ads
މީގެ ކުރިން މެލޭޝިއާއަށް ފުރި ދިވެހި ކިޔަވާކުދިންތަކެއް-- ފޮޓޯ: މުހައްމަދު ފިރާގު--
މެލޭޝިއާގައި ކިޔަވާ ދަރިވަރުންގެ ކަރަންޓީނު ފީ ބޮޑުވެ، އެހީއަށް އެދި ރައީސްއަށް ޕެޓިޝަނެއް
މެލޭޝިއާގައި ކިޔަވަމުންދާ ދަރިވަރުންގެ ކަރަންޓީނުގެ މުއްދަތުގެ ފީ ބޮޑުވެފައިވާތީ އެކަމުގައި އެހީތެރިކަން ހޯދުމަށް އެދި ދިވެހި ކިޔަވާކުދިންގެ ފަރާތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ކަމާއި ބެހޭ ފަރާތްތަކަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ކިޔަވަމުން އަންނަ މެލޭޝިއާގައި ކޮވިޑްގެ މިހާލަތާއި ގުޅިގެން އެގައުމުގެ ސަރުކާރުން މިމަހުގެ 23 ވަނަ ދުވަހު އަމަލުކުރަން ފެށި އެސްއޯޕީގެ ދަށުން އެގައުމަށް އެތެރެވާ އެހެން ގައުމުތަކުގެ ދަރިވަރުން، ކަރަންޓީނުގެ މުއްދަތަށް ދައްކަން ޖެހޭ ފައިސާ އިން ސަބްސިޑީ ކަނޑާލާއި، އެއްކޮށް ފައިސާ ދައްކަން ޖެހޭ ގޮތަށް ވަނީ ބަދަލުކޮށްފަ އެވެ. 

އެގޮތުން 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތަށް 4700 މެލޭޝިއަން ރިންގިޓް ދައްކަން ޖެހޭއިރު އެއީ ދިވެހި ފައިސާ އިން ބަލާނަމަ 17,362 ރުފިޔާ އެވެ. އެ ފައިސާއަކީ އެގައުމަށް ދިއުމަށް ފަހު، ކަރަންޓީނުގެ މުއްދަތު ހަމަވުމުން ހަދަން ޖެހޭ ކޮވިޑް ޓެސްޓްގެ ފައިސާ އާއި ކަރަންޓީން ސްޓޭޝަންގެ އޮޕަރޭޝަންތަކުގެ ފައިސާ ނުލާއި ދައްކަން ޖެހޭ އަދަދެވެ. 

އެކަމުގެ ސަބަބުން ދިމާވެފައިވާ ދަތިތަކާއެކު މެލޭޝިއާގައި ކިޔަވަމުންދާ ދަރިވަރުންގެ ފަރާތުން ކަމާއި ބެހޭ ފަރާތްތަކަށް ހުށަހެޅި ޕެޓިޝަނުގައި ބުނެފައި ވަނީ އެ ގައުމުގެ ސަރުކާރުން ބަދަލުތައް ގެނެސްފައި މިވަނީ މިމަހުގެ 30 ވަނަ ދުވަހާއި އަންނަ މަހުގެ އެއް ވަނަ ދުވަހު އޮންނަ ފްލައިޓުން ދަތުރުކުރަން ގިނަ އަދަދެއްގެ ދަރިވަރުން ޓިކެޓުވެސް ނަގާފައިވަނިކޮށް ކަމަށެވެ. 

އެގޮތުން ޓިކެޓަށް 380-550 ޑޮލަރު ދައްކާފައިވާއިރު އޭގެ ރިފަންޑް ވެސް ނުލިބޭނެ ކަމަށް އެ ދަރިވަރުން ވަނީ ބުނެފަ އެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދިރިއުޅޭ ކުދިން ޓިކެޓް ނަގާއި މާލެއަށް އައިސް ހުރުމުގެ ހަރަދުތައް ވެސް ހިންގަން ޖެހޭކަން ވަނީ ފާހަގަކޮށްފައިވެ އެވެ. 

ދަރިވަރުން އިތުރަށް ބުނީ ކުއްލިއަކަށް މިގެނައި ބަދަލުގެ ސަބަބުން އެހާ ބޮޑު ފައިސާގެ އަދަދެއް ހޯދުމަށް ފަންޑު ހޯދަން ވެސް ދަރިވަރުންނަށް ވަގުތު ނެތް ކަމަށް ވަނީ ބުނެފަ އެވެ. އެކަމަކު ބައެއް ދަރިވަރުންނަށް ކުލާހަށް ހާޒިރުވާން މަޖުބޫރުވެފައިވާއިރު މިހާރު ފުރަތަމަ ފްލައިޓަށް އޮތީ އެންމެ ހަތަރު ދުވަސް ކަމަށް ވެސް ބުނެފައިވެ އެވެ. 

އޭގެ އިތުރުން ގިނަ ދަރިވަރުން މިހާރު ވަނީ ކިޔެވުމުގެ ދެބައިކުޅަ އެއްބައި ފުރިހަމަކޮށްފައި ކަމުން، ކިޔެވުން މެދުކަނޑާލަން ޖެހުމަކީ ލިބޭނެ ވަރަށް ބޮޑު ގެއްލެއްކަން ވެސް 50 ދަރިވަރުން ސޮއިކޮށް ފޮނުވި އެ ޕެޓިޝަނުގައި ބުނެ އެެވެ. 

ރައީސް ސޯލިހުގެ އިތުރުން އެ ޕެޓިޝަން ފޮރިން މިނިސްޓްރީ އާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީއަށް ފޮނުވައި ދަރިވަރުން ވަނީ މިދަނޑިވަޅުގައި އެ ދަރިވަރުންނަށް ވަރަށް ބޮޑަށް އެހީބޭނުންވެފައިވާތީ އެކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށް އެދިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް