ads
މެމްބަރު ޔައުގޫބް--
ޔައުގޫބްގެ މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގެންފި
ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ގެ މެމްބަރުކަން ގެއްލިއްޖެ ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެކޯޓުން ބަލައިގެންފި އެވެ.

ޔައުގޫބްގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފެއްދި އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (އައިސީއޭއެމް) ގެ ކައުންސިލަށް ޔައުގޫބް އައްޔަނުކޮށް އެ މަގާމު ބަލައިގަތުމުންނެވެ.  

ޔައުގޫބްގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމް އެވެ. ސީއެންއެމްއަށް މައުލޫމާޓު ދެއްވަމުން ހަލީމް ވިދާޅުވީ އެ މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގެންފައިވާ ކަމަށެވެ. 

މައްސަލައިގައިވެސް އެދިފައިވަނީ ޔައުގޫބްގެ މެމްބަރުކަން ގެއްލިއްޖެ ކަމަށް ކަނަޑައަޅައިދިނުމަށެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނި ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ރ) އާ ޔައުގޫބް ހިލާފުވެފައިވާތީ މެމްބަރުކަން ގެއްލިއްޖެ ކަމަށް ކަނޑައަޅައިދިނުމަށެވެ. 

ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ)ގައި ބުނެފައިވަނީ، މަޖިލީހުގެ މެމްބަރަކު އެ މާއްދާގައި ބަޔާންކުރާ ވަޒީފާތަކުންކުރެ ވަޒީފާއެއް އަދާކޮށްގެންނުވާނެ ކަމަށެވެ. އެގޮތުން އެ މާއްދާގެ 3 ވަނަ ނަމްބަރުގައި ވަނީ މަޖިލީހުގެ މެމްބަރަކު "މުސްތަގިއްލު ކޮމިޝަނެއްގެ މެންބަރުކަން ނުވަތަ މުސްތަގިއްލު މަގާމެއް" އަދާކޮށްގެން ނުވާނެ ކަމަށެވެ. 

"އިންސްޓްޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް"ގެ ކައުންސިލަށް ޔައުގޫބް އައްޔަނު ކުރުމާއި އެކު އޭނާގެ މެމްބަރުކަން ގެއްލިފައިވާކަމަށް ބައެއް ގާނޫނީ ވަކީލުން އަންނަނީ ފާހަގަކުރަމުންނެވެ. އަދި އެ މައްސަލަ ބޮޑުވުމުން ޔައުގޫބް ވަނީ އެ ކައުންސިލުން އިސްތިއުފާ ދީފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް