ads
އެޑިއުކޭޝަން މިނިސްްޓަރު ޑރ. އައިޝަތު އަލީ--
ސްކޫލަށް ދާއިރު ޓީޗަރުން ކޮވިޑް ޓެސްޓް ހެދުމަކީ އޮޕްޝަނަލް ކަމެއް: މިނިސްޓަރު އައިޝަތު
ޓީޗަރުންނާއި ސްޓާފުން ސްކޫލަށް ދިއުމުގެ ކުރިން ކޮވިޑް-19 އަށް ޓެސްޓް ކުރުމަކީ އަމިއްލަ އިހްތިޔާރުގައި އޮތް ކަމެއް ކަމަށް މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

ޓީޗަރުންނާއި ސްޓާފުން ސްކޫލަށް ދިއުމުގެ ކުރިން ކޮވިޑް ޓެސްޓް ހަދަން ޖެހޭ ކަމަށް ގަވާއިދުގައި އޮންނާތީ އެގޮތަށް ކޮވިޑް ޓެސްޓް ނުހަދާ ޓީޗަރުންނާއި މުވައްޒަފުންނަށް އޮތީ ކޮންގޮތެއްތޯ އެޗްއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލުގެ ޖަވާބުގައި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ ކޮވިޑް ޓެސްޓް ހެދުމަކީ އޮޕްޝަނަލް ކަމެއް ކަމަށެވެ.

އަދި އެގޮތަށް މާލޭ ސަރަހައްދުގައި ކޮވިޑް ޓެސްޓް ހަދަނީ ބެލެނިވެރިންނަށް އިތުރަށް ޔަގީންކަން ދިނުމަށް ކަމަށާއި ޓެސްޓް ހެދުމުން ސްކޫލަށް އައިސް ކިޔަވައިދޭން ހުންނަ ޓީޗަރަކީވެސް ކޮވިޑްް-19 އަށް ޕޮޒިޓިވް ނޫން ސިއްހީ ގޮތުން ރަނގަޅު ޓީޗަރެއް ކަމުގެ ޔަގީންކަން ބެލެނިވެރިންނަށް ލިބިގެންދާނެ ކަމަށެވެ. 

އަދި ދަރިވަރުން ވެސް އެޗްޕީއޭގެ ގައިޑްލައިންއާއި އެއްގޮތައް ޓެސްޓް ހަދަން ޖެހިއްޖެ ހާލަތެއްގައި ޓެސްޓް ހެދޭނެކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"ކޮވިޑް ޓެސްޓް ހެދުމަކީ އޮޕްޝަނަލް ކަމެއް. މާލޭ ސަރަހައްދުގައި އަސްލު ކޮވިޑް ޓެސްޓް މިހަދާލަނީ ބެލެނިވެރިންނަށް އިތުރަށް ކޮންފިޑެންސް ދިނުމަށްޓަކައި ޓެސްޓް ހަދާލީމަ އަސްލު އެނގޭނެ ޓީޗަރުންވެސް ބަލި ނޫންކަން ސްކޫލަށް އައިސް ކިޔަވާދޭއިރު،" މިނިސްޓަރު ވިދާޅުވި އެވެ.

އެކަމާއި ގުޅޭ ގޮތުން އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ސްކޫލް ޓީޗަރުން ޓެސްޓް ކުރުމަކީ ސްކޫލްތަކަށް ހާއްސަކުރެވިފައިވާ ގައިޑްލައިންކުގެ އިތުރުން ރައްކާތެރިކަމުގެ ގޮތުން އެޗްޕީއޭ އާއި އެޑިއުކޭޝަން މިނިސްޓްރީ އާއި ގުޅިގެން ހިންގޭ ކަމެއް ކަމަށެވެ. 

އެންމެން ޓެސްޓް ކުރިޔަސް އަދި ނުކުރިޔަސް ސްކޫލްތަކުގައި މިހާރު އަމަލުކުރުމަށް ކަނޑައެޅިފަ ހުރި ގައިޑްލައިންތަކަކީ ހުރިހާ މުވައްޒަފުންނާއި ކިޔަވާ ކުދިންގެ ރައްކާތެރިކަމަށްޓަކައި މި ވަގުތަށް އެޅެން ހުރި އެންމެ ރަނގަޅު ފިޔަވަޅުތައްކަން ޑރ. ނަޒްލާ ފާހަގަކޮށްފައި ވެއެވެ.

އޭގެ އިތުރުން މިހާރުވެސް ގުރޭޑް 11 އަދި 12 ގެ ކްލާސްތައް ކުރިއަށް ދާ ކަމަށާއި އަދި މީގެ ކުރިން ގްރޭޑް ނުވަޔަކާއި 10 އެއްގެ ކުލާސްތައް ވެސް ސްކޫލްތަކުގައި ކުރިއަށް ގެންގޮސްފައިވާނެކަން ފާހަގަކުރައްވާ ޑރ. ނަޒްލާ ވިދާޅުވީ އޭރުވެސް ފިޔަވަޅުތަކާއިއެކު ކްލާސްތައް ހިންގިފައި ވާތީ ސްކޫލް ތެރެއިން އިތުރު އިންފެކްޝަންތަކެއް ފެތުރިފައިވާކަން ފާހަގަކުރެވިފައި ނުވާ ކަމަށެވެ. 

"އަޅުގަނޑުމެންނަށް ހަމަ މަދު ކޭސްއެއް ކޮމިއުނިޓީ ތެރޭގައި ބަލި އުޅޭތީވެ ފެނުނު ހަމަ ކޮންމެވެސް ވަރަކަށް ޓީޗަރުން އަދި ކުދިންވެސް ޕޮޒިޓިވް ވާކަން. އެކަމަކު އެއީ ސްކޫލް ތެރެއިން ޓްރާސްމިޓްވެގެން ފެތުރިގެން ދިޔަ ކަމެއް ނޫން. އަދި އެގޮތަށް ފެންނަ ކޭސްގަވެސް އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ ކޮންޓެކްޓެއްގެ ކެޓެގަރީއަށް ފެތޭ މީހުން ވަރަށް މަދުކަމަށް،" އޭނާ ވިދާޅުވި އެވެ.

ސްކޫލް ތެރެއިން އިންފެކްޝަން އިތުރަށް ފެތުރިފައި ނުވަނީ ދަރިވަރުންނާއި ޓީޗަރުން ވެސް މާސްކު އެޅުމާއި ގައިދުރުކަން ބެހެއްޓުމަށް ވަރަށް ބޮޑަށް ސަމާލުކަން ދިނުމުންކަން ޑރ.ނަޒްލާ ފާހަގަކުރެއްވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް