ads
އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން--
ސުޕްރީމް ކޯޓުގެ މާލަމުގައި ކުރާ ޝަރީއަތް ވެސް ލައިވް ކުރަނީ
ސުޕްރީމް ކޯޓުގެ ޝަރީއަތް ކުރާ މާލަމުގައި ކުރިއަށްގެންދާ ޝަރީއަތްތައްވެސް ލައިވް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަކަމަށް އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވިދާޅުވެއްޖެ އެވެ.

ސުޕްރީމް ކޯޓަށް 12 އަހަރު ފުރުމާއި ގުޅިގެން ދެއްވި ވީޑިއޯ ހިތާބެއްގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން މިހާރު ޤައުމަށް ކުރިމަތިވެފައިވާ ހާލަތުގައިވެސް، ފަނޑިޔާރުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި އެކީ، ސުޕްރީމް ކޯޓުން ފޯރުކޮށްދޭންޖެހޭ އަދުލު އިންސާފުގެ ހިދުމަތް ދުކެނޑުމެންނެތި ކުރިއަށް ގެންދިއުމުގެ މަސައްކަތް ސުޕްރީމް ކޯޓުން ކުރަމުން އަންނަކަމަށެވެ. 

އެގޮތުން، ސުޕްރީމް ކޯޓުގެ ޝަރީއަތްތައް ޒަމާނީ ވަސީލަތްތަކުގެ ޒަރިއްޔާއިން ކުރިއަށް ގެންދިއުމާގުޅޭ ގަވާއިދެއް އެކުވަލައިލެވި، ސުޕްރީމް ކޯޓުގެ ޝަރީޢަތްތައް މިހާރު ކުރިއަށް ގެންދަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް، ލައިވްކޮށް ކުރިއަށް ގެންދެވޭ ޝަރީއަތްތަކެއްގެ ގޮތުގައިކަން ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ ސުޕްރީމް ކޯޓުގެ މާލަމުގައި ކުރިއަށްގެންދާ ޝަރީއަތްތައް ވެސް ލައިވް ކޮށް ދެއްކުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. 

"މިވަގުތު އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ ސުޕްރީމް ކޯޓުގެ ޝަރީއަތްތަކުގެ މާލަމުގައި ކުރިއަށްގެންދެވޭ ޝަރީއަތްތަކަކީވެސް ލައިވްކޮށްގެން ކުރިއަށްގެންދެވޭ ޝަރީއަތްތަކެއްގެ ގޮތުގައި ހެދުމަށް. އެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިގެންދަނީ ކުރަމުން." އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. 

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ފާއިތުވެދިޔަ 12 އަހަރު ދުވަހުގެ ތަފާސްހިސާބުތަކާ އަޅާ ބަލާއިރު ހިނގަމުން މިދާ 2020 ވަނަ އަހަރަކީ ސުޕްރީމް ކޯޓުގެ ހަޔާތުގައި އެންމެ ގިނަ މައްސަލަތައް ތާވަލުކުރެވި އެންމެ ގިނަ އަޑުއެހުންތައް ބޭއްވުނު އަހަރު ކަމަށެވެ. 

އެގޮތުން ފާއިތުވި އަހަރުގެ ސެޕްޓެންބަރު 18 އިން މިއަހަރުގެ ސެޕްޓެންބަރު 18 ވަނަ ދުވަހާ ހަމައަށް 251 އަޑުއެހުން ބާއްވާފައިވާ ކަމަށް ވިދާޅުވި އެވެ. އަދި ވޭތުވެ ދިޔަ 11 އަހަރުގެ ތެރޭގައި ނިންމުނު މައްސަލައިގެ އެވްރެޖް އަކީ 24 ކަމާއި، މި ނިމިދިޔަ އަހަރުގެ ތެރޭގައި 49 މައްސަލައެއްގައި ހުކުމް ކުރެވިފައިވާ ކަން ފާހަގަކުރެއްވި އެވެ. 

މީގެ އިތުރުން ސުޕްރީމް ކޯޓަށް ބަލައިގަތުމާމެދު 13 މައްސަލައެއްގައި ގޮތް ނިންމައި، ފަސް މައްސަލައެއް އިޖުރާއީގޮތުން ބެލިފައިވާކަމާއި، މިއީ، ކުރީ އަހަރުތަކުގެ އެވްރެޖާ އަޅާ ބަލާއިރު 73.4 އިންސައްތައިގެ ކުރިއެރުމެއްކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. 

އުއްތަމަ ފަނޑިޔާރު ވިދާޅުވީ އަމާޒަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަކީ ފަސޭހަކަމާއެކު އަދުލްއިންސާފަށް ވާސިލްވެވޭނެ މަގު ފަހިވެފައިވާ އަދި ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ލިބިގެންވާ ތަނެއްގެ ގޮތުގައި ހަދާ އަދުލްއިންސާފު ގާއިމުކުރުމުގެ މަސައްކަތުގައި ދެ ގޮތެއް ނުވެ ދެމިތިބުން ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް