ads
އާމިރު ހާން--
އެހެން މީހުން އުފާކޮށްދޭން އަބަދުވެސް މަސައްކަތް ކުރަން ވާނެ: އާމިރު ހާން
އާމިރު ހާންއަކީ ބޮލީވުޑުގެ ތަރިންގެ ތެރެއިން އެންމެ ތަފާތު ނަމަވެސް ކާމިޔާބު ފިލްމުތަކެއް މިއަދާ ހަމައަށް ވެސް ގެނެސްދެމުންދާ ތަރިއެކެވެ.

ލޯބީގެ ރޯލުތަކުން ފިލްމު ކެރިއާ ފެށި އާމިރު މިއަދު އަންނަނީ އިޖުތިމާއީ އެކި މައްސަލަތަކާ ގުޅޭ ފިލްމުތަކުން ގިނަ ބަޔެއްގެ ލޯބި ހޯދަމުންނެވެ. 

ބެނެޓް ޔުނިވާސިޓީގެ ދަރިވަރުންގެ ރަސްމިއްޔާތެއްގައި ބައިވެރިވެ އާމިރު މި ވަނީ އޭނާ ކާމިޔާބާއާ ހަމައަށް އައި ގޮތާ މެދު ވާހަކަދައްކާ، އަގުހުރި ނަސޭހަތްތަކެއް ދީފަ އެވެ.

އާމިރު ބުނީ އޭނާގެ ކެރިއަރު ފެށި "ގަޔާމަތު ސޭ ގަޔާމަތު ތަކް" އަށް ފަހު ކުޅެމުން އައި ފިލްމުތަކާ މެދު އެއްވެސް ވަރަކަށް ހިތްހަމަނުޖެހުނު ކަމަށެވެ.

އެގޮތުން އެ ފިލްމަށް ފަހު ބަލާލުމެއް ނެތި ގިނަ ފިލްމުތަކެއް ކުޅެން ސޮއިކުރެވުނު ކަމަށާއި، އެ ހުރިހާ ފިލްމެއް ވެސް ފްލޮޕްވި ކަމަށް އާމިރު ބުންޏެވެ. 

ކެރިއާ ނިމެމުން ދިޔަ މަންޒަރު އޭނާއަށް ފެނުނު ކަމަށާއި ކޮންމެ ދުވަހަކު އެކަމާ ރޮއެ ހިތާމަ ކުރަމުން ދަނިކޮށް މަޝްހޫރު ދަނިކޮށް މަޝްހޫރު ޑައިރެކްޓަރު މަހޭޝް ބަޓްގެ ހުށަހެޅުމެއް އައި ކަމަށް އާމިރު ފާހަގަކުރި އެވެ. 

އެކަމަކު އާމިރު ބުނީ އެ ހުށަހެޅުން އައިއިރު އޭނާ ހުރީ ފިލްމު އުފައްދަނީ މޮޅު ޑައިރެކްޓަރަކާއި، ފުރިހަމަ ސްކްރިޕްޓެއް އަދި ރަނގަޅު ޕްރޮޑިއުސަރެއް މެދުވެރި ނުވެ ކަމަށް ވާ ނަމަ ސޮއި ނުކުރަން ނިންމައިގެންނެވެ. 

އެގޮތުން މަހޭޝް ހުށަހެޅި ފިލްމުގެ ސްކްރިޕްޓު ކަމުނުދިޔަ ކަމަށާއި ކެރިއާ އެ ހިސާބުން ނިންމާލަން ޖެހުނު ނަމަވެސް އެ ފިލްމަށް ނޫނެކޭ ބުނި ކަމަށް އާމިރު ބުންޏެވެ. 

އެ ދުވަހު ނިންމު ނިންމުމުގެ ސަބަބުން ކެރިއާ ކުރިއަށް ދާން އިތުރު ހިތްވަރެއް ލިބުނު ކަމަށާއި ޖެހިގެން އައި އަހަރު ވެސް މަހޭޝްގެ ފިލްމެއްގެ ފުރުސަތު ލިބުނު ކަމަށް އާމިރު ބުންޏެވެ.

އެ ފިލްމަކީ "ދިލް ހޭ ކީ މަންތާ ނެހީ" އެވެ. އެ ފިލްމުގައި އާމިރަށް ރަނގަޅު ތަރުހީބެއް ލިބުނެވެ. އޭގެ އިތުރުން އާމިރު ވަނީ ކާމިޔާބު ފިލްމު "3 އިޑިއަޓްސް" އާ ބެހޭ ގޮތުން ވެސް ވާހަކަދައްކާފަ އެވެ.

އެގޮތުން ޑައިރެކްޓަރު ރާޖްކުމާރު ހިރާނީ އޭނާއަށް ހުށަހެޅީ ކޮލެޖު ދަރިވަރެއްގެ ރޯލު ކުޅެން ކަމަށާއި އެކަމަކު އޭރު އޭނާއަށް 44 އަހަރު ފުރިފައިވުމުން އެކަމާ ރާޖްކުމާރާ ސުވާލު ކުރި ކަމަށް އާމިރު ބުންޏެވެ.

"އަހަރެންގެ އުމުރުން 44 އަހަރު. އަހަރެން ލައްވާ ކޮލެޖު ދަރިވަރެއްގެ ރޯލު ކުޅުވަން ބޭނުންވަނީ ކީއްވެ ހެއްޔޭ އަހަރެން އޭނާ ކައިރިން އެހިން،" އާމިރު ބުންޏެވެ.

އެ ފިލްމަށް ވެސް އެއްބަސްވީ އޭނާ ބަލާ މިންގަނޑުން ރަނގަޅު ޕްރޮޑަކްޝަނަކަށް ވުމުން ކަމަށް އާމިރު ބުންޏެވެ. "3 އިޑިއަޓްސް" އަކީ އޭނާގެ އެންމެ ކާމިޔާބު އެއް ފިލްމެވެ.

ދަރިވަރުންނަށް އިތުރު ނަސޭހަތްދެމުން އާމިރު ބުނީ ދުނިޔެ މަތީގައި އޮންނަނީ މަދު ވަގުތުކޮޅެއް ކަމަށާއި ކޮންމެ މީހަކު ވެސް އަނެކާ އުފާ ކުރެވޭތޯ މި ވަގުތުގައި މަސައްކަތް ކުރަން ވާނެ ކަމަށެވެ. 

އާމިރުގެ ހަޔާތުން މިހާތަނަށް ދަސްވި އެންމެ ބޮޑު ފިލާވަޅަކީ އެއީ ކަމަށާއި މީހަކު އުފާކޮށްދީގެން ތިމާއަށް ވެސް ހިތްހަމަޖެހުން ލިބޭނެ ކަމަށް އޭނާ ބުންޏެވެ. 

އާމިރު މިހާރު ދެން އެންމެ އަވަހަށް ފެންނާނީ ކަރީނާ ކަޕޫރާއެކު "ލާލް ސިންގް ޗައްދާ" އިންނެވެ. އޭގެ އިތުރުން ހޮލީވުޑުގެ ކާމިޔާބު ފިލްމު "ފޮރެސްޓް ގަމްޕް" ގެ ހިންދީ ރީމޭކުން ވެސް އޭނާ ފެންނާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް