އެގޮތުން ތަސްދީގު ކުރައްވާފައި ވަނީ އިލެކްޝަންސް ކޮމިޝަނުގެ ގާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ބިލާއި، ސިވިލް ސާވިސް ކޮމިޝަނުގެ ގާނޫނަށް ފަސްވަނަ އިސްލާހު ގެނައުމުގެ ބިލު އަދި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ބިލެވެ.
އިލެކްޝަންސް ކޮމިޝަނުގެ ގާނޫނަށް ގެނައި އިސްލާހާއެކު ކޮމިޝަނުގެ ރައީސާއި މެމްބަރުންގެ މަސްއޫލިއްޔަތުތަކަށް ވަނީ ބަދަލުތަކެއް އައިސްފަ އެވެ. އޭގެ އިތުރުން ނުފޫޒެއް ނެތި މިނިވަންކަމާއެކު މަސައްކަތް ކުރުމަށް ބާރު އެޅުމުގެ ގޮތުން މާއްދާއެއް އިތުރުކޮށް، ކޮމިޝަނުގެ ސުލޫކީ ހަމަތަކާއި، މެމްބަރުންގެ ސުލޫކީ މިންގަނޑު ހިފެހެއްޓުމަށް އެ އިސްލާހުގައި ބާރު އަޅާފައި ވެއެވެ.
އޭގެ އިތުރުން ކޮމިޝަނުގެ މެންބަރުންގެ މާލީ ހިސާބު ހުށަހެޅުމަށާއި، އިތުރު ވަޒީފާ އަދާ ނުކުރުމަށާއި، މަސްލަޙަތު ފުށުއަރާ މައްސަލަތަކުން ދުރުހެލިވުމަށް އެ އިސްލާހުގައި ބާރު އަޅާފައި ވެއެވެ. އެގޮތުން ޒިންމާ އަދާކުރުމުގައި ހިފަހައްޓަން ޖެހޭ ހަމަތައް ތަފުސީލުކޮށް ފާހަގަކޮށްފައި ވެއެވެ.
ސިވިލް ސާވިސް ކޮމިޝަނުގެ ގާނޫނަށް ގެނައި އިސްލާހުގައި ވެސް ވަނީ އެ ކޮމިޝަނުގެ ރައީސްގެ މަސްއޫލިއްޔަތަށް ބަދަލުތަކެއް އައިސްފަ އެވެ. އަދި ނުފޫޒުން އެއްކިބާވުމަށް މާއްދާއެއް އިތުރުކޮށް، ސުލޫކީ މިންގަނޑުތައް ބަޔާންކޮށްފައި ވެއެވެ.
އޭގެ އިތުރުން މާލީ ހިސާބު ހުށަހެޅުމާއި، ވަފީޒާ އަދާ ނުކުރުމަށާއި، މަސްލަހަތު ފުށުއަރާ މައްސަލަތަކުން ދުރުހެލިވުމަށް ބަޔާންކޮށް، ބައްދަލުވުންތަކުގެ ރެކޯޑު ގަވާއިދުން ބެލެހެއްޓުމަށް ވެސް އަލަށް ގެނައި އިސްލާހުގައި ބަޔާންކޮށްފައި ވެއެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނަށް ގެނައި އިސްލާހުގައި ވެސް ކޮމިޝަނުގެ ރައީސާއި މެމްބަރުންގެ ނުފޫޒުން އެއްކިބާވެ ތިބުމަށް ބާރު އަޅާ، ސުލޫކީ މިންގަނޑުތައް ބަޔާންކޮށް، މަސްލަހަތު ފުށު އަރާ މައްސަލަތަކުން ދުރުހެލިވުމަށް މާއްދާއެއް އިތުރުކޮށްފައި ވެއެވެ
އެ ތިން ގާނޫނު ވެސް ތަސްދީގު ކުރުމާއެކު މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފަ އެވެ. މިއަދުން ފެށިގެން އެ އިސްލާހުތަކަށް އަމަލު ކުރަމުން ދާނެ އެވެ. ރައްޔިތުންގެ މަޖިލީހުން އެ ތިން ގާނޫނު ވެސް އިސްލާހުކޮށްފައި ވަނީ ސެޕްޓެމްބަރު 3 ގައެވެ.