ads
އެމްއެމްއޭ އިމާރާތް-- ފޮޓޯ: ސަން
އެމްއެމްއޭ އިން ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އަނެއްކާވެސް އިތުރުކޮށްފި
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އަނެއްކާވެސް އިތުރުކޮށްފި އެވެ.

ކޮވިޑް 19 ގެ ސަބަބުން ރާއްޖެ އަށް ކުރިމަތިވެފައިވާ މާލީ އަދި އިގްތިސާދީ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި އެމްއެމްއޭ އިން ކެނޑިނޭޅި މަސައްކަތްތަކެއް ކުރަމުން އަންނައިރު ފަތުރުވެރިކަމުގެ ދާއިރާ އަށް އައި ކުއްލި ހީނަރުކަމުގެ ސަބަބުން ގައުމަށް ވަންނަ ޑޮލަރު މަދުވުމުން ބޭރުފައިސާގެ ބާޒާރަށް ކުރިމަތިވި ޕްރެޝަރުތައް ކުޑަކުރުމަށް އެމްއެމްއޭ އިން ދަނީ މަސައްކަތް ކުރަމުންނެވެ. 

އެމްއެމްއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކުރިން ބޭންކުތަކަށް ދޫކުރަމުން އައި ޑޮލަރުގެ އިތުރުން ޒަރޫރީ ބޭނުންތަކަށް މުދާ އިމްޕޯޓްކުރުމަށްޓަކައި އިތުރު ޑޮލަރު ބޭންކުތައް މެދުވެރިކޮށް ދަނީ ދޫކުރަމުން ކަމަށާއި ބޭރުފައިސާގެ ބާޒާރަށް އޮތް ޕްރެޝަރު ކުޑަކުރުމަށް އިތުރު ފިޔަވަޅުތައް އެޅުމަކީ މުހިއްމުކަމަކަށްވާތީ، އަނެއްކާވެސް ބޭންކުތަކަށް ޑޮލަރު ދޫކުރާ މިންވަރު އިތުރުކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން މި އަހަރު ނިމެންދެން އެގޮތަށް އަމަލުކުރަމުން ގެންދިއުމަށްވެސް އެމްއެމްއޭ އިން ނިންމާފައިވާ ކަމަށާއި ކޮވިޑް 19 ގެ ސަބަބުން ދިމާވާ އިގްތިސާދީ އަދި މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް މިހާތަނަށް 354 މިލިއަން ޑޮލަރު ވަނީ ލިބިފައިވާކަން ވެސް އެމްއެމްއޭ އިން ފާހަގަކުރެ އެވެ. 

އެމްއެމްއޭ އިން ބުނީ ކޮވިޑް 19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށް ވަނީ ވަރަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާންޖެހިފައި ނަމަވެސް އިގްތިސާދު ކުރިއަރަމުން އަންނަކަމުގެ އުންމީދީ ނިޝާންތަކެއް ދަނީ ފެންނަމުން ކަމަށެވެ. 

އެގޮތުން މިދިޔަ ޖުލައި 15 އިން ފެށިގެން ރާއްޖޭގެ ބޯޑަރު ހުޅުވުމާއި ގުޅިގެން ރާއްޖެއަށް ވަނީ އެމަހުގެ ނިޔަލަށް 1752 ފަތުރުވެރިން ޒިޔާރަތްކޮށްފައި ކަމަށާއި ރާއްޖެ އަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދަނީ މަހުންމަހަށް އިތުރުވަމުން ކަމަށް ވެސް ބުނެ އެވެ. 

އަދި އިމިގްރޭޝަންގެ ތަފާސްހިސާބު ދައްކާ ގޮތުން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖެ އަށް ވަނީ 18،918 ފަތުރުވެރިން ޒިޔާރަތްކޮށްފައި ކަމަށާއި އެވެރެޖްކޮށް ފަތުރުވެރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރާ މުއްދަތު ވެސް ދަނީ އިތުރުވަމުން ކަމަށެވެ. 

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ފަތުރުވެރިން އެވެރެޖްކޮށް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައި ވަނީ ހަ ދުވަހަށް ނަމަވެސް މި ސެޕްޓެމްބަރު މަހު ފަތުރުވެރިން އެވެރެޖްކޮށް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވާ މުއްދަތު ވަނީ 9 ދުވަހަށް އިތުރުވެފައި ކަމަށް އެމްއެމްއޭ އިން ބުނެ އެވެ. 

އޭގެ އިތުރުން އިމާރާތްކުރުގެ ސިނާއަތްވެސް މަޑުމަޑުން ކުރިއަރަމުންދާކަން އެމްއެމްއޭ އިން ފާހަގަކުރެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް