ads
ރައްޔިތުންގެ މަޖިލިސް--
ރެސްޓޯރެންޓްތަކުގެ ޕެޓިޝަން: ކަމާގުޅޭ ފަރާތްތަކުން މައުލޫމާތު ސާފުކޮށްފި
ކޮވިޑް-19 އާއި ގުޅިގެން އަމަލުކުރަމުން އަންނަ ގައިޑްލައިންތަކުގެ ސަބަބުން ކެފޭ ރެސްޓޯރަންޓް ތަކަށް ދިމާވެފައިވާ ދަތިތަކާއި ގުޅޭގޮތުން ލުޔެއް ހޯދުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޕެޓިޝަނާއި ގުޅިގެން ކަމާގުޅޭ ފަރާތްތަކުގެ ކިބައިން މަޖިލީހުން މައުލުމާތު ސާފުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ ހުށަހަޅާފައިވާ ޕެޓިޝަނާއި ގުޅިގެން ކަމާ ގުޅުންހުރި އިދާރާތަކަށް ލުޔެއް ދެވެން އޮތް ނަމަ އެކަމުގެ މައުލޫމާތު ލިޔުމުން މަޖިލީހަށް ހުށަހެޅުމަށް އެ ފަރާތްތަކަށް ސިޓީ ފޮނުވާފައިވާ ކަމަށެވެ.

މަޖިލީހުން މައުލޫމާތު ސާފުކޮށްފައިވަނީ އެޗްޕީއޭ، ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، ދިރާގު އަދި އުރީދޫގެ ފަރާތުންނެވެ.

އެގޮތުން އެޗްޕީއޭއިން ބުނެފައިވަނީ ޖުލައި މަހުގެ ފަހުކޮޅުން ފެށިގެން މާލޭގައި ބަލި ފެތުރުން އިތުރުވެ ބަލީގެ ހާލަތު ނުރައްކާތެރި ދަރަޖައަކަށް ދިއުމުން، އިތުރު ލޮކްޑައުންއަކަށް ނުގޮސް ބަލި ކޮންޓްރޯލްކުރުމުގެ ގޮތުން ކެފޭ ރެސްޓޯރެންޓްތައް އަވަހަށް ބަންދުކުރާގޮތަށް ހެދުމަށް ނިންމީ ކަމަށެވެ. އަދި ބަލީގެ ހާލަތު ރަނގަޅުވަމުން ނުދާތީ އަދި ހާއްސަކޮށް ޒުވާނުންގެ މެދުގައި ބަލި ފެތުރުން އިތުރުވަމުން ދިއުމާގުޅިގެން، ރޭގަނޑު 08:00 އިން ފެށިގެން މަގުމަތީގައި ދުއްވާ ތަކެތި ދުއްވުން މަނާކުރެވުނު ކަމަށެވެ. 

މީގެ އިތުރުންވެސް އެޗްޕީއޭއިން ބަލީގެ ހާލަތަށް ރިއާޔަތްކޮށް މޮނިޓަރިން މިންގަނޑުތަކަށް ބަދަލުއަންނަ ގޮތަށް ބަލައި މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދެމުން ގެންދާ ކަމަށެވެ. 

މަޖިލީހަށް ފޮނުވި ޖަވާބުގައި ސްޓެލްކޯއިން ބުނެފައިވަނީ ކޮވިޑް-19 އާ ގުޅިގެން ކަރަންޓް ބިލްތައް ދެއްކުމަށް ދަތިވާ ފަރުދުންނާއި ވިޔަފާރިތަކަށް، ނުދެއްކިވާ ބިލްތަކުގެ ފައިސާ ބަހާލައިގެން ދެއްކޭނެ އުސޫލެއް ކަނޑައަޅައި، އެ އުސޫލަށް އަމަލުކުރަމުން އަންނަކަމާއި، އަދި އެ ކުންފުނީގެ ވެބް ޕޯޓަލް މެދުވެރިކޮށް އެ ކަމާގުޅޭ ފޯމު ހުށަހެޅޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ. 

އެމްޑަބްލިއުއެސްސީން މަޖިލީހަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ކޮވިޑް-19 އާ ގުޅިގެން ދިމާވެފައިވާ ވިޔަފާރީގެ ހީނަރު ކަމަށް ލުޔެއް ހޯދައިދިނުމަށްޓަކައި އެ ކުންފުނިން ލީނިއަންސީ ޕްލޭނެއް ތައާރަފްކޮށް، ފެން ބިލްތައް ހަ މަހަށް ބަހަލައިގެން ދެއްކޭނެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި މިކަން ރެސްޓޯރަންޓް އެސޯސިއޭޝަނަށް އަންގައި، އެ އެސޯސިއޭޝަންގައި ރަޖިސްޓްރީވެފައިވާ މެމްބަރުންގެ ތަފްސީލު ހޯދައިފައިވާ ކަމަށެވެ. 

މީގެ އިތުރުން ދިރާގުން މަޖިލީހަށް ފޮނުވި ޖަވާބުގައި ބުނެފައިވަނީ ހިދުމަތްތަކުގެ ބިލުތަކަށް ކަސްޓަމަރުންނަށް ގަވައިދުން ފައިސާ ނުދެއްކުނު ކަމުގައި ވީނަމަވެސް ޖުލައިމަހާ ހަމައަށް ކަސްޓަމަރުންގެ ހިދުމަތް ކެނޑުނަނުދީ ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި ބިލަށް ފައިސާ ދެއްކުމުގެ މުއްދަތު އިތުރު ކޮށްދީ، ބިލު ދެއްކުމުގެ މުއްދަތު އިތުރުކޮށްދީފައި ވާކަމަށެވެ. 

މަޖިލީހަށް ފޮނުވި ޖަވާބުގައި އުރީދޫ އިން ބުނެފައިވަނީ އެއްފަހަރާ ބިލަށް ފައިސާ ދައްކަން ދަތިވާނަމަ މަހުން މަހަށް ބަހާލައިގެން ބިލަށް ފައިސާ ދެއްކުމުގެ އުސޫލު ހަމަޖައްސާފައިވާ ކަމަށެވެ. 

މީގެ އިތުރުންވެސް ޕެޓިޝަން ކޮމިޓީން ބުނެފައިވަނީ، ކެފޭ ރެސްޓޯރަންޓްތަކުން ހުށަހަޅާފައިވާ ޕެޓިޝަންގައިވާ މައްސަލަތަކަށް ހައްލު ހޯދުމަށް އެ ކޮމިޓީން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ. އަދި ރައްޔިތުން ހުށަހަޅާ މިފަދަ ޕެޓިޝަންތައް ވީ އެންމެ ފުރިހަމައަށް ދިރާސާކުރުމަށް އެ ކޮމިޓީން އިސްކަން ދޭކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް