ads
އިންޑިއާ އާއި ރާއްޖެއާ ދެމެދު ދަތުރު ކުރާ ކާގޯ ފެރީ ކުޅުދުއްފުށި ކައިރީގައި-- ފޮޓޯ: ފޮރިން މިނިސްޓްރީ
ރާއްޖެ-އިންޑިއާ ފެރީ އާއެކު އުތުރު މާޒީގެ ތެރެއަށް
އިންޑިއާ އާއި ރާއްޖެއާ ދެމެދު ފުރަތަމަ ފަހަރަށް ރަސްމީކޮށް ސީދާ ފެރީ ދަތުރުތައް ފެށުމާއެކު އެކަމާ މެދު އެކި ގޮތަށް އެކި މީހުން ދަނީ ހިޔާލު ފާޅުކުރަމުންނެވެ. އެއް ބަޔަކު "އިންޑިއާ އައުޓް" ކެމްޕޭނުގައި އުޅޭ އިރު، އަނެއް ބަޔަކު ބުނަނީ "ރަނުން ރަނަށް" ވައުދުތައް ފުއްދަމުންދާ ކަމަށެވެ.

އެ ބަހުސް އާއެކު ލޮލުގައި އަޅައިގަތީ މާޒީގެ ތެރެއަށް ފީނަމުންދާ އުތުރަށް ނިސްބަތްވާ ރައްޔިތުންގެ ތެރެއިން އެކެއްގެ ޝުއޫރެވެ. އަމިއްލަ ފޭސްބުކް ޕޭޖުގައި މާޒީގެ ހަނދާން އާ ކުރި އެ މީހާގެ ވާހަކައިން އެނގޭ ގޮތުގައި ބޮޑު ތިލަދުންމަތީގެ ރައްޔިތުން ބޭރަށް ދަތުރު ކުރުމަކީ އެއް ގޮތަކަށް ވެސް އާ ކަމެއް ނޫނެވެ. 

"އަޅުގަނޑުމެންގެ މުނިކާފަ ކުޅުދުއްފުށީ މާދޫގޭއުމަރު ކަލޭގެފާނުގެ ބޮޑު ބައްތެލި، 1961 ވަނަ އަހަރު ބާލައި އެންމެ ފުރަތަމަ ދަތުރު އެއް މަހާއި އަށް ދުވަހުން ބޮންބޭއަށް ކުރި. ރިޔަލުގައި ކުރާ ދަތުރުތަކެއް ކަމުން ރަށަށް ކުރި ދަތުރު ނިންމީ 11 ދުވަހުން. ރިޔަލުގައި ކުރީގައި އެތަކެއް ދަތުރުތަކެއް ކުޅުދުއްފުއްޓާއި ކޮޗިންއަށް އަދި ސޫތުކުރިންއާ ދެމެދު އެޅި. ލަންކާގެ ކޮޅުނބަށް ވެސް ގިނަ އަދަދަކަށް ދަތުރުތައް އަޅާފައިވޭ،" އަހްމަދު ދާވޫދު ނަމަކަށް ކިޔާ މީހަކު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވެއެވެ. 

އުމަރު ކަލޭގެފާނު މަރުވުމުން އެ ބައްތެލި ހިންގެވީ ދާވޫދުގެ ކާފަ މާދޫގޭ އަލީ އުމަރާއި އަބްދުއްރަހްމާން އުމަރު ކަމަށް އޭނާ ލިޔެފައި ވެއެވެ. 

"އަބްދުލް ރަހްމާންބެ އަކީ އެ ޒަމާނުގައި ދިވެހި ދައުލަތުން ލޯނެއް ނުނަގައި ބޭރު ދަތުރުތައް ކުރާ ބޯޓެއް ގެންގުޅުނު ހަމައެކަނި ފަރާތް އަދި އެއް އަހަރެއްގައި އެންމެ ގިނަ އަދަދަކަށް އިމްޕޯޓް މުދާ އެތެރެ ކުރުމުން އެކަމުގެ އަގުވަޒަންކޮށް އެވޯޑް ވެސް ލިބިފައިވޭ،" އެ ޕޯސްޓުގައި ވެއެވެ.

އޭރު އިމްޕޯޓު ކުރި މުދަލުގެ ތެރޭގައި ކަޅު ހިލަދަޔާއި، އީޓް، މުށި، ފިޔާ، އަލުވި އަދި ލޮނު، ބިސްކޯދު ފަދަ ތަކެތި ހިމެނޭ ކަމަށާއި ކޭލަކުނު، މަޑި އަދި ތީފަރިދޫ ފަދަ ރަށްރަށުން ރޯނާއި ހިކި މަސް އެކްސްޕޯޓު ކުރި ކަމަށް ފާހަގަކޮށްފައި ވެއެވެ. 

"މާލެއަށް ވުރެ ރާއްޖޭގެ އުތުރާއި ދެކުނު ތިޔާގި ދުވަސްވަރެއް ވެސް ދިޔަކަމީ ހަގީގަތް،" ދާވޫދު ލިޔެފައި ވެއެވެ.

މިހާރު ބަހާދަރާއި، ސިކަންދަރު، ބާދުޝާހް، ސީކުއީން އަދި ފާޅުބޯޓު ފަދަ ޒަމާނީ ކާގޯ ބޯޓުތައް ކުޅުދުއްފުށިން މާލެއަށް ދަތުރު ކުރާ ކަމަށާއި ކުރީގައި ވެސް ގޯތި ބައްތެލި، އަލިވާގެ ބައްތެލި، މޫނިމާ ބައްތެލި، ދޮންތުއްތުބޭ ބައްތެލި (ކަނބުރުގެ) ފަދަ މަޝްހޫރު ބޯޓުތައް އޮޕަރޭޓް ކުރި ކަމަށް އޭނާ ފާހަގަކޮށްފައި ވެއެވެ. 

"އަދި އަޅުގަނޑުމެންނަށް މި ލިބުނު ފުރުސަތާއެކު ސީދާ އަޅުގަނޑުމެންގެ ރަށުގެ ބޯޓްތަކާއި ފެރީތައް ކޮޗިންއާ ދެމެދު އޮޕަރޭޓް ކުރާތައް ފެނުމަކީ ވެސް އަޅުގަނޑުމެންގެ އުއްމީދެއް،" ދާވޫދު ލިޔެފައި ވެއެވެ.

މިއީ ކުޅުދުއްފުއްޓާއި އުތުރުގެ ރަށްތައް ކުރިއަރުވަން ލިބުނު ފުރުސަތެއް ކަމަށާއި، އެކްސްޕޯޓު ކުރެވޭ ފަދަ ތަކެތި ހޯދަން ފަށަންވީ ކަމަށް އެ ޕޯސްޓުގައި ވެއެވެ. 

ދާވޫދުގެ ޕޯސްޓު ނިންމާލަމުން ބުނެފައި ވަނީ ތާރީހާ ގުޅުން ހުރި މައުލޫމާތު ނަގާފައި ވަނީ އަބްދުލް ރަހްމާން އުމަރު ކޯނަރު، މާލެ އަދި މުހައްމަދު އަލީ މާދޫގެ (ތިއްތިބެ)، ފާތިމަތު އަލީ މާދޫގެ (މަންމަ) އަދި އާދަމް މުހައްމަދު ފޯޅަވަހި (ދޮންބެ)ގެ ފަރާތުން ކަމަށެވެ. 

ކުޅުދުއްފުށިން ރާއްޖެއިން ބޭރަށް ކުރި ސީދާ ދަތުރުގެ ހަނދާންތައް އެ ޕޯސްޓުން އާކޮށްދީފައި ވާއިރު، މިދިޔަ ހަފްތާގައި ވަނީ ކޮޗިން އާއި ކުޅުދުއްފުއްޓާ ދެމެދު ކާގޯ ފެރީގެ ހިދުމަތް ރަސްމީކޮށް ފަށާފަ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް