ads
މަޖިލިސް--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ޕާޓީތަކުގެ މެމްބަރުން ވަކިން ތިބޭގޮތަށް މަޝްވަރާކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ސިޔާސީ ޕާޓީތަކުގެ މެމްބަރުން ވަކިން ތިބޭގޮތަށް ތަޅުމުގެ އެތުރުން ބަދަލުކުރުމަށް މަޝްވަރާ ކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވަނީ މަޖިލީހުގެ ޖަލްސާކުރާ މާލަމުގައި މެންބަރުން އިށީދެވަޑައިގަންނަވާ ތަރުތީބު ބަދަލުކުރެއްވުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފަ އެވެ. 

އެގޮތުން އެހެން ގައުމުތަކުގެ މަޖިލީހުގައި މެމްބަރުން ތިބޭގޮތާއި ގުޅޭގޮތުން މަޖިލީހުގެ އިދާރާއިން ތައްޔާރުކޮށްފައިވާ ރިޕޯޓެއް ކޮމިޓީގައި އިއްވާފައިވެ އެވެ. 

ކޮމިޓީގައި ވާހަކަ ދައްކަވަމުން ކޮމިޓީގެ މުގައްރިރު ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވީ މަޖިލީހުގައި މިހާރުވެސް މަސައްކަތް ކުރަމުން އަންނަނީ އަތޮޅުތަކަށް ވާގޮތަށް ނޫން ކަމަށާއި މަސައްކަތްކުރަމުން އަންނަނީ ޕާޓީތަކަށް ނިސްބަތްވާގޮތަށް ކަމަށެވެ.

"މިސާލަކަށް އަޅުގަނޑުމެން ކަމެއްގައި ވޯޓަކަށް ދާއިރު ވެސް މިއަހަނީ، މިސާލަކަށް ށ. އަތޮޅު ނުވަތަ މިސާލަކަށް މާލެ. އަޅުގަނޑުމެން އެންމެންގެ ވިސްނުން ހުރި ގޮތް ބަލާފައި ވޯޓް ދެނީއެއް ނޫނޭ. އެހެން ނަމަވެސް އެމްޑީޕީ ނުވަތަ ޕީޕީއެމް، އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕޭ އިށީންނަނީ، އިށީނދެފައި ގޮތެއް ނިންމަނީ. ނިންމާފައި އެއަށް ވޯޓް ދެނީ ވެސް. އެހެންވީމަ ތަޅުމުގަ ތިބޭއިރުވެސް އެކީގަ އެހެންތިބުން އެއިއްޔޭ އޭގެ ރެޝަނަލްއެއްގެ ގޮތުގައި ވެސް ފާހަގަކުރެވެނީ." ހަސަން ލަތީފް ވިދާޅުވި އެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ވިދާޅުވީ އުތުރުން ދެކުނަށް ވާގޮތަށް ގޮނޑިތައް ތަރުތީބުކުރުމަކީ އަތޮޅުތަކުގެ ތަރުތީބުން އެއްހަމަ އެއްގައި ހިފެހެއްޓުމަށް ފަސޭހަވާނެ ގޮތެއް ކަމަށެވެ. އަދި މިހާރު ސިޔާސީ ޕާޓީތައް ހުރި ގޮތުން ޕާޓީ ތަރުތީބުން މެމްބަރުން ތަޅުމުގައި އަތުރަން ފަސޭހަ ނުވާނެ ކަމަށެވެ. 

ކޮމިޓީގެ މިއަދުގެ ބައްދަލުވުން ނިންމާލީ ދެ ގޮތް ވެސް ހިމަނައިގެން ކޮމިޓީ ރިޕޯޓް އެކުލަވާލުމަށް އަލުން ކޮމިޓީ ބައްދަލުވުމެއް ބޭއްވުމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް