ads
ފިޔަވަތީގެ ކްލާސްރޫމެއް-- ފޮޓޯ: ދިރާގު
ދިރާގުން ފިޔަވައްޗަށް ހިލޭ އިންޓަނެޓް ފޯރުކޮށްދީފި
ދިރާގުން ހުޅުމާލޭގައި ހުންނަ ކުޑަކުދިން ބަލަހައްޓާ މަރުކަޒު، ފިޔަވަތީގައި އިންޓަނެޓްގެ ހިދުމަތް ހިލޭ ގާއިމްކޮށް، އޮންލައިން ކްލާސްތައް ހިންގުމުގެ ނިޒާމު ހަތަރު ކްލާސްރޫމްގައި ހަމަޖައްސައިފި އެވެ.

މީގެ ކުރިން ވެސް ދިރާގުން އަންނަނީ ފިޔަވަތީގެ ކޮމްޕިއުޓާ ލެބަށް އިޖުތިމާއީ ޒިންމާގެ ދަށުން ހިލޭ އިންޓަނެޓް ފޯރުކޮށްދެމުންނެވެ. 

ކޮވިޑް-19 ގެ މި ދަނޑިވަޅުގައި އިންޓަނެޓްގެ ބޭނުން އިތުރަށް ޖެހިފައި ވާތީ، ލެބްގެ އިތުރުން ކްލާސް ރޫމްތަކުގައި ކުދިންގެ ސްކޫލް ޕްރޮގްރާމްތައް އޮންލައިންކޮށް ކުރިއަށް ގެންދެވޭނެ ގޮތްތައް މިހާރު ބޭނުންވެ އެވެ.

ޖުމްލަ 99 ދަރިވަރުން ފައުންޑޭޝަން ލެވެލް އިން ފެށިގެން ގްރޭޑް ހަތަކާ ހަމައަށް މިހާރު ވެސް ފިޔަވަތިން އޮންލައިން ކްލާސްތަކުގައި ބައިވެރިވަމުން ދާއިރު، ދިރާގުން ގާއިމު ކޮށްދީފައިވާ އިންޓަނެޓްގެ ނިޒާމު މެދުވެރިކޮށް ދަރިވަރުންނަށް ފިޔަވަތިން ބާއްވާ ހާއްސަ ހަރަކާތްތަކުގައި އޮންލައިންކޮށް ބައިވެރިވެވޭނެ ކަމަށް ދިރާގުން ބުނެ އެވެ.

އެކަމާ ގުޅިގެން ފިޔަވަތީގެ ސީއީއޯ ޒީނާ ގާސިމް ވިދާޅުވީ ކޮވިޑް 19ގެ މި ހާލަތުގައި، އޮންލައިންކޮށް ހުރިހާ މަސައްކަތްތަކެއް ކުރަން މަޖުބޫރުވެފައި ވާއިރު ހިލޭ އިންޓަނެޓް ލިބުމަކީ ބޮޑު އެހީއެއް ކަމަށެވެ. 

"މި ދަނޑިވަޅުގައި، އެއްވެސް ހަރަދަކާ ނުލާ އިންޓަނެޓް ޕެކޭޖާއިއެކު، އޮންލައިންކޮށް ކިޔެވުމުގެ ފުރުސަތު ފިޔަވަތީގެ ކުދިންނަށް ފަހިކޮށް ދެއްވަމުންގެންދަވާތީ، ދިރާގުގެ ފަރާތުން ތިޔަ ވެދެއްވަމުންދާ ނިޔަނެތި އެހީއަށް ފިޔަވަތީގެ އެންމެހާ ކުދިންނާއި މެނޭޖްމެންޓް ނަމުގައި ޝުކުރު ދަންނަވަން. އަދި މިފުރުސަތުގައި މި ނޫން އެހެން ދަނޑިވަޅުތަކުގައި ވެސް ދިރާގުން ފިޔަވައްޗަށް ބަހައްޓަވާ ގަތްކަމާއި ވެދެއްވާ އެހީތެރިކަމަށް ޝުކުރު ދަންނަވަން،" އޭނާ ވިދާޅުވި އެވެ.   

ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ވޭތުވެދިޔަ އަހަރުތަކުގައި ވެސް ވަނީ ކުޑަކުދިންގެ ހިޔާތަކަށް އެކި ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް