ads
ތިން މަހުގެ މެދުކެނޑުމަކަށް ފަހު ބޯޑަރު ހުޅުވުމުން ރާއްޖެއަށް މިއަދު ފަތުރުވެރިން އައުން- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ
ގްރީން ޓެކުހުގެ އާމްދަނީ ބޮޑުތަނުން ދަށަށް
މިދިޔަ ޖޫން މަހުގެ ތެރޭގައި ދައުލަތަށް ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 93 އިންސައްތަށް ދަށަށް ހިނގައްޖެ އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު ޖޫން މަހު ދައުލަތަށް ގްރީން ޓެކުހުގެ ގޮތުގައި ލިބިފައި ވަނީ 3.9 މިލިއަން ރުފިޔާ އެވެ. އެ އަދަދަކީ ގްރީން ޓެކުހުގެ ގޮތުގައި މިދިޔަ އަހަރު ދައުލަތަށް ލިބުނު އާމްދަނީއާ އަޅާބަލާއިރު 93 އިންސައްތައިގެ މަދު އަދަދަކެވެ. 

ގްރީން ޓެކުހުގެ ގޮތުގައި ރިސޯޓުތަކާއި ސަފާރީތަކުގެ އިތުރުން ހޮޓާތަކާއި ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ މީހުންގެ އަތުން ހަ ޑޮލަރު ނަގާއިރު ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ތިން ޑޮލަރު ނަގަ އެވެ. ޖޫން މަހުގެ ތެރޭގައި ދައުލަތަށް ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އެހާ ބޮޑަށް ދަށްވެފައި ވަނީ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރަން ޖެހުމުގެ ސަބަބުންނެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު ދައުލަތަށް އެންމެ ބޮޑު އަދަދަކަށް ގްރީން ޓެކުހުގެ ގޮތުގައި ލިބުނީ ރިސޯޓުތަކުންނެވެ. އެގޮތުން ރިސޯޓުތަކުން 3.5 މިލިއަން ރުފިޔާ ލިބުނުއިރު ހޮޓާތަކުން ލިބުނީ 15،094.56 ރުފިޔާ އެވެ. އަދި ގެސްޓްހައުސްތަކުން ގްރީން ޓެކުހުގެ ގޮތުގައި ލިބުނު ފައިސާގެ އަދަދު އުޅެނީ 199،956 ގަ އެވެ.

އަތޮޅު ތެރެއަށް ބަލާލާއިރު އެންމެ ގިނައިން ގްރީން ޓެކްހުގެ ގޮތުގައި ލިބިފައި ވަނީ ކ. އަތޮޅުންނެވެ. 

ޖޫން މަހުގެ ތެރޭގައި ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީއާއެކު މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ދައުލަތަށް ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީއަކީ 283 މިލިއަން ރުފިޔާ އެވެ. އަދި އޭގެ ތެރެއިން 148 މިލިއަން ރުފިޔާ ވަނީ އެކި މަޝްރޫއުތަކަޑް ގްރީން ފަންޑުން ހަރަދުކޮށްފަ އެވެ.

2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ގްރީން ޓެކްސް ނަގަމުން އަންނައިރު އެ ލިބޭ ފައިސާ ހަރަދުކުރަމުން ދަނީ ތިމާވެށި ހިމާޔަތްކުރުމަށް ހިންގޭ އެކި މަޝްރޫއުތަކަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް