ads
ނައިބް ރައީސް ފައިސަލް ނަސީމު މިއަދުގެ ރަސްމިއްޔާތަށްފަހު "ލާމަސީލް ޒުވާނާ" ޕްރޮގްރާމުގައި ބައިވެރިވި ޒުވާނުން ދ. ވާނީއަށް ފުރާތީ އެތަނަށް ވަޑައިގެން -- ފޮޓޯ: ރައީސް އޮފީސް
ޒުވާނުންނަކީ ކެރިގެން ކަންކަމާ ކުރިމަތިލާ ބަޔަކަށް ވުމަށް އިލްތިމާސް ކުރައްވައިފި
ދިވެހި ޒުވާނުންނަކީ ކަންކަމާ ކެރިގެން ކުރިމަތިލާ ހިތްވަރު ގަދަ ގާބިލު ބަޔަކަށް ވުމަށް ނައިބް ރައީސް ފައިސަލް ނަސީމް އިލްތިމާސް ކުރައްވައިފި އެވެ.
ދިވެހި ޒުވާނުންނަކީ ކަންކަމާ ކެރިގެން ކުރިމަތިލާ ހިތްވަރު ގަދަ ގާބިލު ބަޔަކަށް ވުމަށް ނައިބް ރައީސް ފައިސަލް ނަސީމް އިލްތިމާސް ކުރައްވައިފި އެވެ.

ނައިބް ރައީސް މިކަމަށް އިލްތިމާސް ކުރެއްވީ "ލާމަސީލު ޒުވާނާ 2020" ނަމުގައި ކުރިއަށް ގެންދާ ކޭމްޕް ފެށުމުގެ ގޮތުން މިއަދު މެންދުރުފަހު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވީ ޒުވާނުން މަސައްކަތުގެ މައިދާނަށް ނުކުންނައިރު މި ކޭމްޕުން ދަސްވާ ކަންކަމުގެ ބޭނުން ހިފަންޖެހޭނެ ކަމަށެވެ. އަދި ރީތި އަޚުލާގީ މިންގަނޑު ހިފަހައްޓާ، އެހެން މީހުންނަށް އިސްކަންދީގެން ދިރިއުޅުން ބައްޓަންކުރާ ބަޔަކަށްވުމަށް ޒުވާނުން ވުމަށް ވެސް އެމަނިކުފާނު ވަނީ އެދިވަޑައިގެންފަ އެވެ.

ނައިބް ރައީސްގެ ވާހަކަފުޅުގައި ގައުމަށްޓަކައި ކޮށްދޭ ޚިދުމަތަކީ ކޮންމެ މީހަކަށް ވެސް ލިބޭ އުފަލަކަށް ވާންޖެހޭ ކަމުގައި ވިދާޅުވި އެވެ. އަދި ޒުވާނުންގެ ހިއްސާއާއެކު މެނުވީ ހަރުދަނާ ޖީލެއް ބިނާ ނުކުރެވޭނެ ކަމަށާއި ޒުވާނުންގެ ބައިވެރިވުން ނެތި ތަރައްގީވެފައިވާ އެއްވެސް ގައުމެއް ނެތްކަން ވެސް ނައިބް ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.

"ލާމަސީލު ޒުވާނާ" ކޭމްޕަކީ އުމުރުން 18 އަހަރާއި 25 އަހަރާއި ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެން މޯލްޑިވްސް ޕޮލިސް ސާވިސް އާއި މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކޭމްޕެކެވެ.

މި ކޭމްޕުގެ މަގުސަދަކީ ޒުވާނުންނަކީ ޒިންމާދާރު ހަރުދަނާ ސިފަވަންތަ، ގައުމިއްޔަތާއި ދީނަށް ލޯބިކުރާ، މަސައްކަތު މާހައުލަށް ޝައުގުވެރި، މަސައްކަތުގެ އަހްލާގު ދަމަހައްޓާ، ނަމޫނާ ބަޔަކަށް ހެދުމެވެ.

މި ކޭމްޕުގައި ދަސްކޮށްދޭ ކަންކަމުގެ ތެރޭގައި އަމިއްލަ ނަފްސާއި މެދު ހޭލުންތެރިކަން އިތުރުކުރުމާއި، ނަފުސަށް ކުރާ އިތުބާރާއި ޔަގީންކަން އިތުރު ކުރުމުގެ ގޮތުން ރެޕަލިންގެ ނުވަތަ ދުޅަހެޔޮ، ހަށިހެޔޮ ހަރަކާތްތައް ދަސްކޮށްދިނުން ހިމެނެ އެވެ. އަދި ޓީމެއްގެ ގޮތުގައި މަސައްކަތްކޮށް ކާމިޔާބު ހޯދުމަށް ޓީމު ބިނާކުރުމުގެ ހަރަކާތްތަކުގެ ތެރެއިން ދިރިއުޅުމުގެ ތަފާތު ހުނަރުތައް ދަސްކޮށްދިނުމާއި، ކޮންމެފަދަ ހާލަތެއް މެދުވެރިވިޔަސް އަމިއްލައަށް ސަލާމަތްވާނެ ހުނަރުތައް އަމަލީގޮތުން ތަޖުރިބާ ކުރުމުގެ ފުރުސަތު ހޯދައިދިނުން ވެސް ހިމެނެ އެވެ.

މީގެ އިތުރުން ދިރިއުޅުމުގައި ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށާއި ރިވެތި އަދަބުތަކާއި މައިންބަފައިންގެ މުހިއްމުކަމާއި އިސްލާމީ ރިވެތި އުސޫލުތައް ވެސް މި ކޭމްޕުގެ ތެރެއިން ދަސްކޮށްދޭނެ އެވެ.

ބާރަ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ކޭމްޕުގައި ދ. އަތޮޅާއި ވ. އަތޮޅު ފިޔަވައި ރާއްޖޭގެ ހުރިހާ އަތޮޅަކުން ޒުވާނުން ބައިވެރިވެ އެވެ.

މިއަހަރުގެ މި ކޭމްޕުގައި ޖުމްލަ 81 ޒުވާނުން ބައިވެރިވާއިރު މީގެތެރޭގައި 32 އަންހެން ބައިވެރިންނާއި 49 ފިރިހެން ބައިވެރިން ހިމެނެ އެވެ. ބައިވެރިން ހޮވުމުގައި އިސްކަން ދީފައިވަނީ މަދުރަސީ ތަޢުލީމު ނިމި، މިވަގުތު ވަޒީފާއެއް އަދާނުކުރާ، ވަޒީފާގެ ބާޒާރަށް ނުކުތުމަށް ތައްޔާރުވަމުން އަންނަ ޒުވާނުންނަށް ކަމަށް ކޭމްޕް އިންތިޒާމްކުރާ ފަރާތުން ބުނެފައިވެ އެވެ.

މިއަދު ބޭއްވި "ލާމަސީލު ޒުވާނާ 2020" ކޭމްޕު ފެށުމުގެ ރަސްމިއްޔާތަށްފަހު ކޭމްޕުގެ ބައިވެރިން ވަނީ ކޭމްޕު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ދ. ވާނީއަށް ދިއުމަށް ފުރާފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް