ads
އިޖުތިމާޢީ ޒިންމާގެ ދަށުން ސްޓެލްކޯއިން ވަޅު ސާފުކުރަނީ---ފުޓޯ: ޓްވިޓާ
ހުކުރު މިސްކިތުގެ ފެންވަޅުތަކުގެ ދިޔަ ހިއްކުމުގެ މަސައްކަތް ފަށައިފި
މާލެ ހުކުރު މިސްކިތުގެ ފެންވަޅުތަކުގެ ދިޔަ ހިއްކާ އާބާތުރަފިލުވުމުގެ މަސައްކަތް ފަށާއިފި އެވެ.

މިމަަސައްކަތަކީ ހުކުރު މިސްކިތް ހުޅުވަން ސަރުކާރުން ތައްޔާރުވުމަށްޓަކައި ވާ ތައްޔާރީގެ ތެރެއިން އިޖުތިމާއީ ޒިންމާގެ ދަށުން ސްޓެލްކޯއާއި ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހެރިޓޭޖް މިނިސްޓްރީން ބުނީ މާލޭ ހުކުރު މިސްކިތުގައި ނަމާދުކުރަން އަލުން ފެށުމަަށް ވަމުންދާ ތައްޔާރީތަކުގެ ތެރެއިން މިސްކިތުގެ ވަޅުތަކުގެ ދިޔަ ހިއްކައި ވަޅުތައް ސާފު ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންކަމަށާއި ކުރިން އެއްބަސްވެވިފައިވާގޮތަށް އިޖުތިމާއީ ޒިންމާގެ ދަށުން އެ މަސައްކަތް ކުރަނީ ސްޓެލްކޯއިން ކަމަށެވެ. އަދި މާލޭ ހުކުރު މިސްކިތް ކުރިއަށް އޮތް ހަފްތާގައި އަލުން ހުޅުވާލެވޭނެ ކަމަށެވެ. 

އެކަމާއި ގުޅިގެން ސްޓެލްކޯއިން ބުނީ އެ މަސައްކަތް ފެށިފައިވާކަމަށާއި އާސާރީތަންތަން ރައްކާތެރިކޮށްދިނުމަށް އެކުންފުނިން ކޮށްދެވެންހުރި ކަންކަމާއި މެދު މަޝްވަރާކުރެވިފައިވާ ކަމަށެވެ.

"ހުކުރު މިސްކިތް ހުޅުވަން ސަރުކާރުން ތައްޔާރުވަމުންދާއިރު، މިކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން، މިއަދު ވަނީ ހުކުރު މިސްކިތުގެ ފެންވަޅުތަކުގެ ދިޔަ ހިއްކާ އާބާތުރަފިލުވުމުގެ މަސައްކަތް ފަށާފަ. މީގެ އިތުރުންވެސް މިސްކިތާއި ގުޅުންހުރި އާސާރީތަންތަން ރައްކާތެރިކޮށް، ކުރިޔަށް އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް މިކުންފުނިން ކޮށްދެވެންހުރި ކަންކަމާއި މެދު މިއަދު ވަނީ މަޝްވަރާކޮށްފަ" ސްޓެލްކޯއިން ބުނެފައިވެއެވެ.

މާލެ ހުކުރު މިސްކިތުގެ މަތީ ބެރިތަކުގެ ތެރޭގައި ވަރަށް ބޮޑަށް ކަތުރު ފަނި އަޅާފައިވާކަން ފާހަގަކުރެވުމުން އެ މިސްކިތް ބަންދުކޮށްފައިވަނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު 13 ވަނަ ދުވަހުގެ ހުކުރު ނަމާދަށް ފަހު އެވެ. އެކަން ރަނގަޅު ކުރުމަށް ފަހު ހުޅުވަން އޭރު ވިސްނިނަމަވެސް ފަހުން މިސްކިތް ހުޅުވާ މުއްދަތު ދިގުކޮށްފައިވަނީ އިންޑިއާ ސަރުކާރުގެ އެހީގައި މިސްކިތުގެ އާބާތުރަ ފިލުވުމުގެ ބޮޑު މަޝްރޫއެއް ފަށަން ތައްޔާރުވެފައި އޮތުމުންންނެވެ. އެހެންނަމަވެސް ކޮވިޑް-19 އާއި ގުޅިގެން އެ މަސައްކަތް މަޑުޖެހުމުގެ ސަބަބުން މިހާރު އެމަސައްކަތް ފެށޭނެ ކަމަށް ހެރިޓޭޖް މިނިސްޓްރީން ލަފާކޮށްފައިވަނީ އަންނަ އަހަރުގެ ތެރޭގައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް