ads
އައިއޯޓީސީ ގެ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެފައިވޭ
އިންޑިއަން އޯޝަން ޓޫނާ ކޮމިޝަންގެ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެ
އިންޑިއާ ކަނޑުން އެކިއެކި ގައުމުތަކަށް މަސްބޭނޭނެ އެންމެ މަތީ މިންވަރު ކަނޑައެޅުމާބެހޭ ގޮތުން ގައުމުތަކުގެ މެދުގައި މަޝްވަރާކުރުމަށް އިންޑިއާ ކަނޑުގައި ކުރެވޭ ކަނޑުމަހުގެ މަސްވެރިކަން ބަލަހައްޓާ ސަރަހައްދީ ޖަމިއްޔާ، އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ)ގެ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެ އެވެ

ފިޝަރިސް މިނިސްޓްރީން ބުނީ އެ ބައްދަލުވުމުގެ މަގްސަދަކީ އިންޑިއާ ކަނޑުގެ ކަނޑުމަހުގެ ބާވަތްތަކުގެ ސްޓޮކް ދެމެހެއްޓެނިވި ގޮތެއްގައި ބަލަހައްޓައި، އިންޑިއާ ކަނޑުން ބޭނޭ ކަނޑުމަހުގެ އެންމެ މަތީމިންވަރުގެ ތެރެއިން ވަކި ވަކި ގައުމުތަކަށް މަސްބޭނޭނެ މިންވަރު ނިންމުމުގައި ގެންގުޅޭނެ މިންގަނޑުތައް ކަނޑައެޅުން ކަމަށެވެ.

ކަނޑުމަހުގެ މަސްވެރިކަމުގެ އެންމެ ދިގު ތާރީހެއް އޮތް އިންޑިޔާ ކަނޑުގެ އައްސޭރިފަށު ގައުމެއްގެ ހައިސިއްޔަތުން، ދިވެހިރާއްޖެއިން އިސްނަގައިގެން ވަނީ އެކަމާ ގުޅޭ ޕްރޮޕޯސަލެއް ތައްޔާރުކޮށް، އިންޑިއާ ކަނޑުގެ އައްސޭރިފަށުގެ އަށް ގައުމެއްގެ ތާއީދާއެކު 2017 ގައި ބޭއްވުނު އައިއޯޓީސީ ގެ 21 ވަނަ ބައްދަލުވުމުގައި ހުށަހަޅައިފަ އެވެ. އަދި ވޭތުވެދިޔަ ތިން އަހަރު ބޭއްވުނު ޓީސީއޭސީގެ ބައްދަލުވުންތަކުގައިވެސް މިކަމާބެހޭ މަޝަވަރާތައް ކުރިއަށް ގެންގޮސްފައިވެ އެވެ.

ދިވެހިރާއްޖެއިން ހުށަހެޅި ޕްރޮޕޯސަލްގެ އިތުރުން، ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ފަރާތުންވެސް މިކަމާ ގުޅޭގޮތުން ޕްރޮޕޯސަލެއް ހުށަހަޅައިފައިވެއެވެ. އީޔޫ ގެ ޕްރޮޕޯސަލްއާ ހިލާފަށް، ރާއްޖެއިން އިސްނަގައިގެން ހުށަހަޅާފައިވާ ޕްރޮޕޯސަލް އަކީ ދުރަށް ހިޖުރަކުރާ ކަނޑުމަހުގެ ބާވަތްތައް މެނޭޖްކުރުމުގައި ކުދި ޖަޒީރާ ޤައުމުތަކަށާއި ތަރައްގީވަމުން އަންނަ އައްސޭރިފަށުގެ ގައުމުތަކަށް ލިބެންޖެހޭ ހާއްސަ އިނާޔަތްތަކާއި ދޭންޖެހޭ އަހްމިއްޔަތުތަކަށް ރިއާޔަތްކޮށް ފަރުމާކުރެވިފައިވާ ހުށަހެޅުމެކެވެ. އަދި އެޕްރޮޕޯސަލް ބިނާވެފައިވަނީ ވަކިވަކި ގައުމުތަކަށް މަސްބޭނޭނެ އެންމެ މަތީ މިންވަރު ކަނޑައެޅުމުގައި އެފަދަ ގައުމުތަކުން  އިޖްތިމާއި ގޮތުންނާއި އަދި އިގްތިސާދީ ގޮތުން މަސްވެރިކަމަށް ބަރޯސާވާ މިންވަރަށް އިސްކަންދީފައިވާ (ރައިޓްސް-ބޭސްޑް) އެލޮކޭޝަން އޮނިގަޑެއްގެ މައްޗަށެވެ.

your imageއައިއޯޓީސީގެ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވަނީ

އެ ބައްދަލުވުމުގައި ވަކިވަކި ގައުމުތަކަށް މަސްބޭނޭނެ އެންމެ މަތީ މިންވަރު ކަނޑައެޅުމަށް ކުރެވޭ މަސައްކަތުގައި އިންޑިއާ ކަނޑުގެ ކަނޑުމަހުގެ ވަސީލަތްތަކުން ލިބޭ މަންފާ އެންމެންނަށް އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު ލިއްބައިދިނުމުގެ އުސޫލަށް އިސްކަންދިނުމަށް ދިވެހިރާއްޖެއިން ވަކާލާތުކޮށްފައިވެއެވެ. މިކަމާ ގުޅޭގޮތުން ދިވެހިރާއްޖެއިން މިހާތަނަށް ކުރެވުނު މަސައްކަތްތަކަށް އިންޑިއާ ކަނޑުގެ އައްސޭރިފަށުގެ ގިނަ ގައުމުތަކެއްގެ ތަރުހީބާއި އެއްބާރުލުން ލިބިފައިވާއިރު، ދިވެހިރާއްޖެއިން އިސްނަގައިގެން ހުށަހަޅާފައިވާ ޕްރޮޕޯސަލްއަކީ މިފަދައިން ވަކިވަކި ގައުމުތަކަށް މަސްބޭނޭނެ އެންމެ މަތީ މިންވަރު ކަނޑައެޅުމަށް މަގުދައްކައިދޭ އެންމެ ރަނގަޅު އުސޫލުތައް އެކުލެވޭ ހުށަހެޅުންކަމަށް އައިއޯޓީސީގެ ގިނަ މެންބަރު ގައުމުތަކުން ގަބޫލްކުރެއެވެ.

އެ ބައްދަލުވުން ބާއްވާފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. އެ ބައްދަލުވުމަކީ އައިއޯޓީސީގެ ޓެކްނިކަލް ކޮމިޓީ އޮން އެލޮކޭޝަން ކްރައިޓީރިއާ (ޓީސީއޭސީ) އިން އެ ކަމާގުޅޭގޮތުން ބޭއްވި 6 ވަނަ ބައްދަލުވުމެވެ. އެ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވީ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ކަމާބެހޭ އޮފިޝަލުންނެވެ.

ދިވެހިރާއްޖެ އައިއޯޓީސީގެ ފުރިހަމަ މެންބަރަކަށް ވެފައިވަނީ 13 ޖުލައި 2011 ގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް