ads
ޝާފިއު އުފެއްދި މޮޑެލް މެދުޒިޔާރަތް ހިފައިގެން މާލޭގެ މެދުޒިޔާރަތް ކައިރީގައި މަޑުކޮށްލައިގެން-- ފޮޓޯ: އަވަސް
ޝާފިއުގެ މޮޑެލް ބިނާތަކުން އިހުގެ ހަނދާންތައް އާ ކޮށްދީފި
މާލޭގެ ފަރީދީ މަގާއި އޯކިޑު މަގު ގުޅޭ ހިސާބުން އެއް ޒަމާނެއްގައި ހުރި ބޮޑު ގަޑީ ހަނދާން ވަނީ ކިތައް މީހުން ހެއްޔެވެ؟ ގައުމުގެ ވެރިރަށުގެ ހައިބަތު ރަމްޒުކޮށްދޭ އެ ބިނާ ނެތިގެން ގޮސްފައި ވަނިކޮށް، އެ ހަނދާންތައް އާ ކޮށްދިނީ ސޯޝަލް މީޑިއާއިން ފެނުނު ފޮޓޯތަކަކުންނެވެ.

ގަޑިބުރުގެ އެ ފުރިހަމަ މޮޑެލް ތައްޔާރު ކުރުމުގެ ފަހަތުގައިވާ ކުޅަދާނަ ފަންނުވެރިއަކީ ރ. ހުޅުދުއްފާރަށް ނިސްބަތްވާ އުމުރުން 28 އަހަރުގެ އަބްދުﷲ ޝާފިއު އެވެ. މިހާރު މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގައި މަސައްކަތް ކުރަމުން ދިޔަ ނަމަވެސް، އޭނާ ކުޑައިރުން ފެށިގެން ޝައުގުވެރިކަމާއެކު ކުރަމުން އަންނަ މި މަސައްކަތަކަށް ހުއްޓުމެއް ނާދެ އެވެ. 

your imageޝާފިއު ހަދާފައިވާ ގަޑިބުރުގެ މޮޑެލް-- ފޮޓޯ: ގާފޮޅު/ ފޭސްބުކް

"އަޅުގަނޑަކީ އެންމެ ކުޑައިރުއްސުރެ ވެސް މޮޑެލް އެއްޗެހި ހެދުމަށް ވަރަށް ޝައުގުވެރިކަން ހުންނަ މީހެއް. ބޮޑަށް މިކަމުގެ ތެރެއަށް ވަދެވުނީ ހުޅުދުއްފާރު ސްކޫލުގެ ފަރާތުން ބޭއްވި އެގްޒިބިޝަނެއްގެ ސަބަބުން 2011 ވަނަ އަހަރު،" ސީއެންއެމްއަށް ދިން އިންޓަވިއުއެއްގައި ޝާފިއު ބުންޏެވެ. 

އެ އެގްޒިބިޝަނުގައި ބައިވެރިވުމުގެ ކުރިން ޝާފިއު ކުރަހާ އުޅުނީ އާދައިގެ ކުރެހުންތަކެވެ. ނަމަވެސް އެއަށްފަހު ބަދަލުކޮށްލީ 3ޑީ ކުރެހުންތަކަށެވެ. އޭނާގެ 3ޑީ ކުރެހުންތައް އަސްލާ އެއް ގޮތް ކަމުން ގާތް އެކުވެރިން މަސައްކަތާ މެދު ޝައްކު ވެސް އުފައްދާ ހެދި އެވެ. 

"ބައެއް ކުދިން ބުނާނެ އަސްލު އެއްޗެއް ގަނޑު މަތީގައި ބައިންދާފައި ފޮޓޯ ނަގާފައޭ،" ޝާފިއު ކިޔައިދިނެވެ. 

your imageޝާފިއު މަސައްކަތުގައި-- ފޮޓޯ: ގާފޮޅު/ ފޭސްބުކް

މި މަސައްކަތް އިތުރު ހަރުފަތަކަށް ގެންދިޔުމުގެ ވިސްނުން ޝާފިއުގެ އަބަދުވެސް ހުރެ އެވެ. އާދައިގެ ކުރެހުންތަކުން ފަށައިގެން 3ޑީ އަށް ބަދަލުވެ، އަސްލު ބިނާތަކުގެ މޮޑެލް ހަދަން ފެށީ އެހެންވެ އެވެ. މިހާރު ޝާފިއުގެ އުއްމީދަކީ މި މަސައްކަތް ފަތުރުވެރިންނާ ހަމައަށް ގެންދިޔުމެވެ.

"އަޅުގަނޑުގެ އުއްމީދަކީ ޓޫރިޒަމާ ހަމައަށް މީތި ގެންދިޔުން،" ޝާފިއު ބުންޏެވެ. 

އަމިއްލައަށް ދަސްކުރި މި މަސައްކަތް އިތުރަށް ފުޅާ ކުރީ ޔޫޓިއުބް ވީޑިއޯތައް ބަލައިގެން ކަމަށާއި، މިއީ ބުރަ ނޫން ނަމަވެސް ވަރަށް ކަވި، ވަގުތު ހޭދަވާ މަސައްކަތެއް ކަމަށް އޭނާ ކިޔައިދިނެވެ. އޭނާގެ މަސައްކަތްތަކުގެ ތެރެއިން ގަޑިބުރުގެ މޮޑެލް އާއި މެދުޒިޔާރަތުގެ މޮޑެލްއަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔަ އެވެ. 

ޝާފިއު ބުނި ގޮތުގައި މި މަސައްކަތް ކުރުމުގެ ބޭނުމަކީ ރާއްޖޭގެ މަޝްހޫރު ބިނާތަކާއި ބިލްޑިންތަކުގެ މޮޑެލް ވުޖޫދު ކުރުމެވެ. އޭނާގެ އުފެއްދުންތަކަށް އެންމެ ޝައުގުވެރި ވަނީ ދިވެހި ބަހާއި ތާރީހަށް ލޯބި ކުރާ ފަރާތްތަކުން ކަމަށް ވެސް ޝާފިއު ބުންޏެވެ. 

"މިކަމަކީ އަސްލު އާމްދަނީ ހޯދަން ކުރަން ހަމަ ވަރަށް ރަނގަޅު މަސައްކަތެއް. ސަބަބަކީ ރާއްޖެއަކީ ޓޫރިޒަމަށް ބަރޯސާވާ ގައުމަކަށް ވާތީވެ މިކަމަކީ ހަމަ ރަނގަޅު އާމްދަނީއެއް ލިބޭނެ މަސައްކަތެއް ކަމަށް އަޅުގަނޑު ގަބޫލުކުރަން،" މިހާރު ހަމައެކަނި ދިވެހިންނަށް ހާއްސަ މޮޑެލްތައް ހަދައިގެން ވެސް ރަނގަޅު އާމްދަނީއެއް ލިބޭކަން ފާހަގަކުރަމުން ޝާފިއު ކިޔައިދިނެވެ. 

your imageޝާފިއު ހަދާފައިވާ މެދުޒިޔާރަތުގެ މޮޑެލް-- ފޮޓޯ: ގާފޮޅު/ ފޭސްބުކް

މިހާތަނަށް ބޭރު މީހުންނަށް ހާއްސަކޮށް މި މަސައްކަތް ޝާފިއު ކޮށްފައެއް ނުވެ އެވެ. އެކަމަކު އޭނާގެ އުއްމީދަކީ އެ ހިސާބަށް މަސައްކަތް ގެންދިޔުމެވެ. ޝާފިއުގެ މަސައްކަތްތައް ދައްކާލުމަށް އޭނާ އަންނަނީ "ގާފޮޅު" ގެ ނަމުގައި ސޯޝަލް މީޑިއާ ޕޭޖެއް ވެސް ހިންގަމުންނެވެ. 

"އަޅުގަނޑުގެ ވަރަށް ގާތް ރައްޓެއްސެއް އެއީ އަލީ ރަޝީދު، އޭނާގެ އެދުމުގެ މަތިން މި ޕޭޖު ހިންގަން ފެށީ،" ޝާފިއު ކިޔައިދިނެވެ. 

your imageޝާފިއު ތައްޔާރުކޮށްފައިވާ ގާނޫނު އަސާސީ ފޮތުގެ ކުޑަ މޮޑެލް އެއް-- ފޮޓޯ: ގާފޮޅު/ ފޭސްބުކް

your imageޝާފިއު ތައްޔާރުކޮށްފައިވާ މޮޑެލް ގެޔެއްގެ މަންޒަރު-- ފޮޓޯ: ގާފޮޅު/ ފޭސްބުކް

މި މަސައްކަތް އިތުރު މީހުންނަށް ދަސްކޮށްދިނުމުގެ ވިސްނުން ވެސް ޝާފިއު ގެންގުޅެ އެވެ. އެގޮތުން އުގެއިލް ފައުންޑޭޝަނުން ހިންގާ "ދަ ސާކަލް" ހަރަކާތުގެ ތެރެއިން މިހާރު ވަނީ "ސާކަލް ކްރާފްޓް" ނުވަތަ މިފަދަ ފަންނަށް ހާއްސަ ބައެއް ކަނޑައަޅާފަ އެވެ. 

"އެހެންވެ މިހާރު އޮންލައިންކޮށް ކުދިންތަކަށް ކިޔަވައިދެވޭނެ. އެކަން ކުރުމަށް ތައްޔާރުވަމުން މި ދަނީ. ވީހާވެސް ގިނަ ބަޔަކަށް މިކަން ދަސްކޮށްދިނުން އަޅުގަނޑުގެ އުއްމީދަކީ،" ޝާފިއު ބުންޏެވެ.

your imageޝާފިއު ހެދި ގަޑިބުރުގެ މޮޑެލް-- ފޮޓޯ: ގާފޮޅު/ ފޭސްބުކް

އިތުރު މީހުންނަށް މި މަސައްކަތް ދަސްކޮށްދިނުމުގެ ވިސްނުމުގައި ޝާފިއު ހުރިއިރު، މިކަމައިގެން ކުރިއަށް ދާން އޭނާއަށް ހިތްވަރުދިން އެކި ފަރާތްތަކަށް ޝުކުރު އަދާ ކުރަން ޝާފިއު ބޭނުންވެ އެވެ. އެގޮތުން ސަރުކާރުގެ އިސް ބޭފުޅުންނާއި ކަރެކްޝަންސަށް އޭނާ ވަނީ ޝުކުރު އަދާކޮށްފަ އެވެ.

80%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް