ads
މިނިސްޓަރު ނަހުލާ-- ފޮޓޯ: ސަން
ސީމަނުންނާ ބެހޭ މުއާހަދާ ރާއްޖެއިން ތަސްދީގު ކުރަނީ
މެރިޓައިމް ދާއިރާގެ މަސައްކަތްތެރިންނާ ބެހޭ މުއާހަދާ ރާއްޖެއިން ވަރަށް އަވަހަށް ތަސްދީގު ކުރާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ނަހުލާ މިފަދައިން ވިދާޅުވެފައިވަނީ ދުނިޔޭގެ މެރިޓައިމް ދުވަހާއި ގުޅިގެން ދެއްވި ހިތާބުގައެވެ. 

މިނިސްޓަރު ނަހުލާ ވިދާޅުވީ، ތިމާވެށި ރައްކާތެރިކުރުމަށް އެމިޝަންސް މަދުކުރުމަށްޓަކައި ފާހަގަކުރެވިފައިވާ ކަންކަމަށް މެރިޓައިމް ދާއިރާއިން އަވަސް ގޮތެއްގައި ހައްލުހޯދަންޖެހޭ ކަމަށެވެ. އަދި ޖޯގްރަފީގެ ގޮތުން ރާއްޖެ އޮތް ގޮތުން ރާއްޖެއަށް މި ކަމުގައި މުހިންމު ރޯލެއް ކުޅެވިދާނެ ކަމަށްވެސް މިނިސްޓަރު ނަހުލާ ވިދާޅުވެފައިވެ އެވެ.

މިނިސްޓަރު ނަހުލާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ މެރިޓައިމް ދާއިރާގައި މީހުން ބިނާކުރުމަށާއި، މިހާރު މަސައްކަތް ކުރާ ސީމަނުންނަށް އިތުރު ތަމްރީން ދިނުންކަމަށެވެ. އެގޮތުން މެރިޓައިމް ދާއިރާގެ މަސައްކަތްތެރިނާ ގުޅޭ ބައިނަލްއަޤްވާމީ މުއާހަދާ ވަރަށް އަވަހަށް ތަންފީޒު ކުރާނެ ކަމަށެވެ. 

މިނިސްޓަރު ނަހުލާ ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން މެރިޓައިމް ދާއިރާގައި ދުވަހުން ދުވަހަށް ކުރަންޖެހޭ އެކިކަންކަން ނުކުރެވި، އޮމާންކަމާއި އެކު މި ސިނާއަތް ހިންގުމަށް ހުރަސްއެޅިފައިވާ ކަމަށެވެ. 

މިހާރު ކުރިމަތިވެފައިވަނީ ދަތި ވަގުތުތަކެއް ނަމަވެސް މިދަނޑިވަޅުގައިވެސް ރާއްޖެއިން ޝިޕިން ކުންފުންޏެއް ގާއިމުކޮށްފައިވާ ކަން މިނިސްޓަރު ނަހުލާ ފާހަގަކުރެއްވި އެވެ. އަދި މިއީ ރާއްޖޭގެ މެރިޓައިމް ދާއިރާގެ ހިއުމަން ރިސޯސް ކެޕޭސިޓީ ވަރުގަދަކުރުމަށް ލިބޭ ފުރުސަތެއް ކަމަށް ވެސް މިނިސްޓަރު ނަހުލާ ވިދާޅުވެފައިވެ އެވެ. މީގެ އިތުރުން ރާއްޖެއާއި އިންޑިއާއާ ދެމެދު ސީދާ ކާގޯ ޝިޕިންގެ ހިދުމަތްވެސް ފަށާފައިވާ ކަން މިނިސްޓަރު ނަހުލާ ފާހަގަކުރައްވާފައިވެ އެވެ. 

މިނިސްޓަރު ނަހުލާ ވިދާޅުވީ ތިމާވެއްޓާ ރަހުމަތްތެރި އަދި ދެމެހެއްޓެނިވި ލަނޑުދަނޑިތައް ހާސިލުވާ އަދި ސީމަނުންނަށް އެކި ކަހަލަ އާ ފުރުސަތުތަކެއް ހޯދައިދޭނެ ފާގަތި ބަދަލުތަކަކާ ދިމާލަށް ރާއްޖޭގެ މެރިޓައިމް އިންޑަސްޓްރީ މިސްރާބު ޖެހުމަކީ އެކަމަނާގެ އުންމީދު ކަމަށެވެ. 

މިއަހަރުގެ ދުނިޔޭގެ މެރިޓައިމް ދުވަހުގެ ޝިއާރަކީ "ދެމެހެއްޓެނެވި ދުނިޔެއަކަށް ދެމެހެއްޓެނެވި ޝިޕިން އިންޑަސްޓްރީއެއް" މިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް