ads
ހޯރަފުށި އެއާޕޯޓް/ ފޮޓޯ: އެމްޓީސީސީ
ހޯރަފުށްޓާއި ކުޅުދުއްފުށީ އެއާޕޯޓުގައި ރެސްޓޯރެންޓެއް ހަދަނީ
ހއ. ހޯރަފުށީގައި ތަރައްގީކުރަމުންދާ އެއާޕޯޓާއި ހދ. ކުޅުދުއްފުށީ އެއާޕޯޓުގައި ރެސްޓޯރެންޓެއް ހެދުމަށް ނިންމައިފި އެވެ.

އެ ދެ ރަށުގެ އެއާޕޯޓްގައި ބިލްޑް އެންޑް އޮޕަރޭޓް އުސޫލުން ރެސްޓޯރަންޓް ހަދައި ހިންގާނެ ފަރާތެއް ހޯދުމަށް ރީޖަނަލް އެއާޕޯޓްސްއިން މިއަދު ވަނީ އިއުލާންކޮށްފަ އެވެ. 

ރީޖަނަލް އެއާޕޯޓްސްއިން ބުނީ އެ ދެ ރަށުގެ އެއާޕޯޓްގައި ތަރައްގީކުރަން ނިންމާފައިވާ ރެސްޓްރޯންޓް އަކީ މަދުވެގެން އެއްފަހަރާ 50 މީހުންނަށް ހިދުމަތް ދެވޭނެ ގޮތަށް ތަރައްގީ ކުރެވޭ ތަނެއް ކަމަށެވެ.

ރީޖަނަލް އެއާޕޯތްސްއިން ބުނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ އަށެއް ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ރީޖަނަލް އެއާޕޯޓްސް އަށް ވަޑައިގެން މައުލޫމާތު ސާފުކުރުމަށްފަހު އޮކްޓޯބަރު 20 ވާ އަންގާރަ ދުވަހުގެ 11:00 އަށް ރީޖަނަލް އެއާޕޯޓްސް އަށް ވަޑައިގެން ޕްރޮޕޯސަލް ހުށައެޅުމަށް އެދޭކަމަށެވެ.

ހޯރަފުށީ އެއާޕޯޓުގެ ޕަސެންޖާ ޓާމިނަލް އަދި ފަޔާ ބިލްޑިންގް އިމާރާތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މިމަހުގެ 19 ވަނަ ދުވަހު ވަނީ ފަށައިފައެވެ

ހޯރަފުށީގައި އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީން ކުރަމުން އަންނައިރު އެ އެއާޕޯޓުގެ ބޮޑު ބައެއް މިހާރު އޮތީ ނިމިފަ އެވެ. އެ ކުންފުނިން ދަނީ މިއަހަރުގެ އޮކްޓޯބަރު މަހަށް މަސައްކަތް އެއްކޮށް ނިމާލެވޭތޯ މަސައްކަތް ކުރަމުންނެވެ.

ހޯރަފުށި އެއާޕޯޓް ޕްރޮޖެކްޓުގެ ދަށުން އެ އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭ އަކާއި 8،635 އަކަ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީވޭ އެއް ތަރަޢްގީ ކުރާނެ އެވެ. އަދި 9،473 އަކަ މީޓަރުގެ ޕާކިން އޭރިއާ އަކާއި 1،718 އަކަ މީޓަރުގެ ފަޔާ އެކްސެސް ރޯޑް އެއްގެ އިތުރުން 720 މީޓަރުގެ އެއާޕޯޓް ސެކިއުރިޓީ އާއި ބީޗް ފެންސް އޭރިއާ އެއް ތަރައްގީކުރާނެ އެވެ. 

އެއާޕޯޓް ތަރައްގީ ކުރުމަށް ބޭނުންވާ 842،200 އަކަ މީޓަރުގެ ބިން ހިއްކައި ނިންމާލާފައި ވަނީ 2019 ވަަނަ އަހަރުގެ އޮގަސްޓު މަހު އެވެ. އަދި 1،120 މީޓަރުގެ ރިވެޓްމެންޓުގެ މަސައްކަތް ނިންމާލާފައި ވަނީ މިއަހަރުގެ މާޗް މަހު އެވެ. 

އެތެރޭގެ އުދުހުން ތަކަށް ހާއްސަކޮށްގެން ހޯރަފުށީގައި ތަރައްގީ ކުރާ އެއާޕޯޓުގެ ޖުމްލަ އަގަކީ 198 މިލިއަން ރުފިޔާ އެވެ. މި މަޝްރޫއު އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުގެ މާޗް މަހުގެ 25 ގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް