ads
ޑޮނާލްޑް ޓްރަމްޕް--
ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ޓްރަމްޕް އަށް ފަރުވާ ދެނީ
ކޮވިޑް-19 އަށް ޕޮޒިޓިވްވި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭން ފަށައިފި އެވެ.

ހައިޓް ހައުސް އިން ބުނާ ގޮތުގައި އުމުރުފުޅުން މިހާރު 74 އަހަރުގެ ޓްރަމްޕް، ވޯލްޓާ ރީޑް ނޭޝަނަލް މިލިޓަރީ މެޑިކަލް ސެންޓަރުގައި އެޑްމިޓް ކޮށްގެން ފަރުވާދޭފެށީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.

ހޮސްޕިޓަލަށް ވަޑައިގެންނެވުމުގެ ކުރިން، ޓްރަމްޕް ވައިޓް ހައުސްގައި ހުންނަވައި، ކޮވިޑާއި ދެކޮޅަށް ތައްޔާރުކޮށްފައިވާ އެކްސްޕްރިމެންޓަލް އިންޖެކްޝަނެއް ޖައްސަވާފައިވާ ކަމަށް އޮފިޝަލުން ވިދާޅުވެ އެވެ.

ކޮވިޑްގެ ހައި ރިސްކް ކެޓަގަރީގައި ހިމެނޭ ޓްރަމްޕްގެ ހާލުކޮޅު ރަނގަޅު ކަމަށާއި، މިހާތަނަށް އެ ބަލީގެ އަލާމާތްތައް ފެންނަނީ ކުޑަކޮށް ކަމަށް ވައިޓް ހައުސް އިން ބުނެ އެވެ. އެކަމަކު، ހޮސްޕިޓަލަށް ވަޑައިގެންނެވިއިރު، ކޮންމެވެސް ވަރަކަށް ހުމުގެ އަސަރު ހުރި ކަމަށް ބުނެ އެވެ. 

ހޮސްޕިޓަލަށް ވަޑައިގަތުމުގެ ކުރިން ޓްވީޓާ މެދުވެރިކޮށް ޓްރަމްޕް ދެއްވި ވީޑިއޯ މެސެޖުގައި ވަނީ ހާލު ރަނގަޅު ކަމަށް ވިދާޅުވެފަ އެވެ. އަދި ފަސްޓް ލޭޑީގެ ހާލު ވެސް ރަނގަޅު ކަމަށް ވިދާޅުވެފައިވެ އެވެ. 

ޓްރަމްޕް ހޮސްޕިޓަލަށް ވަޑައިގެންނެވުމަށް ހެލިކޮޕްޓަރަށް ވަޑައިގެންނެވިއިރު މާސްކް އަޅުއްވައިގެން ހުންނެވިއިރު އަތުގެ އިޝާރާތުން ރަނގަޅު ކަމަށް ވިދާޅުވެ، އެއްވެސް ގޮތަކަށް މަޑު ނުކުރައްވައި އެރުއްވީ ހެލިކޮޕްޓަރަށެވެ.

ޓްރަމްޕް މިހާރު ހުންނެވީ އެ ހޮސްޕިޓަލުގެ ރައީސުންނަށް ހާއްސަ ކޮޓަރިކޮޅުގައި ކަމަށް ވައިޓް ހައުސް އިން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް