ads
އިޓަލީގެ ކޮވިޑްގެ ހާލަތު ގޯސްވަނީ--
ފަސް މަސް ފަހުން، އެއް ދުވަހުން އިޓަލީން ރިކޯޑު އަދަދަކަށް މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ
އިޓަލީ އިން ބުރާސްފަތި ދުވަހު ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ރިކޯޑު އަދަދަކަށް އިތުރުވެއްޖެ އެވެ.

ބޭރުގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި ބުރާސްފަތި ދުވަހު އިޓަލީން ވަނީ 2548 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އެއީ މިދިޔަ އޭޕްރީލް މަހަށް ފަހު އެގައުމުން އެއް ދުވަހެއްގެ ތެރޭގައި އެހާ ގިނަ ބަޔަކަށް ކޮވިޑް ޖެހުނު ފުރަތަމަ ދުވަސްކަން ވެސް ފާހަގަކުރެވެ އެވެ.

ފަސް މަސް ފަހުން، އިޓަލީގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު ފުރަތަމަ ފަހަރަށް 2000 އިން މައްޗަށް އަރާފައިވާއިރު މިދިޔަ ބުދަ ދުވަހު ވަނީ 1851 މީހަކު ޕޮޒިޓިވްވެފައި ކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ ނޫސްތަކުން ރިޕޯޓްކުރެ އެވެ.

ކޮވިޑް-19 ގެ ކޭސްތައް އެގައުމުގައި ވެސް އިތުރުވާން ފަށާފައި މިވަނީ އެގައުމުގެ ލޮކްޑައުނަށް ލުއިތައްދޭން ގާތްވެފައިވަނިކޮށެވެ. 

އެގޮތުން އެހާ ގިނަ އަދަދެއްގެ ބަޔަކު ޕޮޒިޓިވްވެފައި މިވަނީ ރިކޯޑު އަދަދަކަށް ޓެސްޓްކުރުން ވެސް އިތުރުކޮށްފައިވަނިކޮށެވެ. 

އިޓަލީގައި މިހާރު އައިސީޔޫގައި ފަރުވާދެމުންދާ މީހުންގެ އަދަދު 291 ގައި އުޅޭއިރު ބުރާސްފަތި ދުވަހު އެކަނި ވެސް 24 މީހަކު ވަނީ މަރުވެފަ އެވެ. އެއާއެކު އެގައުމުން ބަލީގައި މަރުވި މީހުންގެ އަދަދު މިވަނީ 35،918 އަށް އަރާފަ އެވެ. 

ކޮވިޑް ޖެހުނު މީހުންގެ އަދަދު 317،409 ގައި އުޅޭއިރު އެގައުމުގެ ހެލްތު މިނިސްޓަރު ރޮބާޓޯ ސްޕަރަންޒާ ވަނީ ކުރިއަށް އޮތް 7-8 މަހަކީ އުނދަގޫ މަސްތަކަކަށް ވެދާނެ ކަމުގެ އިންޒާރުދީ ފިޔަވަޅުތަކަށް ބޯލެނބުމަށް އެދިފަ އެވެ. 

އެގޮތުން ކުރިއަށް އޮތް މަސްތަކުގައި ކޮވިޑަށް ވެކްސިނެއް ނުލިބިއްޖެނަމަ މީހުންގެ އުޅުން ރަނގަޅުކުރަން ޖެހޭ ކަމަށާއި ބަލި ޖެހޭ މީހުންގެ އަދަދުތައް ދަށްކުރެވެން އޮތް ގޮތަކީ އެއީ ކަމަށް ވިދާޅުވެފައިވެ އެވެ.  

އިޓަލީއަށް ކޮވިޑްގެ ދެވަނަ ރާޅެއްގެ ބިރުވެރިކަން ބޮޑުވެފައިވާއިރު އެގައުމުގައި ވަނީ ކޮވިޑް އިން ރައްކާތެރިވުމަށް ވަރުގަދަ ފިޔަވަޅުތަކެއް ވެސް އަޅާފަ އެވެ. އެގޮތުން މާސްކް އެޅުން ވެސް މަޖްބޫރުކޮށްފައިވާއިރު އިޖުތިމާއީ ގައިދުރުކަމާއި އަތް ދޮވުން ފަދަ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ސިއްހީ މާހިރުން ދަނީ އެދެމުންނެވެ. އަދި އެގައުމުގައި ވެސް އަޅާފައިވާ ފިޔަވަޅުތަކަށް ބޯނުލަނބާނަމަ ބޮޑެތި ޖޫރިމަނާތައް ދަނީ ކުރަމުންނެވެ. 

މިހާރު ދުނިޔެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު 34.3 މިލިއަނަށް އަރާފައިވާއިރު ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ މިލިއަނަކަށް ވުރެ މައްޗަށް އަރާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް