ރަނގަޅު ލަފާ ދެއްވަމުން ގެންދެވީ. ކެތްތެރިކަމާއެކު މަސައްކަތް ކުރުމަށް އަބަދުވެސް އިރުޝާދު ދެއްވި" ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން މި ޖަލްސާގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވީ، ދަތި އުނދަގޫ ވަގުތުތަކުގައި ހިކުމަތްތެރިކަމާ އެކު ހުސައިން މަސައްކަތް ކުރެއްވި ކަމަށެވެ. އަދި ފަހަކަށް އައިސް ވަރަށް ގިނައިން ގުޅުއްވައި، ވަރަށް ހެޔޮ ނަސޭހަތް ދެއްވައި އަދި ކަންތައްތަކަށް ހިތްވަރު ދެއްވައި ހެއްދެވިކަން ފާހަގަކުރެއްވި އެވެ. 

ހުސައިން މުހައްމަދު ވަނީ މީޑިއާ ގަ އާއި ތައުލީމީ ދާއިރާގެ އިތުރުން ސިޔާސީ ދާއިރާގައި ގިނަގުނަ ހިދުމަތްތަކެއް ކުރައްވާފަ އެވެ. ސިޔާސީ ދާއިރާއަށް ވަދެވަޑައިގެން 2005 ވަނަ އަހަރުން ފެށިގެން 2009 ވަނަ އަހަރާ ހަމައަށް ރައްޔިތުންގެ މަޖިލީހުގެ އަރިއަތޮޅު އުތުރުބުރީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރެއްވި އެވެ. އަދި މިހާރު އަމަލު ކުރަމުންދާ ގާނޫނު އަސާސީގެ ދަށުން 2009 ވަނަ އަހަރު ފުރަތަމަ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޑީއާރްޕީގެ ޓިކެޓުގައި ވާދަ ކުރައްވައިގެން މަތިވެރި ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވައިގެން އެ ދާއިރާ މެމްބަރުކަން ކުރެއްވި އެވެ. މަތިވެރި ދާއިރާގެ މެމްބަރުކަން 2009 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރުގެ ނިޔަލަށް ކުރެއްވި އެވެ.

ރޭގެ ޖަލްސާގައި ރައީސް ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމްގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަދި ހުސައިންގެ އާއިލާ ފަރާތްތަކާއި ގާތް ރަހުމަތްތެރިން ބައިވެރިވެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް