ads
އާސަންދަ އޮފީސް-- ފޮޓޯ: އަވަސް
އާސަންދައިން މޯބައިލް އެޕްލިކޭޝަނެއް ލޯންޗުކޮށްފި
އާސަންދައިން ފުރަތަމަ ފަހަރަށް މޮބައިލް އެޕްލިކޭޝަނެއް ތައާރަފްކޮށްފި އެވެ.

"އާސަންދަ' ގެނަމުގައި މިއަދު ތައާރަފްކޮށްފައިވާ އެ އެޕް މިހާރު ޕްލޭ ސްޓޯރުން ޑައުންލޯޑް ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. 

އެޕް އަމާޒުކޮށްފައިވަނީ އާސަންދަ ސްކީމްގެ ހިދުމަތް ހޯދާ ދިވެހި އެންމެހާ ރައްޔިތުންނަށާއި އެގޮތުން ކޮންމެ ދިވެހި ރައްޔިތަކަށްވެސް އެ އެޕްގައި ރަޖިސްޓަރވެވޭނެ ކަމަށް އާސަންދައިން ބުނެ އެވެ.

އެޕް ޑައުންލޯޑްކޮށް ރެޖިސްޓާވުމުން، އާސަންދަ ސްކީމްގެ ދަށުން ހިދުމަތް ފޯރުކޮށްދޭ ތަންތަނުގެ ތެރެއިން އާސަންދައިގެ އާއޮންލައިން ޕޯޓަލް "ވިނަވި" ބޭނުންކުރާ ހުރިހާ ތަނަކުން، އެމީހަކު ހޯދާ ހިދުމަތްތަކުގެ ތަފްސީލު އެޕުން ފެންނަން ހުންނާނެ ކަމަށް ބުނެ އެވެ. 

އެގޮތުން ޑޮކްޓަރުން ލިޔެދޭ އީ-ޕްރިސްކްރިޕްޝަން ނުވަތަ އިލެކްޓްރޯނިކް ބޭސް ސިޓީތައްވެސް އެޕް މެދުވެރިކޮށް ބަލާލެވޭނެ އެވެ. އަދި، ނުހޯދާ ހިދުމަތެއް ލިސްޓްކޮށްފަވާނަމަ އެޕް މެދުވެރިކޮށް އެކަން ރިޕޯޓްކުރުމުން އާސަންދައިން އެކަން ތަހުގީގުކުރާނެ ކަމަށް ބުންޏެވެ.

އެ އެޕް ތަޢާރަފްކުރުމުގެ އެންމެ ބޮޑު މަގްސަދަކީ އާސަންދަ ސްކީމްގެ ކަންކަން ވީހާވެސް ދެފުށްފެންނަ ގޮތަކަށް ކުރިއަށް ގެންދިއުން ކަމަށާއި މިވަގުތު ތައާރަފްކުރީ ހަމައެކަނި އެންޑްރޮއިޑް އެޕް ނަމަވެސް ވަރަސް ކައިރި މުސްތަގްބަލެއްގައި އައި.އޯ.އެސް އެޕް ވެސް ތައާރަފްކުރެވޭނެ ކަމަށް ބުނެ އެވެ. 

އެ އެޕްލިކޭޝަންގެ މަގްޞަދު އެންމެ ފުރިހަމަ ގޮތުގައި ހާސިލުވާނީ، އާސަންދަ ސްކީމްގެ ހިދުމަތްދޭ އެންމެހާ ތަންތަނުން ހޯދާ ހިދުމަތްތަކުގެ ތަފްސީލު ފެންނަން ހުރުމުންކަމަށް އެކުންފުނިން ގަބޫލުކުރާ ކަމަށާއި އާސަންދައިގެ ހިދުމަތް ފޯރުކޮށްދޭ ބައެއް ތަންތަނުގައި "ވިނަވި" ޕޯޓަލް އަދި ބޭނުންކުރަން ނުފަށާތީ، އެތަންތަނުން ހޯދާ ހިދުމަތްތަކުގެ ތަފްސީލު އާސަންދަ އެޕުން ފެންނަން ނުހުންނާނެ ވެސް ބުނެ އެވެ. އެކަމަކު ވަރަށް އަވަހަށް އާސަންދައިގެ ހިދުމަތް ފޯރުކޮށްދޭ ހުރިހާ ތަނެއްގައި "ވިނަވި" ޕޯޓަލް ބޭނުންކުރަން ފަށައި، އާސަންދަ ސްކީމްގެ ދަށުން ރައްޔިތުން ހޯދާ ހުރިހާ ހިދުމަތެއްގެ ތަފްސީލު، އަތުގައި އޮންނަ މޯބައިލް ފޯނުން ބަލައިލެވޭނެ ކަމަށް ވެސް އެކުންފުނިން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް