ads
މިއަދުގެ ޝަރީއަތުގެ ތެރެއިން--
އެކައުންޓްގައި ހުރި ފައިސާގެ މައުލޫމާތު ފުލުހުން ހޯދީ ގާނޫނާ ހިލާފަށް: ރައީސް ޔާމީން
މިމައްސަލައިގެ އަޑުއެހުންތައް ވަނީ ނިންމާލާފަ
ދެން އޮންނާނީ ގޮތެއް ނިންމުން: ފަނޑިޔާރު ސުއޫދު
އެމަނިކުފާނުގެ އެކައުންޓްތަކުގައި ހުރި ފައިސާގެ މައުލޫމާތު ފުލުހުން ހޯދާފައި ވަނީ ގާނޫނާއި ހިލާފަށް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ބޭންކު އެކައުންޓުތައް ދޫކޮށްލަން ހައިކޯޓުން ކުރި ހުކުމާއި ގުޅިގެން ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި މި މައްސަލައާ ގުޅިގެން އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ފަނޑިޔާރު ހުސްނުއްސުއޫދު ފުލުހުންނާއި ކުރިމަތި ކުރެއްވި ސުވާލަށް ފުލުހުން ވަނީ ޖަވާބު ދީފައެވެ. އެގޮތުން ފަނޑިޔާރު ސުއޫދު ކުރައްވާފައިވާ ސުވާލަކީ ރައީސް ޔާމީންގެ ހުރިހާ އެކައުންޓެއް ފްރީޒް ކުރަންޖެހުނީ ކީއްވެތޯ އާއި އިތުރު ފައިސާތަކެއް ބަންދުކުރަން ޖެހުނު ގޮތާއި އިތުރު ފައިސާތަކަކާއި މެދު ސުވާލު އުފެދުނު ގޮތާއި ގުޅޭ ގޮތުންނެވެ. 

އެގޮތުން ޖަވާބު ދެމުން ފުލުހުން ބުނެފައި ވަނީ، މައްސަލައިގައި ކޯޓުގެ އަމުރަކަށް އެދުނުއިރު ރައީސް ޔާމީންގެ އެކައުންޓަކުގައި ޖުމުލަ ހުރީ 100 މިލިއަން ރުފިޔާ ކަމަށާއި، އަދި އަމުރަށް އެދުނު ފޯމްގައި ވަކި ފައިސާގެ އަަދަދެއް ފްރީޒް ކުރުމަށް ބުނެފައި ނުވާނެ ކަމަށެވެ. އަދި އެކައުންޓްތައް ފްރީޒް ކުރުމަށް އެދުނު އިރު ރައީސް ޔާމީންގެ ބޭންކް ސްޓޭޓްމަންޓްތައް ހުށަހަޅާފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ. 

ދެން ފަނޑިޔާރު ސުއޫދު ވަނީ ރައީސް ޔާމީންގެ އެމްއައިބީގައި ހުރި އަށް އެކައުންޓާއި ބީއެމްއެލްގައި ވާ އެކައުންޓާއި ގުޅޭ ގޮތާއި މެދު ސުވާލު ކުރައްވާފައެވެ. އެ ސުވާލަށް ޖަވާބު ދެމުން ދައުލަތުގެ ވަކީލާ އައިޝަތް މުހައްމަދު ވިދާޅުވީ، އެމްއައިބީ ގައި ހުޅުވާފައިވާ އަށް އެކައުންޓްގެ މައުލޫމާތު ބަލަންޖެހުނީ އެސްއޯއެފު އިން ޖަމާކުރި އެއް މިލިއަން ޑޮލަރު އެ އެކައުންޓްތަކަށް ޖަމާކޮށްފައިވާތީ ކަމަށެވެ. އަދި ބީއެމްއެލްގައި ވާ އެސްކްރޯ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކޮށްފައި ވަނީ އެހެން ފަރާތަކުން ކަމަށްވީތީ އެވެ. 

ދައުލަތުގެ ވާހަކަތަކަށް ރައްދު ދެއްވަމުން ރައީސް ޔާމީންގެ ޤާނޫނީ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ ވަކީލް އަބްދުﷲ ޝިޔާޒް ވިދާޅުވީ، އެމްއައިބީގެ އެކައުންޓްތަކުގައި ހުރި މައުލޫމާތު ހޯދުމަށް އެމްއެމްއޭއިން ފުލުހަށް ފޮނުވި ސަސްޕިޝަސް ޓްރާންސެކްޝަން ރިޕޯޓް (އެސްޓީއާރް)ގައި އެދިފައި ނެތްކަމަށެވެ. އަދި އެ ރިޕޯޓްގައި ފާހަގަކޮށްފައިވަނީ ބީއެމްއެލްގެ އެކައުންޓަށް ފައިސާ ޖަމާކުރި ފަރާތުން ފައިސާ ޖަމާކުރީ ކޮން ހައިސިއްޔަތަކުންކަން ސާފު ކުރުމަށްކަމަށެވެ.  އަދި އެސްޓީއާރްގައި ވާ ކަންކަމަށް ޖަވާބު ލިބިފައިވަނިކޮށް އެމްއައިބީގެ އެކައުންޓްތައް ބަލަންޖެހޭ ސަބަބެއް ނެތްކަމަށްވެސް ޝިޔާޒް ވިދާޅުވި އެވެ. 

ދައުލަތުގެ ވާހަކަތަކަށް ރައްދުދެއްވަމުން ރައީސް ޔާމީން ވިދާޅުވީ، އެސްކްރޯ އެކައުންޓަށް ފައިސާ ޖަމާކުރަންބުނި އިރު އެމްއައިބީގައި ހުރި ފައިސާގައި އަތްނުލުމަށް އޭސީސީއިން އެމަނިކުފާނަށް އަންގާފައިވާކަން ފުލުހުންނަށް އިނގޭނެ ކަމަށެވެ. އަދި އެފައިސާގައި އަތް ނުލުމަށް އޭސީސީއިން އެންގި ހިސާބުން އެ ފައިސާގައި އަތްނުލާކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. 

މީގެ އިތުރުން ޝަރީއަތުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ފުލުހުން މި މައްސަލަ ތަހުގީގު ކުރުމުގެ ކުރިންވެސް އެސްޓީއާރްއެއް ނިކުމެފައިވާކަމަށާއި، އެއީ 15 މިލިއަން ރުފިޔާއަކާއި ގުޅިގެން ނިކުތް އެސްޓީއާރްއެއް ކަމަށެވެ. އަދި އެފައިސާ އަކީ އެމަނިކުފާނުގެ ކެމްޕެއިން ހަރަދަށް ހުޅުވާފައިވާ އެކައުންޓަކަށް ޖަމާވި ފައިސާކަމަށާއި އެފައިސާ އާއި ގުޅޭގޮތުންވެސް ފުލުހުން ސުވާލު ކުރިކަން ފާހަގަކުރެއްވި އެވެ. 

ރައީސް ޔާމީން ވަނީ އޭސީސީ އާއި އެކު އެއްބަސްވެގެން ހުޅުވާފައިވާ އެސްކްރޯ އެކައުންޓަކަށް ފައިސާ ޖަމާކުރުމުން އެކަމާއި ގުޅިގެން އެސްޓީއާރްއެއް ނެރެންވީ ކީއްވެތޯ ސުވާލު އުފައްދަވާފައެވެ. އަދި އެ އެސްޓީއާރް ނެރުމަށް ފަސް މަސްދުވަސް ނެގީ ކީއްވެތޯ ވެސް ރައީސް ޔާމީން ސުވާލު އުފެއްދެވި އެވެ. ރައީސް ޔާމީން ވިދާޅުވީ މި މައްސަލަ އެންމެ ފުރަތަމަ ތަހުގީގު ކުރީ އޭސީސީން ކަމަށާއި، އޭސީސީއިން އެދުނު ގޮތަށް އެސްކްރޯ އެކައުންޓެއް ހުޅުވުމަށްފަހު އެއް މިލިއަން ޑޮލަރު ޖަމާކުރި ކަމަށެވެ. އަދި ދައުލަތުން ބޭނުންވި ފައިސާ އެ އެކައުންޓަގައި ހުރި އިރު އެހެން އެކައުންޓްތައް ބަލަންނުޖެހޭ ކަމަށާއި ފްރީޒް ކުރަން ނުޖެހޭކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ. 

"ފުލުހުންނަށް އިނގޭކަށް ނުޖެހޭ އެކައުންޓްތަކުގައި ހުރި ފައިސާއެއް،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ފުލުހުން ތަހުގީގު ކުރަންޖެހޭނީ އެއް މިލިއަން ޑޮލަރާއި ގުޅޭ ކަންކަން ކަމަށާއި، އޭގެ ބޭރުން އެހެން އެކައުންޓްތައް ބަލާ ފްރީޒް ކުރަން ނުޖެހޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. 

ރައީސް ޔާމީންގެ އެކައުންޓްތަކުގެ މިހާރުގެ ހާލަތާއި ގުޅޭގޮތުން ފަނޑިޔާރު ސުއޫދު ސުވާލު ކުރުމުން ދައުލަތުން ބުނެފައިވަނީ އެމްއައިބީގައި ހުރި ރައީސް ޔާމީންގެ އެއް އެކައުންޓެއްގެ ފައިސާ ފްރީޒް ކޮށްފައިވާކަމަށެވެ. އަދި ފްރީޒް ކޮށްފައިވަނީ ޑޮލަރު އެކައުންޓެއް ކަމަށް ވެސް ދައުލަތުން ފާހަގަކުރި އެވެ. 

އެއް އެކައުންޓް ފްރީޒް ކޮށްފައި ހުރިކަމަށް ދައުލަތުން ބުނުމުން ފަނޑިޔާރު ސުއޫދު ވަނީ އެއީ ކޮން އެކައުންޓެއްތޯ ސާފު ކޮށްފައެވެ. ޖަވާބުގައި ދައުލަތުންބުނީ ފްރީޒް ކޮށްފައިވަނީ އެމްއައިބީގައި ހުރި ރައީސް ޔާމީންގެ ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓެއް ކަމަށެވެ. 

ދައުލަތުގެ ވާހަކަތަކާއި ގުޅިގެން ފަނޑިޔާރު ސުއޫދު ވިދާޅުވީ ދައުލަތުގެ ވާހަކަތައް ދެކޮޅު ޖައްސަން އުނދަގޫ ކަމަށެވެ. 

"ދައުލަތުން ދައްކާ ވާހަކަ ދެކޮޅު ޖައްސަން ތަންކޮޅެއް އުނދަގޫވޭ އެބަ، އިނގޭތޯ. އެހެން މިދެންނެވީ ދެންމެ އަކު ވިދާޅުވީ އެ 8 އެކައުންޓްގައި ހުރީ ޝައްކުކުރެވޭ ތުހުމަތު ކުރެވޭ ފައިސާ އޭ. އެ 8 އެކައުންޓްގެ އަމުރު، މިދެންނެވީ ހައިކޯޓުން ބާތިލުކުރައްވާފައި އޮށްވާ އަނެއްކާ ފަހުން އަމުރަކުން ތި އެދިވަޑައިގަނެގެން ފްރީޒް ކުރެއްވީ އެ 8 އެކައުންޓްގެ ތެރެއިން އެއް އެކައުންޓް. ދެންހުރި އެކައުންޓްތަކަށް ފްރީޒިން އޯޑާއަކަށް ފަހުން އެދިވަޑައެއް ނުގަންނަވާ. އެކަމު ދެންމެއަކު ވިދާޅުވެއްޖެ އެ 8 އެކައުންޓްގައި ހުރި ފައިސާވެސް އެއީ، މިދެންނެވީ ތަހުގީގްގެ ސަބްޖެކްޓް މެޓާ އެކޭ. ކިހިނެއްތޯ އެވާހަކަ އަޅުގަނޑު ދެކޮޅު ޖައްސާނީ،" ފަނޑިޔާރު ސުއޫދު ވިދާޅުވި އެވެ.

ފަނޑިޔާރު ސުއޫދުގެ ސުވާލަށް ޖަވާބު ދެއްވަމުން ދައުލަތުން ބުނެފައިވަނީ، ހައިކޯޓުން ރައީސް ޔާމީންގެ އެކައުންޓްތައް ދޫކޮލުމުން ކްރިމިނަލް ކޯޓުން ކުރިން ނެރުއްވާފައިހުރި އަމުރުތައް އެ ކޯޓުން ބާތިލުކުރީ ކަމަށެވެ. އަދި ސުޕްރީމް ކޯޓުގައި މި މައްސަލަ އިލްތިސާމް ކުރުމަށްފަހު އެއަށް އިތުރު ބަދަލެއް ނާންނަކަމުގައި ވާނަމަ އާންމު އުސޫލަކީ ކްރިމިނަލް ކޯޓަށް މިފަދަ މައްސަލައެއް ހުށަހެޅި ނަމަވެސް އެ އަމުރު ނުނެރެދިނުން ކަމަށެވެ. 

އަދި މިހާރު ފްރީޒް ކޮށްފައިވާ އެކައުންޓަކީ އެ މައްސަލައެއް ކްރިމިނަލް ކޯޓުގައި ސާބިތުވެފައިވާ މައްސަލައަކަށް ވެފައި އަދި ހައިކޯޓުގައި އެމައްސަލައިގެ އިސްތިއުނާފު ކުރިއަށްދާ މައްސަލައެއްކަން ވެސް ފާހަގަކުރެއްވި އެވެ. 

މީގެ އިތުރުން ފަނޑިޔާރު ސުއޫދު ވަނީ އެމްއައިބީގެ އެކައުންޓްތަކުގައި ހުރި ފައިސާއާއި ގުޅޭގޮތުން ތަހުގީގެއް ކުރޭތޯ ސުވާލުކުރައްވާފައެވެ. ޖަވާބުގައި ފުލުހުން ބުނެފައިވަނީ ދެ މައްސަލައެއް ބަލަމުން އަންނަކަމަށެވެ. އެހެން ނަމަވެސް ފުލުހުންގެ ވާހަކައަށް ރައްދު ދެއްވާ ރައީސް ޔާމީން ވިދާޅުވީ ތަހުގީގެއް ކުރިނަމަވެސް އެކައުންޓްގައި ހުރި ފައިސާއަކާއި ވަކި މައްސަލައަކާ ގުޅުވާފައިވާކަމަށް ފުލުހުން ބުނެފައިނުވާ ކަމަށެވެ. 

މީގެ އިތުރުން ވާހަކަ ދެއްކުމަށް ލިބުނު ފަހު ފުރުސަތުގައި ރައީސް ޔާމިން ވިދާޅުވީ ކޯޓު އަމުރެއް ނެތި ފުލުހުން މީހެއްގެ އެކައުންޓްގައި ހުރި މައުލޫމާތު ބެލުމުން، އެހިސާބުން ފުލުހުން ގާނޫނާއި ހިލާފު ވީކަމަށެވެ. އަދި ފުލުހުން ކޯޓު އަމުރެއް ނެތި ޤާނޫނުން ބޭރުން އެމަނިކުފާނުގެ އެކައުންޓްގައި ހުރި ފައިސާ ތަކުގެ މައުލޫމާތު ހޯދާ އެކަން އާންމު ކުރި ކަމަށާއި، އެކަމުން ލިބުނު ގެއްލުން ފުލުހުންނަށް ކިޔައިދޭން ނޭނގޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. 

މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ މަނީ ލޯންޑްރިން ކުރުމަކީ ފައިސާއެއްގެ އަސްލު އޮޅުވާލުން ކަމަށާއި، އެހެން ނަމަވެސް އެމަނިކުފާނުގެ އެއް އެކައުންޓްގައި ހުރި ފައިސާ ހަމަ އެބޭންކްގެ އެހެން އެކައުންޓަކަށް ދިއުމުން އަސްލު އޮޅޭތޯ ސުވާލު އުފައްދަވާފައިވެ އެވެ. އަދި ވިދާޅުވީ ފައިސާ އެއް އެކައުންޓުން އަނެއް އެކައުންޓަށް ބަދަލުކުރީ 2017 ވަނަ އަހަރު ކަމަށާއި، އޭރު ފައިސާ އާއި މެދު އެއްވެސް ތުހުމަތެއް ވެސް ނުކުރާ ކަމަށެވެ. އަދި އަމިއްލަ ފައިސާ އާއި މެދު މުއާމަލާތް ކުރާނޭ ގޮތެއް އެނގޭނީ އެމަނިކުފާނަށްކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި ފުލުހުން ތުހުމަތެއް ކޮށް ތަހުގީގު ފެށި ހިސާބުން އެ ފައިސާގައި އަތްލާފައި ނުވާކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. 

ރައީސް ޔާމީންގެ ވާހަކަތަކަށް ރައްދު ދެއްވާ ދައުލަތުން ބުނެފައިވަނީ ބޭއްކެއްގެ އެއް އެކައުންޓަކުން އަނެއް އެކައުންޓަކަށް ފައިސާ ޖަމާކުރުމަކީވެސް ފައިސާގެ އަސްލު އޮޅުވާލުންކަމަށް ބެލެވޭނެ ކަމަށެވެ. 

މިއަދުގެ ޝަރީއަތުގެ މަޖިލިސް ނިންމާލައްވަމުން މައްސަލަބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ، މިމައްސަލައިގެ އަޑުއެހުންތައް މިހާހިސާބުން ނިންމަވާލެއްވީ ކަމަށެވެ. އަދި ދެން އޮންނާނީ މި މައްސަލައިގައި ގޮތެއް ނިންމުންކަން ފާހަގަކުރެއްވި އެވެ.

83%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް