ads
ޖެންޑާ މިނިސްޓަރު--
ކޮވިޑުން އަރައިގަތުމަށް ކުރާ މަސައްކަތުގައި އިސްކޮށް އުޅެނީ އަންހެނުން
ކޮވިޑް-19 އާ ގުޅިގެން އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތައް އިތުރުވެގެން ދިޔަނަމަވެސް، މި ހާލަތުން އަރައިގަތުމަށް ކުރާ މަސައްކަތްތަކުގެ އެންމެ އިސް ސަފުގައި ތިއްބެވީ އަންހެނުން ކަމަށް ޖެންޑާ މިނިސްޓަރު، އާއިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އެގޮތަށް ވިދާޅުވެފައި ވަނީ އ.ދ ގެ ޖެނެރަލް އެސެމްބްލީގެ 75 ވަނަ ސެޝަންގައި "ފޯތު ވޯލްޑް ކޮންފަރެންސް އޮން ވިމެން" އަށް 25 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި އޮންލައިން ބައްދަލުވުމުގަ އެވެ.

މިނިސްޓަރު ވިދާޅުވީ ކޮވިޑް-19 އިން އަރައިގަތުމަށް ކުރާ މަސައްކަތުގައި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ މަސައްކަތްތަކުގެ އެންމެ އިސް ރޯލުތަކުން ފެށިގެން ސާމްޕަލް ނެގުމާއި، ޓެސްޓް ހެދުމާއި، ހާއްސަ ރައްކާތެރި ކަމަށް ބޭނުންވާ މީހުނަށް ތައްޔާރުކުރި ވަގުތީ ހިޔާތައް ހިންގުމުގައި، އަންހެނުން ހަރަކާތްތެރިވަމުން ގެންދާ ކަމަށެވެ.

އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން 2019-2023 ގައި، ބެއިޖިން ޑެކްލަރޭޝަނާއި ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލަށް ރިއާޔަތްކޮށް އަންހެނުން ބާރުވެރިކުރުވުމާއި، ގޮތް ނިންމާ މަރުހަލާގައި އަންހެނުންގެ ހިއްސާ އިތުރުކުރުމާއި، އަންހެނުންނާއި މެދު ކުރެވޭ ތަފާތުކުރުންތައް ނައްތާލުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ކޮވިޑް-19 ރާއްޖޭގައި ފެތުރެން ފެށިތާ މިހާރު ހަތް މަސް ފާއިތުވެގެން ގޮސްފައިވާއިރު ގިނަ އަދަދެއްގެ އަންހެނުން އަންނަނީ ފްރޮންޓްލައިނުގައި ވެސް ހަރަކާތްތެރިވަމުންނެވެ. 

މިހާރު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 10،300 އަށް ވުރެ މައްޗަށް އަރާފަ އެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް