ads
މުމްބާއީ އިންޑިއަންސްއާ ޗެންނާއީ ސުޕާ ކިންގްސްގެ މެޗުގެ ތެރެއިން
އައިޕީއެލް: ފުރަތަމަ މެޗު ޗެންނާއީ ސުޕާ ކިންގްސްއަށް
އިންޑިއަން ޕްރިމިއަ ލީގުގެ މިއަހަރުގެ ފުރަތަމަ މެޗު، އެންމެ ފަހުގެ ޗެމްޕިއަން މުމްބާއީ އިންޑިއަންސް ބަލިކޮށް، ޗެންނާއީ ސުޕަ ކިންގްސްއިން ކާމިޔާބުކޮށްފިއެވެ. ޗެންނާއީ ސުޕަ ކިންގްސްއިން މެޗު ކާމިޔާބު ކުރީ ފަސް ވިކެޓުންނެވެ.

އިންޑިއަން ޕްރިމިއަ ލީގުގެ އެންމެ ކާމިޔާބު ދެ ޓީމުކަމަށްވާ މުމްބާއީ އިންޑިއަންސްއާއި ޗެންނާއީ ސުޕަ ކިންގްސްގެ މެޗުގެ ޓޮސް ދިމާވީ ޗެންނާއީއަށެވެ. މެޗުގެ ޓޮސް ދިމާވުމުން، ޗެންނާއީގެ ކެޕްޓަން އެމްއެސް ޑޯނީ ގަސްދުކުރީ ފީލްޑިން އެވެ.

މުމްބާއީ އިންޑިއަންސް ޓީމުން ބެޓިން އަށް އަރައި، 20 އޯވަރު ތެރޭ ނުވަ ވިކެޓަށް 162 ލަނޑު ހެދިއެވެ. ޗެންނާއީ ސުޕަ ކިންގްސްއިން ޖަވާބުގައި ކުޅެން އަރައި، 19 ޕޮއިންޓް ދޭއް އޯވަރަށް 166 ލަނޑު ހަދައި މެޗު ކާމިޔާބު ކުރީއެވެ.

މުބާރާތުގައި ޗެންނާއީ ސުޕަ ކިންސްގެ ދެން ކުޅެން ޖެހޭ މެޗު އޮންނާނީ އަންގާރަ ދުވަހު ރާޖަސްތާނު ރޯޔަލްސްއާ ދެކޮޅަށެވެ. މުމްބާއީ އިންޑިއަންސްގެ މެޗެއް ދެން އޮންނާނީ އަންނަ ބުދަ ދުވަހު ކޮލްކަތާ ނައިޓް ރައިޑާސްއާ ދެކޮޅަށެވެ.

މުބާރާތުގައި އާދިއްތަ ދުވަހު ކުޅޭ މެޗުގައި ޑެއްލީ ކެޕިޓަލްސް ވާދަކުރާނީ ކިންގްސް އިލެވަން ޕަންޖާބުއާއެވެ. މި މެޗު ފެށޭނީ ރާއްޖޭގެ ގަޑިން ރޭގަނޑު ހަތެއް ޖަހާއިރުއެވެ.

މާޗު މަހު އިންޑިޔާގައި ފަށަން އޮތް، ދުނިޔޭގެ އެންމެ އަގުބޮޑު ކްރިކެޓް މުބާރާތް އެކި ފަހަރުގެ މަތިން ފަސް ކުރުމަށް ފަހު، އެންމެ ފަހުން ހޮނިހިރު ދުވަހު މުބާރާތް ފެށީ ޔޫއޭއީގައެވެ. އިންޑިޔާގައި މުބާރާތް ކުރިއަށް ނުގެންދެވުނީ ކޮވިޑުގެ ނުރައްކަލާ ހުރެއެވެ. މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅޭނީ ޔޫއޭއީގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް