ads
ހަތް މަހަށް ފަހު އުމްރާގެ އަޅުކަމަަށް ހަރަމްފުޅު ހުޅުވާލަނީ
ހަތް މަސް ދުވަހުގެ މެދުކެނޑުމަކަށް ފަހު އުމްރާގެ އަޅުކަން ކުރުމުގެ ފުރުސަތުދީ ހަރަމްފުޅު ހުޅުވާލަން ނިންމާފައިވާ ކަމަށް ސައުދީ ސަރުކާރުން ހާމަކޮށްފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ސަައުދީ ސަރުކާރުން އުމްރާގެ އަޅުކަން މެދުކަނޑާލާފައި ވަނީ މިދިޔަ މާޗު މަހުގެ ތެރޭގަ އެވެ. 

ސައުދީގެ އިންޓީރިއާ މިނިސްޓްރީން އިއްޔެ ބުނި ގޮތުގައި ކޮވިޑް-19 އާ ގުޅިގެން އުމްރާގެ އަޅުކަން މެދުކަނޑާލާފައި އޮތް ނަމަވެސް އަންނަ މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން އުމްރާވެރިން ހަރަމްފުޅު ހުޅުވާލަން ވަނީ ނިންމާފަ އެވެ.

އެކަމަކު އުމްރާވެރިންގެ އަދަދު އިތުރުކުރާނީ ހާލަތަށް ބަލާއި މަޑުމަޑުން ކަމަށް ވެސް ބުނެ އެވެ. އެގޮތުން އެކި ފިޔަވަހިތަކަކަށް ބަހާލައިގެނަ ހަރަމްފުޅު ހުޅުވާލަން ނިންމާފައިވާއިރު ފުރަތަމަ ފިޔަވަހީގެ ދަށުން އެ ފުރުސަތުދޭނީ ސައުދީ ރައްޔިތުންނަށާއި އެގައުމުގައި އުޅޭ އެހެން ރައްޔިތުންނަށެވެ. އަދި އޮކްޓޫބްރު ހަތަރެއްގައި ފުރަތަމަ ފިޔަވަހީގެ ދަށުން ހުޅުވާލާއިރު އުމްރާވުމަށް ފުރުސަތުދޭނީ 6000 މީހަކަށެވެ.

އެހެން ގައުމުތަކުގެ މީހުންނަށް ނޮވެމްބަރު އެކަކުން ފެށިގެން އުމްރާވާން ފުރުސަތުދޭއިރު އޭރު އުމްރާވެރިންގެ އަދަދު 20000 އަށް އިތުރުކުރެވޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ހަރަމްފުޅު ހުޅުވާލަން ނިންމިއިރު ކޮވިޑާއި ގުޅިގެން މިއަހަރުގެ ހައްޖުގެ އަަޅުކަން ވެސް އެހެން އަހަރުތަކުގައި ކުރިއަށް ގެންދާ ގޮތަށް ކުރިއަކަށް ނުގެންދެވުނެވެ. ކުރިން ދެ މިލިއަނެއްހާ މީހުން އެ މާތް ބިމަށް ހައްޖުގެ އަޅުކަމަށް ޖަމާވި ނަމަވެސް މިފަހަރު އެ ފުރުސަތު ދިނީ މަދު ބަޔަކަށެވެ. 

ވަރުގަދަ ފިޔަވަޅުތަކަކާއެކު ހައްޖުގެ އަޅުކަން ކުރިއަށް ގެންދިއުމުގެ ނަތީޖާއަކީ އެ އަޅުކަމުގައި ބައިވެރިވި އެއްްވެސް ހައްޖާޖީއަކަށް ކޮވިޑް ޖެހިފައި ނުވުމެވެ.

އެހެން އަހަރުތަކެކޭ އެއްގޮތަށް ދެން އުމްރާގެ އަޅުކަން ވެސް ކުރިއަށް ގެންދާނީ ކޮވިޑްގެ ބިރުވެރިކަން އެއްކޮށް ފިލާ ދިއުމުން ކަމަށް އެގައުމުގެ ސަރުކާރުން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް