ads
އައިޕީއެލްގައި ވާދަކުރާނީ އިންޑިޔާގެ އަށް ސްޓޭޓެއްގެ އަށް ޓީމު
މުމްބާއީ އިންޑިއަންސްއާ ޗެންނާއީ ސުޕަކިންގްސް މެޗުން އައިޕީއެލް މިރޭ ފަށަނީ
ދުނިޔޭގެ އެންމެ އަގުބޮޑު ކްރިކެޓް މުބާރާތް، އިންޑިއަން ޕްރިމިއަ ލީގުގެ ތޭރަވަނަ އެޑިޝަން، މުމްބާއީ އިންޑިއަންސްއާއި ޗެންނާއި ސުޕަ ކިންގްސްގެ މެޗުން މިރޭ، ޔޫއޭއީގައި ފަށާނެއެވެ. މެޗު ފެށޭނީ ރާއްޖޭ ގަޑިން މިރޭ ހަތެއް ޖަހާއިރުއެވެ.

ދުނިޔޭގެ އެންމެ އަގުބޮޑު ކްރިކެޓް މުބާރާތް ކަމަށްވާ، އިންޑިއަން ޕްރިމިއާ ލީގު- އައިޕީއެލް، މިރޭ މި ފަށަނީ ކޮވިޑުގެ ނުރައްކަލާ ހުރެ އެކި ފަހަރު މަތިން މުބާރާތް ލަސްކުރުމަށް ފަހުއެވެ. އެންމެ ފުރަތަމަ މުބާރާތް ފަށަން އޮތީ މާރިޗު މަހު އެވެ.

އައިޕީއެލްގެ ފުރަތަމަ މެޗުގައި މިރޭ ވާދަކުރާނީ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އަދި މުބާރާތުގެ އެންމެ ކާމިޔާބު ޓީމުކަމުގައިވާ މުމްބާއީ އިންޑިއަންސްއާއި ޗެންނާއީ ސުޕަ ކިންގްސްއެވެ. މުމްބާއީ އިންޑިއަންސްއިން ވަނީ މުބާރާތް ހަތަރު ފަހަރު ކާމިޔާބުކޮށްފައެވެ. އެންމެ ފަހުގެ ރަނަރަޕް ޗެންނާއީވަނީ މުބާރާތް ތިން ފަހަރު ކާމިޔާބުކޮށްފައެވެ. އެހެންކަމުން، މިރޭގެ މެޗަކީ މުބާރާތުގެ އެންމެ ކާމިޔާބު އަދި އެންމެ ވާދަވެރި ދެ ޓީމުގެ ކުރިމަތިލުމެކެވެ.

އިންޑިޔާގައި މުބާރާތް ބޭއްވޭނެ އެއްވެސް ފުރުސަތެއް ނެތުމުން ޔޫއޭއީގައި މުބާރާތް ބާއްވަން ނިންމީ، އަވަށްޓެރި ލަންކާއިންވެސް މުބާރާތް ހޯސްޓްކޮށްދިނުމަށް އެދި ހުށަހަޅާފައިވަނިކޮށެވެ. މީގެ ކުރިންވެސް އެއް ފަހަރު މުބާރާތް އިންޑިއާއިން ބޭރުގައި ބާއްވާފައިވެއެވެ. އެހެންކަމުން މިއީ ތޭރަ އަހަރުވީ މުބާރާތް އިންޑިޔާއިން ބޭރުގައި ބާއްވާ ދެވަނަ ފަހަރެވެ. 2009 ވަނަ އަހަރު މުބާރާތް ބާއްވާފައިވަނީ ސައުތު އެފްރިކާގައެވެ.

ރައްކާތެރިކަމުގެ ފުރިހަމަ ފިޔަވަޅުތަކާއި އެކު މުބާރާތް ފެށުމުގެ ހުރިހާ އިންތިޒާމެއް ޔޫއޭއީގައި މިހާރުވަނީ ފުރިހަމަކޮށްފައެވެ. މުބާރާތުގައި ވާދަކުރާ އަށް ޓީމުވެސް ޔޫއޭއީއަށް ގޮސް މިހާރު ކޭމްޕުކޮށް، ޕްރެކްޓިސްތައްވެސް ފަށައިފިއެވެ. މުބާރާތުގެ ފައިނަލް މެޗު އޮންނާނީ ނޮވެމްބަރު މަހުގެ ވިހި ވަނަ ދުވަހު އެވެ.

އައިޕީއެލް ޓުވެންޓީ ޓުވެންޓީ ކްރިކެޓް މުބާރާތުގައި އިންޑިއާގެ އަށް ސްޓޭޓަކުން ވާދަކުރާއިރު ސްޓޭޓްތަކުގެ ޓީމުތަކުގައި ދުނިޔޭގެ އެންމެ މޮޅެތި ކްރިކެޓް ކުޅުންތެރިން ވާދަކުރެ އެވެ. ދެހާސް ހަތްވަނަ އަހަރުން ފެށިގެން ކުރިއަށްދާ އެ މުބާރާތަކީ ދުނިޔޭގެ އެންމެ އަގުބޮޑު ކުޅިވަރު މުބާރާތްތަކުގެ ތެރޭގައި ވެސް ހިމެނޭ މުބާރާތެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް