ads
ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
ރާއްޖޭގެ ހުރިހާ ޓީޗަރުންނަށް މިނިސްޓަރުގެ ސިޓީއެއް
ސަރުކާރުގެ ހުރިހާ ސްކޫލުތަކުގެ ޓީޗަރުންނަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ސިޓީއެއް ފޮނުއްވައިފި އެވެ.

ކޮންމެ ޓީޗަރަކަށް އެޑްރެސްކޮށް އެޑިއުކޭޝަން މިނިސްޓަރު ފޮނުއްވި އެ ސިޓީގައި ވަނީ މިއަދު ފާހަގަކުރަމުންދާ ޓީޗަރުންގެ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ފޮނުއްވާފަ އެވެ. 

އެ ސިޓީގައި ވަނީ އާއްމު ހާލަތުގައި ފިލާވަޅެއް ތައްޔާރުކުރެއްވުމަށް މުދައްރިސަކު ކުރައްވާ ބުރަ މަސައްކަތާއި އެކަމަށް ހޭދަވާ ވަގުތު، މުދައްރިސެއްގެ ހައިސިއްޔަތުން އެނގޭ ކަމަށާއި އެކަމަކު މިއަދު ހާލަތަކީ އެއީ ނޫން ކަމަށެވެ. 

މުދައްރިސެއްގެ ބުރަ މަސްއޫލިއްޔަތާ ހަވާލުވެ ލެއްވިއިރު މިފަދަ ދުވަސްތަކެއް ކުރިމަތިވެދާނެކަމަށް ހިތަށް ވެސް ނާރާނެކަން ކަމަށާއި މި ދަތި ހާލަތުގައި މި އުނދަގޫ ދުވަސްވަރުގައި އިސްނަންގަވައި ދަރިވަރުންނަށް މެދު ނުކެނޑި ތައުލީމު ފޯރުކޮށްދެއްވުމުގައި ދެމި ހުންނެވިކަން ފާހަގަކުރައްވަ އެވެ. 

އަދި ސިއްހީ ބޮޑު ބަލިމަޑުކަމުގެ މެދުތެރޭގައި އާއިލާއަށް ވަގުތުދެއްވަމުން، ދަރިވަރުންގެ ހާލު
ބައްލަވަމުން އެ ކުދިންނަށް ކިޔަވައިދެއްވަން މަސައްކަތްކުރައްވާފައިވާ ކަމަށާއި އެކަންކަން ކުރުމުގައި ދެއްކެވި ހިތްވަރާއި އަޒުމަށް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ. 

އޭގެ އިތުރުން ސިޓީގައި ބުނީ އިންޓަނެޓް މެދުކެނޑުމުން އެދުވަހު ކުރިއަށް ނުގެންދެވުނު ގޫގުލް މީޓް ސެޝަންވެސް އެއީ ފިލާވަޅެއްކަމަށާއި އަމިއްލަ ފޯނުން ބެލި ކްލާސް ރެކޯޑްކުރައްވަން އެކުރެއްވި ބުރަ މަސައްކަތްތައްވެސް އެއީ އިބުރަތެއް ކަމަށެވެ. 

އަދި ނިދި ނަންގަވާލައްވައި، އިންސްޓްރަކްޓަރުން ދެއްވެވި އިރުޝާދުތަކުގެ މަތިން އެތައް ފަހަރަކު ތަކުރާރުކުރެއްވި ޖީސޫޓްގެ ތަމްރީންތައްވެސް އެއީ ހޯއްދެވުނު ކުރިއެރުމެއްކަން ވެސް ފާހަގަކުރައްވާ ސިޓީގައި އިތުރަށް ބުނީ ދިމާވި ހުރިހާ ގޮންޖެހުންތަކަކަށް ކެތްތެރިކަމާއެކު މަރުހަބާ ކިޔުއްވާ ދަރިވަރުންނަށް މި ދަތި ވަގުތުގައިވެސް އެކުދިން ދޫކޮށްނުލައްވާކަން އިހްސާސްކޮށްދެއްވީތީ ޝުކުރު އަދާކުރައްވާ ކަމަށެވެ. 

"ކްލާސްރޫމްގެ ހަތަރު ފާރުން ބޭރަށް، ގޭގެ މެދުގެއަށް ކިލާސްތައް ދިއުމުން ދުވަހީގޮތެއްގައި ތިބާ ކުރައްވާ މަސައްކަތްތައް ބެލެނިވެރިންނަށް އެނގި ހާމަވެއްޖެއެވެ. އެންމެ ކުއްޖެއް، ފިލާވަޅުގައި މަޝްއޫލުކުރުމަށްޓަކައި ކުރައްވަންޖެހޭ ބުރަ މަސައްކަތް ތަޖުރިބާކުރެވުމުން، މުދައްރިސެއް ކިލާހެއްގައި ހުރިހާ ދަރިވަރުންގެ ސަމާލުކަން ހޯއްދެވުމަށް ކުރައްވާ މަސައްކަތަށް ބެލެނިވެރިންގެ ގަދަރު ލިބިއްޖެއެވެ،" 

އޭގެ އިތުރުން ސިޓީގައި ވަނީ މިނިސްޓަރުގެ ނަޒަރުގައި އާއްމުކޮށް ހުރިހާ މުދައްރިސުންނަށް، ޙައްޤު ޝުކުރު އަދާކުރުމަކީ އަދި އެދެވޭ ބަދަލެއް ދިނުމަކީ ކުރެވޭނޭ ކަމެއް ނޫން ކަމަށެވެ. 

"އެއަށްވުރެ ތިބާގެ މަސައްކަތް ބުރައެވެ. ގުރުބާނީ މަތިވެރިއެވެ،" ރާއްޖޭގެ ހުރިހާ ސަރުކާރު ސްކޫލެއްގެ ޓީޗަރުންނަށް މިނިސްޓަރު ފޮނުއްވި ސިޓީގައި ފާހަގަކުރައްވަ އެވެ. 

މިއީ ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ޓީޗަރުންނަށް އެޑްރެސްކޮށް މިގޮތަށް އެޑިއުކޭޝަން މިނިސްޓަރު ސިޓީއެއް ފޮނުއްވި ފުރަތަމަ ފަހަރެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް