ads
ބްރޯޑްކޮމްގެ މެމްބަރުން--
ބްރޯޑްކާސްޓިން އަދި ރީބްރޯޑްކާސްޓިން ލައިސެންސަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި
ބްރޯޑްކާސްޓް ކުރުމަށާއި ރީބްރޯޑްކާސްޓު ކުރުމުގެ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ލައިސެންސަށް އެދުމުގެ ފުރުސަތު މިއަދުން ފެށިގެން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ހުޅުވާލައިފި އެވެ.

ބްރޯކާސްޓިން ދުވަހާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބްރޯޑްކޮމްގެ ރައީސް މަރިޔަމް ވަހީދާ ވިދާޅުވީ ބްރޯޑްކާސްޓިން އަދި ރީބްރޯޑްކާސްޓިން ލައިސަންސްއަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން ފަސް އަހަރުގެ މުއްދަތަށް ހުޅުވިފައި އޮންނާނެކަމަށެވެ.

އެކަމުގެ އިތުރު ތަފްސީލާއެކު ބްރޯޑްކޮމުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ބްރޯޑްކާސްޓް ކުރުމާއި ރީބްރޯޑްކާސްޓް ކުރުމުގެ ލައިސެންސް ދޫކުރުމަށް ނިންމާފައިވާ ވަސީލަތްތަކަކީ ޓެރެސްޓްރިއަލް، ކޭބަލް ނެޓްވޯކް، ސެޓެލައިޓް، މޯބައިލް ނެޓްވޯކް، އިންޓަނެޓް، އަދި ކޮމިޝަނުން ފާސްކޮށްފައިވާ އެހެނިހެން މީޑިއަމްތަކެވެ. 

އެކަމަށް އެދި ހުށަހަޅާ ފޯމް އެ ކޮމިޝަނުގެ ވެބްސައިޓް www.broadcom.org.mv އިން ޑައުންލޯޑް ކުރެވޭނެ ކަމަށާއި ބްރޯޑްކޮމްގެ ކައުންޓަރުން ވެސް ލިބޭނެ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ. 

"ކޮމިޝަނުން ދޫކުރާ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސްތައް އާ ފޯމެޓެއްގައި ދޫކުރުމަށާއި، މީގެ ކުރިން ކޮމިޝަނުން ދޫކޮށްފައިވާ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސްތައް އާ ފޯމެޓަށް (އެއްވެސް އަގަކާނުލައި) ބަދަލުކުރުމަށް މިއަދުން (04 އޮކްޓޫބަރު 2020) ފެށިގެން 3 އެޕްރީލް 2021 ގެ ކުރިން ކޮމިޝަނަށް ހުށަހެޅުމަށް ކޮމިޝަނުން ނިންމާފައިވާކަން އަންގަމެވެ،" އެ ބަޔާނުގައި ވެއެވެ. 

އޭގެ އިތުރުން ލައިސަންސް ގެއްލި ނުވަތަ ހަލާކުވެފައިވާ ނަމަ، އެކަން ބަޔާންކޮށް، ލައިސަންސް ލިބިފައިވާ ފަރާތުގެ ލިޔުމެއް ހުށަހެޅުމުން ހަމަޖެހިފައިވާ އުސޫލުން އާ ފޯމެޓްގައި ލައިސަންސް ދޫކުރާނެ ކަމަށް ވެސް ބްރޯޑްކޮމުން ބުނެ އެވެ. 

ތަފާސްހިސާބަށް ބަލާއިރު މިހާތަނަށް 39 ފަރާތަކަށް ބްރޯޑްކާސްޓިން ލައިސެންސް ދޫކޮށްފައި ވެއެވެ. އެއީ 11 ރޭޑިއޯ އަދި 28 ޓީވީ ޗެނަލެވެ. އޭގެ އިތުރުން 121 ފަރާތަކަށް ރީބްރޯޑްކާސްޓިން ލައިސެންސް ދޫކޮށްފައި ވާއިރު، މުޅި ރާއްޖެއަށް ހިދުމަތް ދެނީ ފަސް ފަރާތަކުންނެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބްރޯޑްކޮމް ރައީސް މަރިޔަމް ވަހީދާ ވަނީ އެ ކޮމިޝަނުން ކޮށްފައިވާ މަސައްކަތްތަކާއި ކުރިމަގުގައި ކުރަން ރާވަފައިވާ މަސައްކަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާ ކުރައްވާފަ އެވެ. 

އެގޮތުން ކޮމިޝަނުން މީޑިއާތަކާ ބައްދަލުކޮށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި މަޝްވަރާތަކުގެ މައްޗަށް ކަރުދާހެއް ތައްޔާރުކޮށް، ކޮމިޝަނުގެ ރިސޯސްތަކުގެ އެހީގައި ހައްލު ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. 

ކޮވިޑް-19 އާ ގުޅިގެން ވެސް މީޑިއާތަކާ ބައްދަލުކުރި ކަމަށާއި، އެންމެ ބޮޑު ކަންބޮޑުމަކަށް ފާހަގަކޮށްފައި ވަނީ މާލީ ދަތިކަމަށް ވާއިރު، އެކަން ހައްލުކޮށްދިނުމަށް އެދި ރައީސް އޮފީހާއި އިކޮނޮމިކް މިނިސްޓްރީއަށް ސިޓީ ފޮނުއްވި ކަމަށް މަރިޔަމް ވަހީދާ ވިދާޅުވި އެވެ. 

"ޒޫމް މެދުވެރިކޮށް އެ ފަރާތްތަކާ ބައްދަލުކޮށް ހާލު ބެލިއިރު، އެންމެ ފުރަތަމަ ވެސް ފެނުނީ ފައިނޭންޝަލް ދަދިތަކެއް. ބްރޯޑްކޮމް އަކީ ފައިނޭންޝަލް އެހީވެވޭނެ ބައެއް ނޫން އެފަދަ ރިސޯސްތަކެއް އަދި ނެތް. އެހެންވެ ރައީސް އޮފީސް އަދި އިކޮނޮމިކް މިނިސްޓްރީއަށް ސިޓީ ފޮނުވީ. ކުރެވެން އޮތީ މަޝްވަރާ އެކަނި. އެކަން ކޮށްގެން ކޮންމެވެސް ވަރެއް ވި ކަމަށް އުއްމީދު ކުރަނީ،" އޭނާ ވިދާޅުވި އެވެ.

ބްރޯޑްކޮމުން ހިންގާފައިވާ ބައެއް ކަންކަމަށް ބަލާއިރު، އިސްލާމިކް ޔުނިވާސިޓީއާ ގުޅިގެން ބްރޯޑްކާސްޓިންގެ ސުލޫކީ މިންގަނޑަށް އަހުލުވެރި ކުރުވުމުގެ ވޯކްޝޮޕް ހިންގުމާއި، ބޭރުގެ ފަރާތްތަކާ ބައްދަލު ކުރުމާއި، ކޮމިއުނިޓީ ބްރޯޑްކާސްޓިންގެ ޕައިލެޓް ޕްރޮޖެކްޓު ފެށުމަށް ހުއްދަ ދިނުން ހިމެނެ އެވެ.

ކުރިއަށް އޮތް ތަނުގައި އައިޔޫއެމްއާ ގުޅިގެން ދިރާސާ ކުރުމުގެ މަސައްކަތަކެއް ފަށާނެ ކަމަށާއި، މީޑިއާ ފަރާތްތަކަށް ބޭރުން ސްކޮލަޝިޕް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށާއި، އިތުރު ފަރާތްތަކަށް ކޮމިއުނިޓީ ބްރޯޑްކާސްޓިން ހުއްދަ ދޭނެ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.

"އެންމެ ފުރަތަމަ ޕައިލެޓް ޕްރޮޖެކްޓު ފެށީ ދުވާފަރު ސްކޫލުން. އެހެން ޕްރޮޖެކްޓްތައް ވެސް ރިވިއުކޮށްފައި މޮނިޓާ ކުރެވޭ ގޮތަށް ހާއްސަ ހުއްދައެއް ދެވޭނެ. ޕައިލެޓް ޕްރޮޖެކްޓު ރިވިއު ކުރުމަށް ފަހު އެހެން ފަރާތްތަކަށް ހާއްސަ ހުއްދަ ދެވޭނީ،" މަރިޔަމް ވަހީދާ ފާހަގަކުރެއްވި އެވެ. 

ބްރޯޑްކޮމުން ވަނީ ކޮވިޑް-19 ގެ ދަތި ހާލަތުގައި ވެސް ބްރޯޑްކާސްޓަރުން ކުރި ހިދުމަތް ޝުކުރުވެރިކަމާއެކު ފާހަގަކޮށްފަ އެވެ. އެގޮތުން އެ މަސައްކަތަކީ "ތާރީހުގެ ތެރެއަށް ވަދެގެން ދާނެ" މަސައްކަތެއް ކަމަށް އެ ކޮމިޝަނުގެ ރައީސް ވިދާޅުވި އެވެ.

އެ ކޮމިޝަނުން އިތުރަށް ފާހަގަކޮށްފައި ވަނީ ބްރޯޑްކާސްޓިން ދާއިރާއަށް ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ފަރާތްތަކަށް ހާއްސަ އެވޯޑެއް ދިނުމުގެ މަސައްކަތެވެ. އެ މަސައްކަތް ވެސް ކުރަމުންދާ ކަމަށާއި، މުސްތަގުބަލުގައި އެވޯޑް އިއުލާން ކުރާނެ ކަމަށް ބްރޯޑްކޮމުން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް