ads
ޖޭއެސްސީގެ ބައްދަލުވުމެއް -- ފޮޓޯ / މިހާރު
ގާޒީ އިސްމާއިލްގެ ސަސްޕެންޝަންގެ މުއްދަތު ހަމަވީރުވެސް ޖޭއެސްސީއަށް ގޮތެއް ނުނިންމޭ!
އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި އިސްކޮށް އުޅުއްވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލި ދައުވާތައް ބޭރުކޮށްލެއްވި، ގާޒީ އިސްމާއިލް ރަޝީދަށް ކުރާ ސުލޫކީ މައްސަލައިގެ ތުހުމަތާ ގުޅިގެން އޭނާ ސަސްޕެންޑްކުރި މުއްދަތު ހަމަވީއިރުވެސް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އެ މައްސަލައިގާ ގޮތެއް ނުނިއްމެއެވެ.

ޖޭއެސްސީން ޤާޟީ އިސްމާއިލް ރަޝީދު ސަސްޕެންޑް ކުރީ ފަސްދޮޅަސް ދުވަހަށް، މިދިޔަ ޖުލައި މަހުގެ 19 ވަނަ ދުވަހުއެވެ. ޤާޟީ އިސްމާޢިލް ރަޝީދުގެ ސަސްޕެންޝަންގެ މުއްދަތު އިއްޔެގެ ނިޔަލަށްވަނީ ހަމަވެފައެވެ. އެހެންނަމަވެސް އެ މައްސަލައިގައި، ނުވަ މެންބަރުންގެ މައްޗަށް ހިމެނޭ ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އަދިވެސް ގޮތެއް ނުނިއްމެއެވެ.

ޖޭއެސްސީން، ޤާޟީ އިސްމާއިލް ރަޝީދުގެ މައްސަލައިގައި ގޮތެއް ނުނިންމި ނަމަވެސް އިސްމާއިލް އެނބުރި ކޯޓަށް ނުކުންނެވިކަމެއް ނުވަތަ ނޫން ކަމެއް ސާފެއް ނުވެއެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅުން ހުރި ހަތް މައްސަލައެއްގައި އަދީބުއާ ދެކޮޅަށް ދައުވާ އުފުލިފައިވަނިކޮށް، ހުސްވި ޖުލައި މަހުގެ ތެރޭގައި ޤާޟީ އިސްމާއިލްވަނީ ދައުލަތުން އުފުލި ދައުވާތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމައި މައްސަލަތައް ބޭރުކޮށްލާފައެވެ. މައްސަލަތައް ބޭރުކޮށްލުމުން، ދައުލަތުގެ ފަރާތުން އެ މައްސަލަތައް ހައިކޯޓުގައި އިސްތިއުނާފުކޮށް، އެ މައްސަލަތަކުގެ ހުކުމާއި ހަމައަށް ދިޔައިރުވެސް، ސަސްޕެންޝަންގައި ހުރި ޤާޟީގެ މައްސަލައިގާ ޖޭއެސްސީއަށް އަދިވެސް ގޮތެއް ނުނިންމެއެވެ.

ޖުލައި މަހު އިސްމާޢިލް ސަސްޕެންޑްކޮށް ޖޭއެސްސީން ބުނީ، ގާޒީ އިސްމާއިލް ރަޝީދަށް ތުހުމަތު ކުރެވޭ މައްސަލަ، އެ ކޮމިޝަނުން ބަލަމުން އަންނައިރު، އޭނާ ފަނޑިޔާރު ކަމުގެ މަސައްކަތުގައި ދެމި ހުންނަވައިފި ނަމަ ތަހުގީގަށް ހުރަސް އެޅިދާނެތީ އާއި ޝަރުއީ ދާއިރާގެ އިތުބާރު ދެމެހެއްޓުމަށްޓަކައި ދެ މަސް ވަންދެން ސަސްޕެންޑް ކުރަން ނިންމީ ކަމަށެވެ. އެ މައްސަލަ ތަހުގީގުކޮށް ނިމުމުން، ތަފްސީލު އާންމު ކުރާނެ ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ.

ޤާޟީ އިސްމާއިލްގެ ސަސްޕެންޝަންގެ މުއްދަތު ހަމަވިއިރު، ހުސްވި ޑިސެމްބަރު މަހު ސަސްޕެންޑް ކުރި ގާޒީ ބާރީގެ މައްސަލައިގައިވެސް ޖޭއެސްސީއަށް އަދިވެސް ގޮތެއް ނުނިންމެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް