ads
ރާއްޖޭގެ ސަރަހައްދެއްގައި ލަޑާ އާލާކުރަނީ-- ފޮޓޯ:ދަ އައިލެންޑް
އެކުއަކަލްޗާ ކުރުމަށް ހުއްދަ ދިނުމުގެ ގަވާއިދު އާއްމުކޮށްފި
އެކުއަކަލްޗާ ކުރުމަށް ލައިސަންސް ދިނުމާއި ހުއްދަ ދިނުމުގެ ގަވާއިދު އާއްމުކޮށްފި އެވެ.

"މަސްވެރިކަމާއި، މަސްވެރިކަމާ ގުޅުންހުރި އެހެނިހެން ހަރަކާތްތަކަށާއި އެކުއަކަލްޗާ ކުރުމަށް ލައިސަންސް ދިނުމާއި ހުއްދަ ދިނުމުގެ އިޖުރާއަތުތަކާބެހޭ ގަވާއިދު"ގެ މައިގަނޑު މަގްސަދަކީ، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނުގެ އިމުގެ ތެރެއަށް ފެތޭ މަސްވެރިކަމާއި، މަސްވެރިކަމާ ގުޅުންހުރި އެންމެހައި ހަރަކާތްތަކާއި، އެކުއަކަލްކަޗާ ކުރުމާއި، އެކަމާއި ގުޅުންހުރި ހަރަކާތްތައް ހިންގާ އެންމެހައި ފަރާތްތަކާއި، އުޅަނދުފަހަރާއި، ތަންތަނުން ނަގަންޖެހޭ ހުއްދަތައް އެ ފަރާތްތަކަށް ދިނުމާއި  އާކުރުން އަދި ބާތިލުކުރުމުގައި އަމަލުކުރާނެ އިޖުރާއަތުތައް ބަޔާންކުރުމެވެ. 

އިއްޔެ އާއްމުކޮށްފައިވާ އެގަވާއިދުގައި ވާގޮތުން ލައިސަންސް ނުވަތަ ހުއްދައަށް އެދި ހުށަހެޅުމުގެ ކުރިން ކަމާ ގުޅޭ ގަވާއިދުތަކާއި މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭންތަކުގައި ކަނޑައަޅައި ބަޔާންކޮށްފައިވާ އެންމެހައި ކަންތައްތައް ފުރިހަމަ ކުރަންވާނެއެވެ. އަދި އެ ހަރަކާތަކީ މަސްވެރިކަމުގެ މަޝްރޫއުތައް ގާއިމްކުރުމަށް ހުއްދަދިނުމުގެ ގަވާއިދުގެ ދަށުން ހުއްދައެއް ބޭނުންވާ ހަރަކާތެއްނަމަ، ލައިސަންސަށް އެދި ހުށަހަޅާއިރު އެ މަޝްރޫއު ހިންގުމަށް މިނިސްޓްރީން ދޫކޮށްފައިވާ ހުއްދަ އޮންނަންވާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.

އެ ގަވާއިދުގެ ދަށުން ލައިސަންސާއި ހުއްދަ ހޯދުމަށާއި އާކުރުމަށް އެދި ހުށަހަޅާނީ، އެ ލައިސަންސަކަށް އެދި ހުށަހެޅުމަށް މިނިސްޓްރީން ތައްޔާރުކޮށް މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ފޯމު ނުވަތަ "ފިޝަރީޒް އިންފޮމޭޝަން ސިސްޓަމް- ކެޔޮޅު" މެދުވެރިކޮށް ކަމަށާއި އެ ގަވާއިދުގެ ދަށުން ދޫކުރާ ލައިސަންސް ނުވަތަ ހުއްދައަށް އެދި ހުށަހަޅާ އުޅަނދު ނުވަތަ ތަނުގެ ގާނޫނީ ވެރިފަރާތް ނޫން އެހެން ފަރާތަކަށް ލައިސަންސް ނުވަތަ ހުއްދަ ދޫކުރެވިދާނެ ކަމަށް ބަޔާންކޮށްފައިވެއެވެ. 

އެ ގަވާއިދުގެ ދަށުން ދޫކުރާ ލައިސަންސާއި ހުއްދައިގެ ފީ ނަގާނީ، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދަށުން ހަދައިފައިވާ، ކަމާ ގުޅޭ ގަވާއިދުތަކުގައި ނުވަތަ މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭންތަކުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންކަމަށާއި އެ ގަވާއިދުގެ ދަށުން ދޫކުރާ ލައިސަންސާއި ހުއްދަތަކަށް ދައްކަންޖެހޭ ފީ، މިނިސްޓްރީއަށް ނުވަތަ ރަށު ކައުންސިލް ނުވަތަ ސިޓީ ކައުންސިލް މެދުވެރިކޮށް ދެއްކިދާނެކަމަށް ގަވާއިދުގައި ކަނޑައަޅާފައިވެއެވެ.

ހުއްދައަށް އެދި ހުށަހަޅާ ފަރާތަކީ، ދިވެހި ރާއްޖޭގެ މަސްވެރިކަމުގެ ގާނޫނާއި، އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދަކާ ނުވަތަ މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭނަކާ ހިލާފުވެގެން މިނިސްޓްރީއަށް ދައްކަންޖެހޭ ޖޫރިމަނާއެއް ދައްކައިފައިނުވާ ފަރާތަކަށްވާނަމަ ނުވަތަ ޖޫރިމަނާއެއް ދައްކަމުން ގެންދަންޖެހޭ ގޮތަށް ދައްކަމުން ނުދާ ފަރާތަކަށް ވާނަމަ އަދި ހުއްދައަށް އެދި ހުށަހަޅާ ފަރާތަކީ، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނާއި، އެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދަކާއި ނުވަތަ މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭނަކާ ހިލާފުވެގެން ހުއްދަ ބާތިލުކޮށް، ވަކި މުއްދަތަކަށް ހުއްދަ އާކޮށް ނުދިނުމަށް ކަނޑައަޅައިފައިވާ ފަރާތެއްނަމަ ހުއްދަ ދޫނުކުރާނެ ކަމަށް ވެސް ގަވާއިދުގައިވެއެވެ.

މީގެ އިތުރުން  ހުއްދައަށް އެދި ހުށަހަޅާ އުޅަނދަކީ، ގާނޫނާއި ގަވާއިދާ ހިލާފަށް ބެލެހެއްޓުމެއް ނެތި އަދި ރިޕޯޓްކުރުމެއް ނެތި މަސްވެރިކަން ކުރުމުގައި ހަރަކާތްތެރިވުމުގެ ސަބަބުން، ގައުމީ ފެންވަރުގައި ނުވަތަ ބައިނަލްއަގްވާމީ ފެންވަރުގައި އެކުލަވައިލައިފައިވާ އެއްވެސް އިލީގަލް، އަންރެގިއުލޭޓެޑް އެންޑް އަންރިޕޯޓެޑް ވެސަލް ލިސްޓެއްގައި ހިމަނައިފައިވާ އުޅަނދަކަށް ވެއްޖެނަމަވެސް ހުއްދަ ދޫނުކުރާނެ ކަމަށް ގަވާއިދުގައިވެއެވެ.

މަސްވެރިކަމާއި، މަސްވެރިކަމާ ގުޅުންހުރި އެހެނިހެން ހަރަކާތްތަކަށާއި އެކުއަކަލްޗާ ކުރުމަށް ލައިސަންސް ދިނުމާއި ހުއްދަ ދިނުމުގެ އިޖުރާއަތުތަކާބެހޭ ގަވާއިދު މިހާރު ގެޒެޓްގައި ޝާއިއުކޮށްފައިވާއިރު އެ ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނުގެ ދަށުން ދޫކޮށްފައިވާ އެންމެހައި ލައިސަންސްތަކާއި ހުއްދަތަކަކީ އެ ގަވާއިދުގެ ދަށުން ދޫކޮށްފައިވާ ލައިސަންސްތަކާއި ހުއްދަތައް ކަމުގައި ބެލޭނެ ކަމަށްވެސް ބަޔާންކޮށްފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް