ads
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު-- ފޮޓޯ: ފޮރިން މިނިސްޓްރީ
މި ހާލަތުގައި ވެސް އިންޑިއާއިން މިސާލު ދައްކުވައިދީފި: މިނިސްޓަރު ޝާހިދު
ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ވެސް އެކުވެރި ގައުމުތަކުގެ ދޮރުތައް ރާއްޖެއަށް ބަންދު ނުކުރާނެ ކަމުގެ މިސާލު ދައްކުވައިދިނީ "އެންމެ ގާތް އެކުވެރިޔާ" އިންޑިއާއިން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

ޝާހިދު އެހެން ވިދާޅުވީ ސްޓޭޓް ބޭންކު އޮފް އިންޑިއާ (އެސްބީއައި) އިން ގަތް ޓްރެޝަރީ ބިލެއްގެ ގޮތުގައި ރާއްޖެއަށް ފޯރުކޮށްދިން 250 މިލިއަން ޑޮލަރު (3.8 ބިލިއަން ރުފިޔާ) ހަވާލުކުރުމަށް މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގަ އެވެ. 

މިނިސްޓަރު ވިދާޅުވީ އިންޑިއާއަކީ އަބަދުވެސް ރާއްޖޭގެ ގާތް އެކުވެރިއެއް ކަމަށާއި، އެހީތެރިކަމެއް ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދެނީ އިންޑިއާއިން ކަމަށެވެ. އަދި މިއަދު ފޯރުކޮށްދިން އެހީގެ ސަބަބުން ދައުލަތަށް މިވަގުތަށް ބޭނުންވާ ފައިސާ ހަމަޖެހިގެން ދާނެ ކަމަށް ވިދާޅުވި އެވެ. 

"މިފަދަ ދަތި ހާލުގައި ވެސް، ހަމަ އެހެންޏާ ވެސް ކަންތައް ކުރާ ގޮތަށް، ދިވެހިރާއްޖޭގެ ރަހުމަތްތެރިން މިސާލު ދައްކައިފި. މުޅި ދުނިޔެ ބަންދު ކުރިއަސް، އެ ގައުމުތަކުން ރާއްޖެއަށް ހުޅުވާލާފައިވާ ދޮރުތައް ބަންދު ނުކުރާނެކަން ދައްކުވައިފި. ދިވެހިންނަށް ހިތްތައް ބަންދު ނުވާކަން އަންގައިދީފި. އަދި އިންޑިއާއަކީ މި މިސާލު ދައްކައިދިން، އަބަދުވެސް އަޅުގަނޑުމެންގެ އެންމެ ގާތް، އެކުވެރިޔާ،" ހިންދީ ބަހުން ޝާހިދު ދެއްވި ސްޕީޗުގައި ވިދާޅުވި އެވެ.

ޝާހިދު އިތުރަށް ވިދާޅުވީ އިންޑިއާއިން ފޯރުކޮށްދެނީ ހަމައެކަނި ފައިސާގެ އެހީ ނޫން ކަމަށާއި، ކޮވިޑް-19 އާ ގުޅިގެން ވޫހާންގައި ތިބި ދިވެހިން އިވެކުއޭޓް ކުރުމާއި، މެޑިކަލް ޓީމާއި ބޭސް ހަދިޔާ ކުރުމާއި، ކާބޯތަކެތި ފޯރުކޮށްދިނުން ފަދަ އެހީތައް ވެސް އެގައުމުން ދީފައިވާ ކަމަށެވެ. 

އެ ރަސްމިއްޔާތުގައި މިނިސްޓަރު ޝާހިދުގެ އިތުރުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި އިންޑިއާ ސަފީރު ސަންޖޭ ސުދީރު އަދި އެސްބީއައިގެ ސީއީއޯގެ އިތުރުން ފޮރިން މިނިސްޓްރީ، ފިނޭންސް މިނިސްޓްރީ އަދި އިންޑިއާ ހައި ކޮމިޝަންގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް