ads
ސިންގަޕޫރު: އެ ގައުމު ވަނީ ނަމޫނާ ދައްކާފައި--
ސިންގަޕޫރުގެ ކާމިޔާބުން ދަސްކުރަންވީ ކޮންކަމެއް؟
ސިންގަޕޫރަކީ ތަރައްގީގެ ހަރުފަތުގައި ގިނަ ކާމިޔާބުތަކެއް ހޯދާފައިވާ ގައުމެއްގެ ގޮތުގައި މިވަނީ މުޅި ދުނިޔެއަށްވެސް މަޝްހޫރުވެފައެވެ. ޖީޑީޕީ ބޮލަކަށް ޖެހޭ މިންވަރު 1960 ގައި 413 ޑޮލަރު ހުރިއިރު، 2016 ވަނަ އަހަރު މި އަދަދު ހުރީ 52،962 ޑޮލަރުގައެވެ. 1965 ވަނަ އަހަރު މެލޭޝިޔާއިން ވަކިވެ، ސިންގަޕޫރު މިނިވަން ދައުލަތެއްގެ ގޮތުގައި ފަށައިގަނެފައިވަނީ ބޮޑުވަޒީރު ލީކުއާންޔޫގެ ހިކުމަތްތެރި، ދުރުވިސްނުމާއިއެކުގައެވެ. ސިންގަޕޫރުގެ ކާމިޔާބުން އަޅުގަޑުމެންނަށް، ރާއްޖެއަށް ދަސްކުރެވޭނޭ ވަރަށް ގިނަ ކަންތައްތައް އެބަހުއްޓެވެ. އަދި އެހެނިހެން ގައުމުތަކަށްވެސް ސިންގަޕޫރުން ލިބޭ ވަރަށް ގިނަ ފިލާވަޅުތައް އެބަހުއްޓެވެ.

ސިންގަޕޫރުފަދަ ކުޑަކުޑަ ގައުމަކުން ވޭތުވެދިޔަ 55 އަހަރުގެ ތެރޭގައި ތަރައްގީގެ މަގުގައި ހޯދާފައިވާ ކާމިޔާބުގެ ސިއްރުތަކަށް ބަލާއިރު ފާހަގަވާ ދެތިންކަމެއް އެބައޮތެވެ. އެއީ ލީކުއަންޔޫގެ ލިޔުންތަކާއި، އޭނާގެ އިންޓަވިއުތަކުގެ އަލީގައި ލިބޭ މައުލޫމާތުތަކުގެ މައްޗަށް ބަލައި ފާހަގަކުރެވޭ ކަންތައްތަކެކެވެ. މިގޮތުން ލިސްޓެއް ހަދާލާއިރު ފާހަގަވާ މައިގަނޑު ބައެއް ކަންތައްތަކަށް މިލިޔުމުގައި އަލިއަޅުވާލެވޭތޯ ބަލާނަމެވެ.

ކޮރަޕްޝަން ހުއްޓުވުން

ލީކުއާންޔޫ ސިންގަޕޫރުގެ ބޮޑުވަޒީރުކަމާއި ހަވާލުވިއިރު، ސިންގަޕޫރުގައި، އަދި ލީކުއާންޔޫ ނިސްބަތްވާ ޕާޓީ، ޕީޕަލްސް އެކްޝަން ޕާޓީ (ޕީއޭޕީ) ގެ ތެރޭގައި ވަނީ ވަރަށް ބޮޑަށް ކޮރަޕްޝަން އަށަގަނެފައެވެ. ޖަޕާނުގެ އަޅުވެތިކަމުގައި ސިންގަޕޫރު 1942 އިން 1945 އަށް އޮތް ދުވަސްވަރުގައިވެސް ކޮރަޕްޝަންގެ މައްސަލަ ދިޔައީ ބޮޑުވަމުންނެވެ. ސަރުކާރު ތެރޭގައި މަސައްކަތް ކުރަމުން ދިޔަ ސިވިލް ސާވިސް މުވައްޒިފުންގެ ކުޑަ މުސާރަތަކުގެ ސަބަބުންނާއި ތަކެތީގެ އަގުތައް ބޮޑުވަމުން ދިއުމުގެ ސަބަބުން، އެކި ބާވަތް ބާވަތުގެ ރިޝްވަތު ވަނީ އާންމުވެފައެވެ.

އެހެންނަމަވެސް، ލީކުއާންޔޫ އަޒުމް ކަނޑައެޅީ، ސަރުކާރު ތެރޭގައި ކޮރަޕްޝަން ހުއްޓުވުމަށެވެ. އަދި އިޚުލާސްތެރިކަމާއި ހެޔޮ ނިޔަތުގައި ކުރެވުނު މަސައްކަތުގެ ސަބަބުން، ދުވަހެއް ދުވަހަކަށް ދިޔައީ ވައްކަމާއި ކޮރަޕްޝަން މަދުވަމުންނެވެ. ކޮރަޕްޝަން ހުއްޓުވުމަށް ހުންނަ އޮފީސް ގާނޫނީ ގޮތުން ބާރުވެރިކުރުވައި، ކުޑައެއް ބޮޑެއް ނުބަލައި، އަދި ސަރުކާރުގެ މިނިސްޓަރަކަސް، އަދި އާދައިގެ މީހަކަސް، ހަމަހަމަކަމާއިއެކު ފިޔަވަޅު އަޅަމުން ގެންދިއުމުގެ ނަތީޖާއެވެ. ރިޝްވަތު ހިފާމީހާގެ އިތުރުން ރިޝްވަތު ދޭމީހާވެސް ގާނޫން ކުށްވެރިވެއެވެ. މިނިސްޓަރެއްގެ މައްސަލަ ބެލުމަށް ބޮޑުވަޒީރު ހުރަސްއަޅައިފިނަމަ، އެމައްސަލަ ރައީސަށް ހުށަހަޅައިގެން ބެލޭގޮތަށް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.

 މީގެ އިތުރުން، ކޮރަޕްޝަން ހުއްޓުވުމާއިގުޅޭ އިދާރާގެ ފަންނީ މުވައްޒިފުންނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން، އެކަމާއިގުޅޭ ތަމްރީނާއި ތައުލީމް ދެވުނެވެ. ފޮރެންސިކް އެކައުންޓިން، އަދި ކޮމްޕިއުޓަރު ފޮރެންސިކްސް ފަދަ ދާއިރާތަކުން މީހުން ބިނާކުރެވުނެވެ. މިހުރިހާ ކަމެއްވެސް ގޮސް ގުޅެނީ، ގައުމުގެ ވެރިމީހާގެ އިޚުލާސްތެރިކަމާއި، ތެދުވެރިކަމާއި، ކަންކަން ރަނގަޅުކުރުމުގެ އަޒުމާއެވެ. ލީކުއާންޔޫގެ ކިބައިގާ އެކަންކަން ހުރުމުގެ ސަބަބުން، ސިންގަޕޫރު މިއަދު މިވަނީ އެންމެ ކޮރަޕްޝަން މަދު އެއް ގައުމުގެ ގޮތުގައިވެފައެވެ.

ރަގަޅު ތައުލީމާއި ހުނަރުވެރިކަން

ލީކުއާންޔޫގެ ފަހުން ބޮޑުވަޒީރުކަން ކުރި މިސްޓަރ ގޯޗޮކް ޓޮންގ 1997 ވަނަ އަހަރު ބުނެފައިވެއެވެ. "ސިންގަޕޫރަށް ގުދުރަތީ ވަސީލަތްތަކެއް ލިބިފައި ނެތުމަކީ އަހަރުމެންނަށް ލިބުނު އެންމެ ބޮޑު ނިއުމަތް. އެކަމުގެ ސަބަބުން އަހަރުމެން އަތުގައި ހުރި ހަމައެކަނި ވަސީލަތް (މީހުން) ތަރައްގީކުރުމަށް މަޖުބޫރުވީ."

ސިންގަޕޫރުގައި އިންސާނީ ވަސީލަތް ތަރައްގީކުރުމަށް ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދެވުނެވެ. ވިސްނުމާއި ހުނަރުވެރިކަމުގެ ގޮތުން އެންމެ 'މޮޅު' މީހުން ބިނާކުރުމަށް މަސައްކަތް ކުރެވުނެވެ. އެމެރިކާއާއި އިގިރޭސިވިލާތުގެ އެންމެ ފެންވަރު ރަނގަޅު މޮޅު ޔުނިވާސިޓީތަކަށް ކުދިން ކިޔަވަން ފޮނުވުނެވެ. އަދި މިފަދަ ޔުނިވާސިޓީތަކުގެ އެހީގައި ސިންގަޕޫރުގައި ކޮލެޖުތަކާއި ޔުނިވާސިޓީ ތަރައްގީކުރުމުގެ މަސައްކަތް ކުރެވުނެވެ. ސަރުކާރުގެ ވަޒީފާއަށް އެންމެ މޮޅެތި މީހުން ހޯދުމުގެ ގޮތުން ސަރުކާރުގެ މުސާރަތައް އެކަށީގެންވާ މިންވަރަށް ބޮޑުކުރެވުނެވެ. ޕްރައިވެޓް ސެކްޓަރާއި ސަރުކާރުގެ މުސާރަތަކުގެ ފަރަގު ކުޑަކުރެވުނެވެ. މިއާ އެކު، ސަރުކާރުގެ ވަޒީފާތަކުގައި ގާބިލް، ތައުލީމީ މީހުން ތިބުމުގެ ސަބަބުން، ސަރުކާރަށް ރައްޔިތުންގެ އިތުބާރު ބޮޑުވެ، ސަރުކާރުގެ ހިންގުން ދިޔައީ ދުވަހެއް ދުވަހަކަށް ހަރުދަނާވަމުންނެވެ.

ޕީއޭޕީގެ ސަރުކާރުން ތައުލީމް ދުށީ، ގައުމުގައި ކުރެވޭ ގައުމީ އިންވެސްޓްމަންޓެއްގެ ގޮތުގައެވެ. މިކަމުގެ ސަބަބުން ވޭތުވެދިޔަ 50 އަހަރުގެ ތެރޭގައި ސަރުކާރުން ތައުލީމަށް ކުރި ޚަރަދު ވަނީ 200 ގުނަ އިތުރުވެފައެވެ. މިގޮތުން 2016 ވަނަ އަހަރު އެކަނިވެސް 12.6 ބިލިއަން ސިންގަޕޫރު ޑޮލަރު ވަނީ ތައުލީމަށް ޚަރަދުކޮށްފައެވެ. މީގެ ނަތީޖާ މިހާރު ދަނީ ފެންނަމުންނެވެ. މިގޮތުން ބައިނަލް އަގުވާމީ ގޮތުން ހެދޭ ހިސާބު އަދި ސައިންސް ގެ އެކި ކަހަލަ ޓެސްޓްތަކާއި އެސެސްމަންޓްތަކުން ސިންގަޕޫރު ކިޔަވާކުދިން ދަނީ ދުނިޔެއިން އެއްވަނަ ހޯދަމުންނެވެ.

ކަންކަމަށް އެންމެ އެދެވޭ ހައްލު ހޯދުން

ސިންގަޕޫރުގެ މޮޑެލްއަށް އެންމެ ބޮޑަށް ފާޑުކިޔާ ގައުމުތަކާއި މީހުން އެންމެ ބޮޑަށް ފާހަގަކުރަނީ ސިންގަޕޫރުގައި ޑިމޮކްރަސީ ނެތްކަމާއި، އަދި ޚުދުމުހުތާރު ހިންގުމުގެ ނިޒާމެއްގެ ވާހަކަ ދައްކައިގެންނެވެ. އެހެންނަމަވެސް، ވޭތުވެދިޔަ 50 އަހަރުގެ ތެރޭގައި، ސިންގަޕޫރުންވަނީ ދުނިޔޭގެ އެންމެ ބޮޑެތި މަލްޓިނެޝަނަލް ކުންފުނިތައް އެގައުމުގައި އިންވެސްޓްކުރުމުގެ ފުރުސަތުދީފައެވެ. ވަރުގަދަ ފައިނޭންޝަލް ހަބަކަށް ގައުމު ހަދާފައެވެ. އެމެރިކާއާއި ޔޫރަޕުގެ ކުންފުނިތައް ގާއިމްވެ، މުއްސަނދިން މިވަނީ އެގައުމުގައި ވަޒަންވެރިވެފައެވެ.

ސިންގަޕޫރުން މިވަނީ ގައުމުގެ ތަރައްގީއަށް ބޭނުންވާ އެންމެ އެދެވޭ ހައްލު އަބަދުވެސް ހޯދާ ބަލައި، އެގޮތަކަށް ސިޔާސަތު ބައްޓަންކޮށްފައެވެ. ވަކި ފަލްސަފާއަކަށް ބޯލެނބުމުގެ ބަދަލުގައި ގައުމު ތަރައްގީގައި، ރައްޔިތުންގެ ލާބައާއި މަންފާއަށް އިސްކަންދީފައެވެ. ނަތީޖާއެއްގެ ގޮތުން، މަޑުމަޑުން އެމެރިކާއާއި، ޔޫރަޕުން، އަދި ދުނިޔޭގެ އެހެނިހެން ގައުމުތަކުންވެސް ސިންގަޕޫރުގެ މޮޑެލްގައި ހުރި ރަނގަޅު ކަންތައްތަކުގެ ވާހަކަ ދައްކަންފަށާފައެވެ.

ސިންގަޕޫރުން ލިބޭ ފިލާވަޅުތައް

އެހެނިހެން ގައުމުތަކާއި ރާއްޖެއަށް ސިންގަޕޫރުން ލިބޭ ފިލާވަޅުތައް ބައިވަރެވެ. ގައުމު ކިތަންމެ ކުޑަކަމުގައި ވިޔަސް، އަދި ވަސީލަތްތައް ކިތަންމެ މަދުކަމުގައިވިޔަސް، ތަރައްގީގެ މަގުގައި، މިނިވަންކަމާއިއެކު ކުރިއަރައިގެން ދިއުމަށް ހުރަހެއް ނެތެވެ. ވަކި ގައުމެއްގެ ފައިދަށަށް ނުވެއްޓި، މުސްތަގިއްލު ގައުމެއްގެ ގޮތުގައި އަމިއްލަ ފައިމައްޗަށް ތެދުވެވިދާނެއެވެ. ބޭނުންވަނީ، ދުރުވިސްނުމާއި، އިޚުލާސްތެރި ވެރިންނެވެ. ތައުލީމާއި ހުނަރަށް އިސްކަން ދިނުމެވެ. ބޭނުންވަނީ ސަރުކާރު ވަޒީފާތަކާއި، ސިޔާސީ މަގާމުތަކަށް މީހާގެ ތައުލީމާއި ހުނަރަށް ބަލައި ގާބިލް މީހުން އިސްކުރާ ނިޒާމެކެވެ. ސިޔާސަތުތަކާއި، ގާނޫނާއި ގަވައިދުތައް ހެދުމުގައި އިޚުލާސްތެރިކަމާއި، ތެދުވެރިކަމާއި، އެންމެންގެ މަސްލަހަތު ހިމާޔަތްކުރުމަށް އިސްކަންދިނުމެވެ. ކޮންމެ މީހަކީވެސް ތިމާގެ ވަޒީފާއާއި، ޒިންމާތައް ތެދެވެރިކަމާއި އަމާނާތްތެރިކަމާއިއެކު އަދާކުރާ މީހަކަށްވުމެވެ. އަމިއްލަ މަސްލަހަތަށްވުރެ ގައުމީ މަސްލަހަތު އިސްކުރުމެވެ.

އެޑިޓަރުގެ ނޯޓް:

ޝަހުލް ހުސައިން އަކީ ސީއެންއެމް ނޫހަށް ލިޔަމުންދާ ލިޔުންތެރިއެކެވެ. މައިގަނޑުގޮތެއްގައި ލިޔަމުންދަނީ އިޖުތިމާއީ އިގުތިސާދީ ދާއިރާގެ މައްސަލަތަކާ ބެހޭ ގޮތުންނެވެ.

80%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް